ގއ. ދާންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ގިނަ މަސައްކަތްތަކެއްގެ ބޮޑުބައި ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.
އެމްޓީސީސީ އިން ބުނީ އެ މަސައްކަތުގައި ހިމެނޭ އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތާއި، ކޮންކްރީޓް މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. އަދި ރޭމްޕް ހަރުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ބޭރުތޮށި ލުމުގެ މަސައްކަތުގެ 55 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން،52،099 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ބަނދަރު ފުންކުރުމާއި، 4953 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމަށް ވަނީ ނިންމާފަ އެވެ. އަދި 30 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 333 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމަށް ވެސް ނިންމާފައި ވެއެވެ.
މީގެ އިތުރުން 170 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 529 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1203 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.
މި މަޝްރޫޢަކީ 70.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
