އިޓާލިއަން ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޔުވެންޓަސް އަތުން 5-1 އިން ހޯދީ މޮޅާއެކު، ނަޕޯލީން ލީގުގެ އެއްވަނައިގައި 10 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ނަޕޯލީ އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު 18 މެޗުން ލިބުނު 47 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް އޭސީ މިލާނަށް 17 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، ޔުވެންޓަސް ތިންވަނައިގައި އޮތީ އެއް މެޗު އިތުރަށް ކުޅެގެން މިއަދަދަށް ޕޮއިންޓް ލިބިގެންނެވެ. ހަތަރެއްގައި އޮތް އިންޓަ މިލާނަށް 17 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ.
ނޭޕްލްސްގައި ހުންނަ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން 14 ވަނަ މިނެޓުގައި ނަޕޯލީ އަށް ލީޑްނަގައިދިނީ ވިކްޓާ އޮސީމެން އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ނަޕޯލީގެ ޖޯޖިއާ ވިންގް، ކްވިޗާ ކްރަވަޝްކޭލިއާ ފޮނުވާލި ބޯޅައެއް ޔުވެންޓަސްގެ ގޯލްކީޕަރު ވޮޝިއެކް ޝެޒްނީ އަތުގައި ޖެހިފައި ނިކުތުމުން ދެވަނަ ފަހަރަށް އެ ބޯޅަ އޮސީމެން ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
އޭގެ ހަ މިނެޓުފަހުން، ޔުވެންޓަސް އަށް އެއްވަރުކޮށްދޭން އާޖެންޓީނާގެ ވިންގް، އެންހެލް ޑި މާރިއާ ޕެނަލްޓީއޭރިޔާ ބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ނަޕޯލީގެ ދެވަނަ ލަނޑުޖަހައިދިނީ ކްރަވަޝްކޭލިއާ އެވެ. މިއީ އޮސީމެން ދިން ބޯޅައަކުން ކްރަވަޝްކޭލިއާ ކާމިޔާބުކުރި ގޯލެކެވެ. މި ހާފު ނިމުމުގެ ކުރީން، 42 ވަނަ މިނެޓުގައި ޑި މާރިއާ ވަނީ ޔުވެންޓަސް އަށް ފަރަގުކުޑަކޮށްދީފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން 10 ވަނަ މިނެޓުގައި އާމިރް ރަހުމާނީ ވަނީ ނަޕޯލީ އަށް އަލުން ދެ ލަނޑުގެ ލީޑް ދަމަހައްޓައިދީފައެވެ. އަދި އޭގެ ފަހުން، މެޗުގެ 65 ވަނަ މިނެޓުގައި ކްރަވަޝްކޭލިއާ ދިން ބޯޅައަކުން އޮސީމެން ވަނީ ނަތީޖާ 4-1 އަށް ބަދަލުކޮށްލައިފައެވެ.
ނަޕޯލީން މި މެޗުގައި ޖެހި ފަސްވަނަ ލަނޑު، 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެލްޔިފް އެލްމާސް އެވެ. މިއީ އެ ޓީމުގެ ކެޕްޓަން ޖިއޮވާނީ ޑި ލޮރެންޒޯ ދިން ބޯޅައަކުން އެލްމާސް ކާމިޔާބުކުރި ގޯލެކެވެ. އެލްމާސް ކުޅެން ނިކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައެވެ.
