ދިވެހީންގެ ބޭންކް ނުވަތަ ބެންކް އޮފް މޯލްޑިވްސް އިން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް އިތުރު ތަކުލީފަކާ ކުރިމަތިލާން ޖައްސައިފި އެވެ.
ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ބޭނުންވާ ޑޮލަރު ފޮނުވުމަށް ބެލެނިވެރިން ގެންދަނީ ނުހަނު ބޮޑު ތަކުލީފުތަކެއް ކުރަމުން ނެވެ. އެންމެބޮޑު މައްސަލައަކީ ޑޮލަރު ފޮނުވޭ އަދަދަށް ގެނެސްފައިވާ ބަދަލެވެ.
ބެލެނިވެރިން އުފުލަމުންދާ މި ތަކުލީފަށް އަނެއްކާ ވެސް އިތުރު 'ދުއްތުރާ' އެއް ބީއެމްއެލް އިން ޖައްސައި، ޑޮލަރު ފޮނުވޭ މިންވަރު އަނެއްކާ ވެސް މަދުކޮށް މިވަނީ ލިމިޓް ކޮށްފަ އެވެ.
އެ ބޭންކުން ބުނެފައިވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓިއުޝަން ފީ އާއި ލިވިންގ އެލަވަންސަށް ވާ ޑޮލަރު ދޫކުރާނީ ހަމައެކަނި "އޭ ލެވަލުން" މަތީގެ ޓާޝަރީ ފުލްޓައިމް ދަރިވަރުންނަށާއި، އޭވިއޭޝަން، ލޯ އަދި މެޑިސިން ފަދަ ޕްރޮފެޝަނަލް ދާއިރާތަކުގެ ދަރިވަރުންނަށް ކަމަށެވެ.
މިގޮތަށް ހަމަޖައްސަން ޖެހުނީ އެމްއެމްއޭއިން ބޭންކުތަކަށް ފޯރުކޮށްދޭ ޑޮލަރުގެ އަދަދު މަދުކުރުމާއި ގުޅިގެން ކަމަށް ވެސް ބުނެފައި ވެއެވެ.
ދިވެހީންގެ ބޭންކުން، ދިވެހީންނަށް މިފަދަ ތަކުލީފުތަކެއް ޖައްސަމުން އަންނައިރު، ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންނަށް މިހާރުވެސް ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއިން ޑޮލަރު ފޯރުކޮށްދެމުންދާ ކަމަށް އެމްއެމްއޭ އިން ވަނީ ހާމަކޮށްފަ އެވެ.
މީގެ އިތުރުން ވަކިވަކި ބޭންކުތަކުން ބޭނުންވާނަމަ އެ ބޭންކުތަކުގެ ކަސްޓަމަރުންނަށް ޑޮލަރު ފޯރުކޮށްދިނުމުގެ ފުރުސަތު އެ ބޭންކުތަކަށް އަބަދު ވެސް އޮންނާނެކަމަށް ވެސް ހާމަކޮށްފައި ވެއެވެ.
ކަންމިހެން އޮތްއިރު، ބީއެމްއެލް ގެ މި ނިންމުމަކީ ދިވެހީންގެ ބޭންކުން، ދިވެހީންނަށް އައު އަހަރު ދިން ވަރަށް ރަނގަޅު ހަދިޔާއަކަށް ނޫނީ ނުވާނެ އެވެ.
އެހެންނަމަވެސް ބީއެމްއެލް އަކަށް މިއީ މާބޮޑުކަމެއް ނޫނެވެ. އޭގެ ހެއްކަކީ މީގެއިތުރުން ބޭންކުން ދޫކޮށްފައިވާ ކާޑުތަކުން ބޭރުފައިސާގެ މުއާމަލާތް ކުރެވޭ މިންވަރު ކޮވިޑާއި ގުޅިގެން ކަމަށް ބުނެ ލިމިޓް ކުރުމަށްފަހު އެކަމަށް ވެސް ބަދަލެއް ގެނެސްފައި ނުވެމެވެ.
ރާއްޖޭގެ އިގުތިޞާދީ ހާލަތު ކޮވިޑްގެ ކުރިން އޮތް ހާލަތަށް ކުރިއަރާފައިވާ ކަމަށް ސަރުކާރުން ބުނަމުން އަންނައިރު، ދިވެހިންގެ ބޭންކުން 'ކަހާތަން' ހިރުވާވެސް ނުލައެވެ. ކުޑަވެސް ލުޔެއް ދިނުމެއް ނެތި އެހެރެދަނީ ބާރަށް ކުރިއަށެވެ.
