ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ މަޝްހޫރު އެއް ކްލަބު ކަމަށްވާ އިންގްލެންޑްގެ އާސެނަލްގެ ސްޓޭޑިއަމްގެ ބޭރުގައި ހަރުކުރުމަށް ނިންމާފައިވާ ދިވެހިރާއްޖޭގެ ނަން ހިމެނޭ ގޮތަށް 'އާސެނަލް މޯލްޑިވްސް' ޖަހާފައިވާ ބިލްބޯޑްގެ އާޓްވޯކް އެ ކްލަބުން ދައްކާލައިފިއެވެ.
މިހާތަނަށްއައިއިރު، ލަންޑަންގައި ހުންނަ އެމިރޭޓްސް ސްޓޭޑިއަމްގެ ވަށައިގެން ހަރުކޮށްފައި ހުރި ބިލްބޯޑްތަކުގައި ވަނީ އާސެނަލްގެ ކުރީގެ ލެޖެންޑުންގެ ތެރޭގައި ގުނާލެވޭ 32 ކުޅުންތެރިން އެކުލެވިގެންވާ ޑިޒައިނެކެވެ.
މި ބިލްބޯޑްތައް ބާވެފައިވުމުން އެ އެއްޗެހި އާ ކުރަން މިދިޔަ އަހަރުގެ ތެރޭގައި ނިންމާފައިވާއިރު، ދެން ހަރުކުރާ ބިލްބޯޑްތަކުގެ އާޓްވޯކް ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި އެ ކްލަބުން ވަނީ ދައްކާލައިފައެވެ.
އެގޮތުން، އާސެނަލްގެ ސްޓޭޑިއަމްގެ ބޭރުގައި ހަރުކުރަން ނިންމާފައިވަނީ މުޅިން އައު ތަފާތު 8 ޑިޒައިނެއްގެ އާޓްވޯކް އެކުލެވިގެންވާ ބިލްބޯޑެވެ. މީގެތެރެއިން، އެ ކްލަބުގެ ސަޕޯޓަރުން ނުވަތަ ފޭން ކްލަބުތަކަށް ހާއްސަކޮށްފައިވާ ބިލްބޯޑްގައި ރާއްޖޭގައި ނަން ޖަހަނީ އާސެނަލްގެ ރާއްޖޭގެ ސަޕޯޓަރުންގެ ގުރޫޕް ކަމަށްވާ 'އާސެނަލް މޯލްޑިވްސް' ރަމްޒުވާ ގޮތަށެވެ.
އާސެނަލްގެ ސްޓޭޑިއަމްގެ ބޭރުގައި މި ފަހަރު މުޅިން އަލަށް ހަރުކުރުމަށް ނިންމާފައިވާ އިތުރު ބިލްބޯޑްތަކުގެ އާޓްވޯކްގެ ތެރޭގައި، އެ ކްލަބުގެ ތާރީޚުގައި މިހާތަނަށް ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބީ ކަމަށްވާ، 2003/2004 ވަނަ އަހަރުގެ ސީޒަނުގެ ލީގުގައި މެޗަކުން ބަލިނުވެ، "އިންވިންސިބަލްސް" ގެ ދަރަޖަ ހޯދުން ރަމްޒުކޮށްދޭ ޑިޒައިނާއި، އާސެނަލް ވިމެންސް ޓީމުން ވިމެންސް ޗެމްޕިއަންސް ލީގު ހާސިލްކޮށްފައިވާކަން ދައްކުވައިދޭ ބިލްބޯޑެއް ހިމެނެއެވެ.
"ސްޓޭޑިއަމްގެ ވަށައިގެން 8 ޑިޒައިނެއްގެ އާޓްވޯކް އެކުލެވިގެންވާ ބިލްބޯޑްތައް ބަހައްޓަން ނިންމާފައިވަނީ މިދިޔަ އަހަރު. އޭގެތެރެއިން އެއް ބިލްބޯޑް ހާއްސަކޮށްފައިވަނީ ކްލަބުގެ ފޭން ކޮމިއުނިޓީތަކަށް. އެހެންވެ، އަޅުގަނޑުމެން ޑިޒައިންކޮށްފަ ކްލަބަށް ފޮނުވީ،" 'އާސެނަލް މޯލްޑިވްސް' ގެ ސޯޝަލް މީޑިއާ ކޯޑިނޭޓަރ އަހުމަދު ހުމައިދު ބުންޏެވެ.
ހުމައިދު ބުނީ ކުރިއަށް އޮތް ދެތިން ހަފުތާ ތެރޭގައި އާސެނަލްގެ ސްޓޭޑިއަމްގައި ބިލްބޯޑްތައް ހަރުކުރުމުގެ މަސައްކަތް ނިމިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށާއި، އަދި މި މަސައްކަތް އެއްކޮށް ނިމޭއިރު ސްޓޭޑިއަމްގެ ބޭރުން ރާއްޖޭގެ ނަން އެކުލެވިގެންވާ އެ ކްލަބުގެ ހުރިހާ ސަޕޯޓަރުންގެ ކްލަބުތައް ރަމްޒުކޮށްދޭ ބިލްބޯޑް ފެންނަން ހުންނާނެ ކަމަށެވެ.
މީގެއިތުރުން، ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކި އާސެނަލްގެ ސަޕޯޓަރެއް ފާހަގަކުރި ގޮތުގައި މިއީ މުޅި ރާއްޖެއަށާއި، ރާއްޖޭގައި ތިބި ހުރިހާ ސަޕޯޓަރުންނަށް ވެސް ލިބިގެންދިޔަ ފަޚުރެއް ކަމަށެވެ.
އަދި 2000ގެ އަހަރުތަކުން ފެށިގެން ރާއްޖޭގައި ތިބި އެ ކްލަބުގެ ސަޕޯޓަރުންގެ ތެރެއިން ގިނަ ބަޔަކު އެއްކޮށް ގަވާއިދުން މެޗުތައް ބަލަންދިއުމާއި، މިހާރު ޒަމާނަށް އައި ބަދަލުތަކާއެކު ސޯޝަލް މީޑިއާ މެދުވެރިކޮށް ހުރިހާ މެންބަރުންގެ މެދުގައި ގާތް ގުޅުމެއް އުފެދިފައިވާކަން ވެސް އޭނާ ފާހަގަކުރިއެވެ.
ރާއްޖޭގެ ނަން ހިމެނޭގޮތަށް އާސެނަލްގެ ރާއްޖޭގެ ފޭން ކްލަބު ނުވަތަ ސަޕޯޓަރުން ރަމްޒުކޮށްދޭ ގޮތަށް ޑިޒައިންކޮށްފައިވާ އާޓްވޯކްގެ މަސައްކަތްކުރީ އެ ކްލަބުގެ ރާއްޖޭގެ ސަޕޯޓަރެއް ކަމަށްވާ ޔައީޝް މުހައްމަދު (ޔައިއްޓޭ) އެވެ. ޔައިއްޓޭ އަކީ ވެސް 'އާސެނަލް މޯލްޑިވްސް' ގެ މެންބަރެކެވެ.
Revealing our new Emirates Stadium artwork.
— Arsenal (@Arsenal) January 11, 2023
Created by the Arsenal family.
? https://t.co/QBWqoDSLlc pic.twitter.com/B90oR84tgL
Thank you @arsenal pic.twitter.com/6JJgjs26za
— Arsenal Maldives (@afcmaldives) January 11, 2023
