ެއިންސާނާ ކާ ތަކެތި ދަތުރުކުރުމާއި އެތަކެތި ޖަމާވެ ފައިދާ ނެގުން ހިނގަނީ ހަޖަމުގެ ނިޒާމުގެ ތެރެއިންނެވެ. އެހެންކަމުން ހަޖަމުގެ ނިޒާމުގެ ބަލިތައް ނުވަތަ ހަޖަމުގެ ނިޒާމަށް ދިމައިވާ ބައެއް ކަންކަމަކީ އޭގެ ސަބަބުން އިންސާނާގެ ބަރުދަނަށް ބޮޑެތި ބަދަލުތަކެއް ގެނުވަފާނޭ ކަންކަމެވެ. އެހެންކަމުން މި ލިޔުމުގައި މި ބަލާލަނީ ހަޖަމުގެ ނިޒާމުގެ ބައެއް ބަލިތަކުގެ ސަބަބުން ބަރުދަން އިތުރުވެދާ ބަލިތަކަށެވެ.
މިފަދަ ބައްޔެއް ނުވަތަ ހާލަތެެއް ހުންނަ މީހަކު، ބަރުދަން އިތުރުވާކަށް މާ ގިނައެއްކޮށް ކާކަށް ނުޖެހެއެވެ. އަދި ނުވެސް ކާނެއެވެ. ނަމަވެސް އެމީހުންގެ ބަރުދަން އިތުރުވަމުން ހިނގާނެއެވެ. އާދައިގެ މިންވަރަކަށް ކެއުން ބެހެއްޓިނަމަވެސް އޭގެ ޠަބީއަތުގައި ބަރުދަން އިތުރުވަމުން ހިނގައިދެއެވެ. މިފަދަ މީހުންނާ ދިމާލަށް މަލާމާތްކޮށް ވަށްބަހުން ބަސްބުނެ ހެދުން އެއީ އެމީހުންނަށް ދެނޭ ނަފްސާނީ އަނިޔާއެކެވެ. ފަލަވުމަކީވެސް ދުނިޔޭގެ ޠަބީއަތެއް ކަމާއި އިންސާނުންގެ ފިތުރަތެއްކަން އެންމެން ގަބޫލުކުރަން ޖެހެއެވެ.
އެސިޑް ރިފްލަކްސް ޑިޒީސް އޭ ކިޔާ ހަޖަމުގެ ނިޒާމުގެ ބައްޔަކީ އަހަރެމެން ދިވެހިން ކިޔާ މޭ އެންދުމެވެ. މިއީ މައިދާގެ ތެރޭގައި ހުންނަ އެސިޑުގެ މިންވަރު އިތުރުވެ، އެ އެސިޑުތައް ކާ އެއްޗެހި ދަތުރުކުރާ ހޮޅީގެ ތެރެއަށް އަރައިގެން އަންނަ ބައްޔެކެވެ. މި ބަލީގެ ސަބަބުން މައިދާގައި ހުންނަ ކާ އެއްޗެހި، ގޮހޮރަށް ނުގޮސް، ގިނައިރު މައިދާގެ ތެރޭގައި ހުރެއެވެ. އެގޮތުން މައިދާގެ ތެރެއިންވެސް މަޑުމަޑުން ހަށިގަނޑަށް ގިނަ މާއްދާތަކެއް ނަގާ ޖަމާކުރުވައެވެ. ބައެއް ދިރާސާވެރިން ދެކިލައްވާގޮތުގައި އާންމުކޮށް މި ބަލި ހުންނަ މީހަކަށް ބަރުދަން އިތުރުވުން ފަސޭހަވެދެއެވެ.
މައިދާގެ ތެރޭގައި ހުންނަ ކުދިކުދި ފާރުކޮޅުތަކަކީ އޭގެ ސަބަބުން މައިދާގައި އެސިޑު ގިނަވެދާ ކަމެކެވެ. އެހެންކަމުން މި އެސިޑުތައް ގިނަވެ މައިދާގެ ތެރޭގައި ވައި ހިފުވާލުމުން، މައިދާގެ ތެރެއިން ގޮހޮރަށް ކާ އެއްޗެހި ދަތުރުކުރާ ދުވެލި މަޑުޖެހެއެވެ. އަދި މުޅި ގޮހޮރުގައިވެސް ކާ އެއްޗެހި ދަތުރުކުރުމުގެ ދުވެލި މަޑު ޖެހެއެވެ. އެހެންކަމުން މިގޮދަށް މަޑު ޖެހިފައި ހުންނަ އިރު، ގިނަ އަދަދެއްގެ ކެލޮރީސް ލޭގެ ތެރެއަށް ނަގައެވެ. މިއީވެސް ބަރުދަން އިތުރުވުމަށް މެދުވެރިވެދާ ކަމެކެވެ.
އާދަވެ ބަނޑުހިކޭ މީހުންނަކީވެސް ފަސޭހައިން ބަރުދަން އިތުރުވެދާ ބައެކެވެ. އެހެނީ އެބައިމީހުންގެވެސް ގޮހޮރުގެ ތެރެއިން ކާއެއްޗެހި ދަތުރުކުރާ ދުވެލީގެ މިންވަރު ލަސްވާނެއެވެ. އެހެންކަމުން ގޮހޮރުގެ ތެރޭގައި ގިނައިރު އެ ކާ އެއްޗެހި ހުންނަން ވުމުން، ގިނަ ކެލޮރީސް ލޭގެ ތެރެއަށް ނަގާނެއެވެ. ދިރާސާވެރިން ދެކިލައްވާ ގޮތުގައި މިއީވެސް ބަރުދަން އިތުރުވުމަށް މަގުފަހިވެދާ ކަމެކެވެ.
ހަޖަމުގެ ނިޒާމުގެ ތެރޭގައި ހާއްސަކޮށް މައިދާގައި ނުވަތަ ގޮހޮރުގައި ޖަރާސީމު އަށަގަތުމަކީވެސް ބަރުދަން އިތުރުވެދާ ކަމެކެވެ. އެހެނީ އޭގެ ސަބަބުންވެސް ގޮހޮރުގެ ތެރެއިން ކާއެއްޗެހި ދަތުރުކުރާ ދުވެލި ލަސްވެއެވެ. ހަމަ ކުރިއެކޭ އެއްގޮތަށް މި ހާލަތުގައިވެސް އިތުރު ގިނަ ކެލޮރީސް ލޭގެ ތެރެއަށް ގިނައިން ނަގާނެއެވެ. ނަތީޖާއަކަށް ވަނީ އެ ކެލޮރީސްތަައް ޖަމާވެ ހުރެ ސަރުބީއަށް ބަދަލުވެ، ފަލަކޮށްދީ ބަރުދަން އިތުރުވެދެއެވެ.
ގެސްޓްރޯޕަރެސިސް ނަމަކަށް ކިޔާ ހަޖަމުގެ ނިޒާމުގެ ބައްޔަކީވެސް ބަރުދަނަ އިތުރުކޮށްދޭ ބައްޔެކެވެ. މި ބަލީގައި ވެސް ވާގޮތަކީ މައިދާގެ ތެރޭގައި ވައި އުފެދި މައިދާގެ އެތެރޭގެ ޕުރެސަރު އިތުރުވެ، މައިދާގެ ތެރޭގަައި ކާތަކެތި ހިފަހައްޓައި ދެއެވެ. އަދި އިތުރު ކެލޮރީސްތައް ލޭގެ ތެރެއަށް ނަގާ ޖަމާކޮށް އިންސާނާގެ ބަރުދަން އިތުރުކުރުވައެވެ.
ެިއިސްވެ މި ފާހަގަކުރި ބަލިތަކަކީ ނުވަތަ ހާލަތްތަކަކީ އޭގެ ސަބަބުން އިންސާނާގެ ބަރުދަން އިތުރުކޮށްދޭ، ހަޖަމުގެ ނިޒާމުގެ ބައެއް ބަލިތަކެވެ. އާންމުކޮށް މި ބަލިތައް ހުންނަ މީހުންނަށް ކުތިމަތިވާ އެއް އުނދަގުލަކީ ވައިގެ އުނދަގުލެވެ. މި ކަންކަން ހުންނަ މީހުން ގިނައިން ނުކޭ ނަމަވެސް ނުވަތަ އާދައިގެ މިންވަރަކަށް ކޭ ނަމަވެސް ބަރުދަން އިތުރުވަމުން ދިޔުމަކީ ވެދާނެ ކަމެކެވެ. އަދި ކިރިޔާވެސް ގިނައިން ކާލައިފިނަމަ، ވަރަށް ފަސޭހައިން އެމީހެއްގެ ބަރުދަނަށާއި ހަށިގަނޑުން އެކަން ފާހަގަ ވާނެއެވެ. މިއީވެސް އިންސާނުންގެ ފިތުރަތުގެ އެއް ބައެވެ.
