ދިވެހި އަދަބީ ބަސްތަކުގެ ތެރެއިން ނުމޮށޭގުރާ ބާރަށް ދައިގަންނާނޭ ބުނާ ބަހަކީ މުސްކުޅި ބަހެކެވެ. މިއީ މިއަދު މީގެ އެތައް މަންޒަރެއް ލޮލަށްފެނި ހަގީގަތަށް ވަމުންދާ ކަމެކެވެ.
މި ބަހުގެ ބަހަވީ މާނައަށް ބަލާލާއިރު، މި ބަހުގައި މި ބުނެވެނީ ގުރައެއްގެ ވާހަކައެވެ. ނުމޮށޭ ގުރައެއްގެ ވާހަކައެވެ. ނިސްބަތް ކުރެވެނީ ޅަ ގުރައަކަށެވެ. އުމުރުން ހަގު ގުރައަކަށެވެ. އެސޮރުގެ ޅަ ކަމާއި ހުރެ ފިރުކި ހެލިފެލިވެ އަދި އުދުހި އުޅެން ކުޅަދާނަ ނުވާ ވަރުގެ ޅަ ގުރައެއްގެ ވާހަކައެވެ. ދެން ބުނެވެނީ އެ ގުރާ ބާރަށް ދައިގަންނާނެ ވާހަކައެވެ.
މި ބަހުގެ މުސްކުޅި މާނަގައި މި ބަސް ބޭނުން ކުރެވެނީ ބަސްމަދުކޮށް ހެޔޮލަފާކޮށް ތިބޭކަމަށް ހީވާ މީހުން، މާ ބޮޑެތި ނުބައި ކަންކަން ކުރާނޭ ބުނެ އުޅުމަށެވެ. ހާއްސަކޮށް ބައެއްގެ ތެރޭގައި ކަމެއް ހިނގާ ދިއުމުން އެބައެއްގެ ތެރޭގައި ހުންނަ އެއްމެ މައުސޫމު ކަމަށް ދެއްކިގެން ހުންނަ މީހާއަށް އެކަމެއް ރައްދު ކުރުމަށް މި ބަސް ބޭނުން ކުރެވެއެވެ. އަދި އަނެއްބައި ފަހަރު ތަހުގީގަކަށް ސުވާލު ކުރެވޭއިރު، ހަނު ހުންނަ މީހާގެ ހަނު ހުރުމުން އޭނާއަކީ ކުށްވެރިޔާކަން ބުނުމުގެ ގޮތުންވެސް މި ބަސް ބޭނުން ކުރެވެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން