ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ވެބް ސީރީޒް ފަރްޒީގެ ޓްރެއިލާ ރިލީޒް ކޮށްފިއެވެ.

މި ޓްރެއިލާ ރިލީޒް ކޮށްފައިވަނީ މިއަދު މުމްބައީގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ސީރީޒް އަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންއައި އެއް ސަބަބަކީ މި ސީރީޒް އަކީ ވިޖޭ ސެތުބަތީ އަދި ޝާހިދު ކަޕޫރްގެ ފުރަތަމަ ވެބް ސީރީޒް އަށް ވެގެން ދާތީއެވެ.

މީގެއިތުރުން، މި ވެބް ސީރީޒް ޑައިރެކްޓްކޮށްފައިވަނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ދަ ފެމެލީ މޭންގެ ޑައިރެކްޓަރުން ކަމުގައިވާ ޑީކޭ އަދި ރާޖް ކަމުގައި ވާތީއެވެ. 

މި ޓްރެއިލާއިން ފެނިގެން ދަނީ ޝާހިދު ހިފަހައްޓަން ވިޖޭ ކުރަން ޖެހޭ މަސައްކަތެވެ. މީގެ އިތުރުންވެސް މި ޓްރެއިލާއިން ވަރަށް ވެސް ތަފާތު ކަންތައްތަކެއް ފާހަގަވެގެންދެއެވެ.

އެގޮތުން ޝާހިދު މުއްސަދި ވާން ކުރާ މަސައްކަތާއި އޭނާ މުއްސަދި ވުމުން ދިރިއުޅުން ބަދަލުވެގެން ދާ ގޮތެވެ. މިޓްރެއިލާ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެއެވެ. 

ޝާހިދު މި ސީރީޒްގެ ޓްރެއިލާ ޝެއާރ ކުރަމުން ބުނެފައިވަނީ " ހުރިހާ އެއްޗަކީ ފަރްޒީ (އަސްލު ނޫން ނުވަތަ ކޮޕީ) އެއްޗެއް ނަމަވެސް މި ޓްރެއިލާ މީ ހަމަ އަސްލު އެއްޗެއް"ކަމަށެވެ.