އިނގިރޭސި އެފްއޭކަޕްގެ ތިންވަނަ ބުރުގައި ރޭ ކުޅުނު ރީޕްލޭ މެޗުގައި ހާވީ އެލިއަޓް ވައްދާލި މޮޅު ލަނޑާއެކު 1-0 އިން ވުލްވްސް ބަލިކޮށް ލިވަޕޫލުން އެ މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
މި ދެ ޓީމުގެ މެދުގައި މީގެ 10 ވަރަކަށް ދުވަސް ކުރީން ލިވަޕޫލްގެ ދަނޑުގައި ކުޅެވުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ވުލްވްސްގެ މޮލިނެކްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 13 ވަނަ މިނެޓުގައި އެލިއަޓް ކާމިޔާބުކުރީ ކައުންޓާ އެޓޭކެއްގައި އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު، ތިއާގޯ އަލްކަންތާރާ ދިން ބޯޅައެއް ހިފައިގެން ވުލްވްސްގެ ހާފުގެ މެދަކާ ހިސާބުން ވުލްވްސްގެ ކީޕަރު ހޯސޭ ސާ ބޯމަތިން ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
މި މެޗުގައި ވުލްވްސް އަށް އެއްވަރުކޮށްދޭން ރުބެން ނެވޭސް އާއި ރައުލް ހިމެނޭޒްގެ އިތުރުން މަތެއުސް ކޫންހާ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.
މި މުބާރާތުގެ ތިންވަނަ ބުރުގައި ރޭ ކުޅުނު ރީޕްލޭ މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ސްވަންސީ ސިޓީގެ ދަނޑުގައި ބްރިސްޓޯލް ސިޓީ އަތުން 2-1 އިން ވަނީ ބަލިވެފައެވެ. ލޫޓަން ޓައުން އަތުން އަމިއްލަ ދަނޑުގައި ވިގަން އެތުލެޓިކް 2-1 އިން ބަލިވިއިރު، ވެސްޓް ބްރޮމް އިން ވަނީ އަމިއްލަ ދަނޑުގައި 4-0 އިން ޗެސްޓަފީލްޑް ބަލިކޮށްފައެވެ.
ލިވަޕޫލަށް ހަތަރުވަނަ ބުރުގައި ކުޅެން ޖެހެނީ ރަށުން ބޭރުގައި ބްރައިޓަންއާ ދެކޮޅަށެވެ. ލީގުގައި އެންމެ ފަހުން ބްރައިޓަންގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް ބަލިވީ 3-0 އިންނެވެ.
