އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އަމިއްލަ ދަނޑުގައި ކުޅުނު މެންޗެސްޓާ ޑާބީގައި ފަހަތުންއަރައި މެންޗެސްޓާ ސިޓީ ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން ލީގު ތަށި ހޯދުމުގެ ރޭހަށް ވަދެއްޖެ އެވެ. މި މެޗުން ޔުނައިޓެޑް މޮޅުވީ 2-1 އިންނެވެ.

މި ނަތީޖާއާއެކު ތާވަލްގެ އެންމެ ކުރީގައި އަދިވެސް އުޅެނީ އާސެނަލް އެވެ. އެ ޓީމަށް ކުޅުނު 17 މެޗުން 44 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ސިޓީ އަށް 18 މެޗުން ލިބިފައިވަނީ 39 ޕޮއިންޓެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ޔުނައިޓެޑް ތިންވަނައިގައި އޮތްއިރު، ނިއުކާސަލް ޔުނައިޓެޑް އޮތީ 18 މެޗުން ލިބުނު 35 ޕޮއިންޓާއެކު ހަތަރެއްގައެވެ.

އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، ލަނޑެއްޖަހައިދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ޔުނައިޓެޑްގެ އިނގިރޭސި ފޯވާޑް، މާކަސް ރަޝްފޯޑް ފޮނުވާލި ބޯޅަ ސިޓީގެ ގޯލްކީޕަރު އެޑަސަން މޮރައެސް މަތަކުރިއެވެ. 

މެޗުގެ 60 ވަނަ މިނެޓުގައި ސިޓީން ލީޑްނެގީ ޖެކް ގްރީލިޝް ކާމިޔާބުކުރި ގޯލުންނެވެ. އެ ޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު، ކެވިން ޑި ބްރޭނާ ނެގި ހުރަހަކުން ގްރީލިޝް މި ލަނޑުޖެހީ ބޮލުންނެވެ.

ޔުނައިޓެޑުން އެއްވަރުކުރި ލަނޑު، 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭސް އެވެ. އޭގެ ހަތަރު މިނެޓުފަހުން، ޔުނައިޓެޑް މޮޅުވި ލަނޑުޖަހައިދިނީ ރަޝްފޯޑް އެވެ. އޭނާ މި ލަނޑުޖެހީ ފަހު ހާފުގައި ކުޅެން ނިކުތް އާޖެންޓީނާގެ ޒުވާން ވިންގް، އަލެހަންދްރޯ ގާނާޗޯ ދިން ބޯޅައަކުންނެވެ.

ލީގުގައި ޔުނައިޓެޑަށް ދެން އޮތީ އަންނަ ބުރާސްފަތި ދުވަހު ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ އެއް ދުވަސް ފަހުން އަމިއްލަ ދަނޑުގައި ސިޓީ ނިކުންނާނީ ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށެވެ.