ކޯވިޑް ބަލީގެ ސަބަބުން ބަންދުކޮށްފައިވާ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމަށް ފަހު، ޗައިނާ ސަދަން އެއަރ ލައިނުން ރާއްޖެ، ޗައިނާގެ ދަތުރުތައް އަންނަ މަހު ފަށަން ނިންމައިފި އެވެ.
ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުން އާންމުކޮށްފައިވާ ތިން މަސްދުވަހުގެ ފްލައިޓު ޝެޑިއުލް އިން ދައްކާ ގޮތުގައި ޗައިނާއިން ރާއްޖެ އަންނަ ފުރަތަމަ ފްލައިޓް އައުމަށް ތާވަލުކޮށްފައިވަނީ އަންނަ ނޮވެމްބަރ މަހު 29 ގައެވެ.
މިއަދު ޢާންމުކުރި ތިން މަސްދުވަހުގެ ފްލައިޓު ޝެޑިއުލްގައިވާ ގޮތުން ޗައިނާ އިން ރާއްޖެއަށް އެންމެފުރަތަމަ އަންނަ ޗައިނާ ސަދަން އެއަރލައިންގެ ފްލައިޓް ރާއްޖެ އަންނަނީ ގުއަންޒޯ އިންޓަރނޭޝަލް އެއަރޕޯޓުންނެވެ.
ހަމަމިއާއެކު "ބެއިޖިންގ ކެޕިޓަލް އެއަރލައިން"ގެ ދެ ފްލައިޓެއް ޑިސެމްބަރު 2 އަދި ހަތަރު ވަނަ ދުވަހު އައުމަށް ވަނީ ތާވަލު ކޮށްފަ އެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން މި ތިން މަސް ތެރޭ ބޭރުގެ 31 އެއަރލައިނެއް ރާއްޖެ އައުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހު އަލަށް ރާއްޖެއަށް ފަށާ އެއަރލައިންތައްވެސް ހިމެނެ އެވެ.
ޗައިނާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު ދައުރެއް އަދާކުރާ ގައުމަކަށް ވާ އިރު، މިދިޔަ އަހަރުވެސް އެއްގައުމަކުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރީ ޗައިނާ އިން ނެވެ.
