ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ އެވެ.
އެކަން ހާމަކޮށް އެމްޓީސީސީ އިން ބުނީ އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުއަކީ 22.1 މިލިއަން ރުފިޔާއަށް ސަރުކާރުން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެއް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 470 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 96 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 10,800 ކިއު ިބކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ.
1,200 މީހުންގެ އާބާދީގެ ބ. ދަރަވަންދޫ އަކީ ރަށް ގިރުމުގެ ބިރުވެރިކަން ޒަމާނުއްސުރެ ތަހައްމަލުކުރަމުން އައިސްފައިވާ ރަށެކެވެ. ރަށް ގިރުމުގެ ސަބަބުން ރަށުގެ އުތުރު ފަރާތާއި ހުޅަނގު ފަރާތުން ބުޑު ބަޔެއް ގިރައިގެންގޮސް ގޮނދޮށުގައި އޮތް ރީތި ވެލިގަނޑުވެސް ވަނީ ގިރައި ހުސްވެފައެވެ. އަދި ރަށްގިރުމުގެ ނޭދެވޭ އަސަރުގެ ސަބަބުން ކޮންމެ އަހަރަކުވެސް އެތައް ރުއްގަހެއް ވެއްޓި ނެތިގެން ދެއެވެ.
ދަރަވަންދޫގެ ރައްޔިތުން އާމްދަނީ ހޯދަނީ މައިގަނޑު ގޮތެއްގައި ގެސްޓްހައުސް ވިޔާފަރިން ނުވަތަ ކައިރި ރިސޯޓްތަކުގައި ވަޒީފާ އަދާކޮށްގެންނެވެ.
މި ރަށުގެ ރައްޔިތުން ދިރިއުޅުމަށްޓަކައި ފަތުރުވެރިކަމަށް ބަރޯސާވަމުން އަންނަ މިންވަރު އިތުރުވަމުން އަންނަކަން ދޭހަކޮށްދޭ އެންމެ ޮބޑު އެއް ހެއްކަކީ ރަށުގައި މިހާރުވެސް އެކި ފަންތީގައި ހިންގާ 14 ގެސްޓްހައުސް ހުރުމެވެ. އެގޮތުން ރަށްގިރުމުގެ ސަބަބުން ރަށުގެ ގުދުރަތީ ރީތިކަން ގެއްލޭތީ، މިކަންވަނީ ފަތުރުވެރިކަމަށްވެސް އޮތް ބޮޑު ނުރައްކަލަކަށް ވެފައެވެ.
