22 ވަނަ އިންޓަ ސްކޫލް ކެރަމް ޗެމްޕިއަންޝިޕް އިއްޔެ ނިންމާލިއިރު، މުބާރާތުގައި އެންމެ ގިނަ މެޑަލް ކަށަވަރުކުރީ ތާޖުއްދީން ސްކޫލުންނެވެ.

މި ޖަނަވަރީ މަހުގެ 23 އިން 30 ގެ ނިޔަލަށް ކުރިއަށްދިޔަ މި ފަހަރުގެ މުބާރާތުގައި ތާޖުއްދީނުން މުޅި ޖުމްލަ 12 މެޑަލް ކަށަވަރުކުރިއިރު، އޭގެތެރޭގައި ހަތް ރަން މެޑަލް ހިމެނެއެވެ. ދެން ހިމެނެނީ ފަސް ލޯ މެޑެއްޔެވެ. މީގެއިތުރުން، މި އަހަރުގެ މުބާރާތުގައި މުޅިން އަލަށް ވާދަކުރި ބ. އަތޮޅު ގޮއިދޫ ސްކޫލުން ވަނީ ތަޢުރީފް ޙައްޤު ނަތީޖާތަކެއް ނެރެފައެވެ.

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ކެރަމް ހޯލްގައި ކުރިއަށްދިޔަ މި މުބާރާތުގައި އެންމެ ރަނގަޅު ނަތީޖާތަކެއް ނެރުނު ތާޖުއްދީނުން ވަނީ ޑަބަލްސް އިވެންޓްގައި 13 އަހަރުން ދަށުގެ އުމުރު ފުރައިގެ އަންހެން އަދި ފިރިހެން ކުދިންގެ ބައިގެ އިތުރުން އެ އުމުރު ފުރައިގެ ފިރިހެން ކުދިންގެ ޓީމް އިވެންޓާއި، 15 އާއި 17 އަހަރުން ދަށުގެ އުމުރު ފުރައިގެ އަންހެން އަދި ފިރިހެން ކުދިންގެ ޓީމް އިވެންޓުން ރަން މެޑަލް ކަށަވަރުކޮށްފައެވެ.

ޓީމް އިވެންޓްގައި 13 އަހަރުން ދަށުގެ އުމުރު ފުރައިގެ ފިރިހެން ކުދިންގެ ބައިގައި އިމާދުއްދީން އަތުން ތާޖުއްދީން މޮޅުވީ 2-1 އިންނެވެ. އެ ސްކޫލުން ދެން ކުޅުނު 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިގައި މަޖީދިއްޔާ އަތުން މޮޅުވީ ވެސް 2-1 އިންނެވެ. އަދި ހަމަ އެ އުމުރު ފުރައިގެ ފިރިހެން ކުދިންގެ ބައިގައި އިމާދުއްދީން ބަލިކުރީ ވެސް 2-1 އިންނެވެ. އެއަށްފަހު ދެން ކުޅެވުނު 17 އަހަރުން ދަށުގެ އަންހެން ކުދިންގެ ޓީމް އިވެންޓްގައި މަޖީދިއްޔާ އަތުން 1-2 އިން މޮޅުވިއިރު، ޓިމް އިވެންޓްގެ ފިރިހެން ކުދިންގެ ބައިގެ ފައިނަލްގައި ޖަމާލުއްދީން އަތުން މޮޅުވީ ވެސް ހަމަ އެ ނަތީޖާއިންނެވެ.

މި މުބާރާތުގައި މާލޭން ބޭރުން ވާދަކުރި ހަމައެކަނި ސްކޫލު ކަމަށްވާ ގޮއިދޫ އިން ވަނީ ޖުމްލަ ހަތަރު މެޑަލް ކަށަވަރުކޮށްފައެވެ. އޭގެތެރޭގައި 1 ރަން މެޑެއްޔާއި، 2 ރިހި އަދި 1 ލޯ މެޑެލް ހިމެނެއެވެ.

ބ. އަތޮޅަށް ނިސްބަތްވާ ގޮއިދޫ އިން ރަން މެޑަލް ކަށަވަރުކުރީ މުބާރާތުގެ ދެވަނަ ދުވަހު ކުޅެވުނު 15 އަހަރުން ދަށުގެ އުމުރު ފުރައިގެ ފިރިހެން ކުދިންގެ ޑަބަލްސް އިވެންޓުންނެވެ. އަދި 13 އަހަރުން ދަށުގެ އުމުރު ފުރައިގެ އަންހެން ކުދިންގެ ޑަބަލްސް އިވެންޓާއި އެ އުމުރު ފުރައިގެ އަންހެން ކުދިންގެ ޓީމް އިވެންޓުން ވެސް ރިހި މެޑަލް ކަށަވަރުކުރިއެވެ.

ގޮއިދޫ އިން މުބާރާތުގައި ކުޅުނު ފުރަތަމަ ފައިނަލްގައި 15 އަހަރުން ދަށުގެ އުމުރު ފުރައިގެ ފިރިހެން ކުދިންގެ ޑަބަލްސް އިވެންޓްގައި އެ ސްކޫލުގެ ޕެއާ އިން ރަން މެޑަލް ކަށަވަރުކުރިއިރު، ދެން ކުޅުނު ފައިނަލްގައި 13 އަހަރުން ދަށުގެ އުމުރު ފުރައިގެ އަންހެން ކުދިންގެ ޓީމް އިވެންޓްގައި އަމީނިއްޔާ އަތުން 2-1 ބަލިވުމުން ވަނީ ރިހި މެޑަލް ކަށަވަރުވެފައެވެ. ދެން ވާދަކުރި ފައިނަލްގައި 13 އަހަރުން ދަށުގެ އުމުރު ފުރައިގެ އަންހެން ކުދިންގެ ޑަބަލްސް އިވެންޓްގައި އެ ސްކޫލުގެ ޕެއާ ވަނީ ތާޖުއްދީންގެ ޕެއާ އަތުން ބަލިވެ، ރިހި މެޑަލް ކަށަވަރުވެފައެވެ.

މީގެއިތުރުން، މި މުބާރާތުގެ ޓީމް އިވެންޓްގައި 17 އަހަރުން ދަށުގެ އުމުރު ފުރައިގެ އަންހެން ކުދިންގެ ބައިގައި ތިންވަނަ ހޮވާ މެޗުގައި ސީދާ ތިން ގޭމުން އަރަބިއްޔާ ސްކޫލް ބަލިކުރުމަށްފަހު ގޮއިދޫ އިން ވަނީ ލޯ މެޑަލް ކަށަވަރުކޮށްފައެވެ.

މި އަހަރުގެ މުބާރާތުގައި ކުޅެވުނު އިތުރު އިވެންޓްތަކުގެ ނަތީޖާއަށް ބަލާއިރު، 19 އަހަރުން ދަށުގެ އުމުރު ފުރައިގެ ފިރިހެން ކުދިންގެ ޓީމް އިވެންޓްގައި އަރަބިއްޔާ 2-1 އިން ބަލިކޮށް، ސީއެޗްއެސްއީ އިން ވަނީ ރަން މެޑަލް ކަށަވަރުކޮށްފައެވެ. މި އުމުރު ފުރައިގެ އަންހެން ކުދިންގެ ބައިގެ ރަން މެޑަލް ސީއެޗްއެސްއީ އިން ކަށަވަރުކުރީ ފައިނަލްގައި ސީދާ ތިން ގޭމުން އަރަބިއްޔާ ބަލިކުރުމަށްފަހު އެވެ.

މި ފަހަރުގެ މުބާރާތުގެ ސިންގަލްސް އިވެންޓްގެ ނަތީޖާތަކަށް ބަލާއިރު، 19 އަހަރުން ދަށުގެ އުމުރު ފުރައިގެ އަންހެން އަދި ފިރިހެން ކުދިންގެ ބައިގައި ރަން މެޑަލް ކަށަވަރުކުރީ ވެސް ސީއެޗްއެސްއީ އަށް ނިސްބަތްވާ ކުޅުންތެރިންނެވެ. އަންހެން ކުދިންގެ ބައިގެ ރަން މެޑަލް ހައިފާ ކަށަވަރުކުރިއިރު، އެ އުމުރު ފުރައިގެ ފިރިހެން ކުދިންގެ ބައިގެ ރަން މެޑަލް ކަށަވަރުކުރީ ލަޔާން އެވެ.

15 އަހަރުން ދަށުގެ އުމުރު ފުރައިގެ ސިންގަލްސް އިވެންޓްގައި ފިރިހެން ކުދިންގެ ބައިގައި ރަން މެޑަލް ކަށަވަރުކުރީ ޣާޒީ ސްކޫލުގެ ޝައިމަން އެވެ. ޝައިމަން އަކީ ކުރީގެ ޤައުމީ ޗެމްޕިއަން އާމިރުގެ ދަރިފުޅެވެ. މި އުމުރު ފުރައިގެ އަންހެން ކުދިންގެ ބައިގެ ރަން މެޑަލް ކަށަވަރުކުރީ ތާޖުއްދީންގެ މައީ އެވެ.

މި ފަހަރުގެ މުބާރާތުގެ 17 އަހަރުން ދަށުގެ އުމުރު ފުރައިގެ ފިރިހެން ކުދިންގެ ބައިގައި ޖަމާލުއްދީންގެ އަލޫފް، ރަން މެޑަލް ކަށަވަރުކުރިއިރު، އަންހެން ކުދިންގެ ބައިގެ ރަން މެޑަލް ކަށަވަރުކުރީ ތާޖުއްދީންގެ އާއިނާ އެވެ. އަދި 13 އަހަރުން ދަށުގެ އުމުރު ފުރައިގެ ރަން މެޑަލް ކަށަވަރުކުރީ އިމާދުއްދީންގެ އަބްދުލްމަލިކު އެވެ.