ބޮލީވުޑް އެކްޓަރު ރަންދީޕް ހޫޑާ އަހެއް ދުއްވަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާއެއްގެ ސަބަބުން މުމްބާއީގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
ގާތްގަނޑަކަށް މީގެ 2 ދުވަސް ކުރިން ރަންދީޕަށް އަނިޔާވުމުގެ ސަބަބުން ވަޤުތުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ގިނަ ވަޤުތު އަރާމުކުރުމަށް ޑަކުޓަރު އިރުޝާދު ދިން ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ. އަދި ހަމަމިއާއެކު ލިބުނު އަނިޔާގެ ސަބަބުން އޭނާގެ ވާތުފައިގެ ކަކުލުގެ ސަރޖަރީއެއް ހަދަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތަކުން މަޢުލޫމާތުލިބެއެވެ.

2021ގައި ރިލީޒްކުރި ސަލްމާން ޚާންގެ "ރާދޭ"ގެ ޝޫޓިންގގައި އުޅުމުގެ ތެރޭގައި ވެސް ރަންދީޕަށް އަނިޔާ ލިބުނެވެ. އެފަހަރު އޭނާގެ ކަކުލަށް ލިބުނު ގެއްލުމެއްގެ ސަބަބުން ވަނީ ކަނާތު ފައިގެ ކަކުލުގެ ސާޖަރީއެއް ވެސް ހަދައިފައެވެ. އެ ސާޖަރީ ކުރިއަށް ދިޔައީ އޭނާގެ ވެބް ސީރީޒް "އިނިސްޕެކްޓަރު އަވިނާޝް"ގެ ޝޫޓިންގގައި އުޅުނު ދުވަސްކޮޅުގައެވެ.
މިދުވަސްކޮޅަކީ ރަންދީޕް އޭނާގެ ދެން އޮތް ފިލްމު "ސަވަރްކާރް"އަށް އޭނާގެ ބަރުދަން ވެސް ލުއިކުރަމުންދާ ދުވަސްކޮޅެކެވެ.
