އެންމެ ފަހުގެ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަން، ރަފައެލް ނަޑާލް މި ފަހަރުގެ މުބާރާތުގެ ދެވަނަ ބުުރުގައި އެމެރިކާގެ މެކެންޒީ މެކްޑޮނަލްޑް އަތުން ބަލިވެ، މުބާރާތުން ކަޓައިފިއެވެ.
މިއީ އެމެރިކާގެ އުމުރުން 27 އަހަރުގެ މެކްޑޮނަލްޑްގެ ޓެނިސް ކެރިއަރުގައި މިހާތަނަށް ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބީއެވެ.
މިހާތަނަށް އެންމެ ގިނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކުރި ކުޅުންތެރިޔާގެ ރެކޯޑް ގާއިމްކޮށްފައިވާ ނަޑާލް، 36، މިއަދުގެ މެޗުން ބަލިވިއިރު އެ މެޗުގެ ދެވަނަ ސެޓުގައި ކުރިމަތިވީ އަނިޔާގެ ސަބަބުން މެޑިކަލް ޓައިމްއައުޓެއްވެސް ނަގާފައިވެއެވެ. ނަޑާލް ވަނީ މިހާތަނަށް 22 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައެވެ.
އޮސްޓްރޭލިއާގެ މެލްބަން ޕާކްގައި ހުންނަ ރޮޑް ލޭވާ އެރީނާގައި މިއަދު ކުޅުނު މެޗުގައި މެކްޑޮނަލްޑް އަތުން ނަޑާލް ބަލިވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް މެކްޑޮނަލްޑް ގެންދިޔައީ 6-4، 6-4 އަދި 7-5 އިންނެވެ.
މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަށް ބަލާއިރު، އޮސްޓްރޭލިއާގެ ރިންކީ ހިޖިކާޓާއާ ދެކޮޅަށް ތިންވަނަ ސީޑް ގްރީސްގެ ސްޓެފާނޯސް ސިޓްސިޕާސް ކުޅޭ މެޗާއި ހަތްވަނަ އަށް ސީޑްކުރެވިފައިވާ ރަޝިއާގެ ޑެނީލް މެޑްވެޑޭވްއާ އޮސްޓްރޭލިއާގެ ޖޯން މިލްމަން ބައްދަލުކުރާ މެޗު ހިމެނެއެވެ.
