އިންސާނީ ތާރީޚުގެ ވަރަށް ކުރީކޮޅު އެކި ބާވަތުގެ ކޮސްމެޓިކްސް ބޭނުން ކުރަމުން އައި ނަމަވެސް 1800ގެ އަހަރުތަކުގެ ތެރޭގައި އެއީ ވަރަށް ބޮޑަށް އާންމުވެގެންދިޔަ އެއްޗެކެވެ. ނާޒުކު އަދި ފާޅުކަން ކުޑަ ކޮސްމެޓިކްސް 19 ވަނަ ގަރުނުތަކުގައި މަގުބޫލުވެގެން ދިޔައެވެ. 19 ވަނަ ގަރުނު ނިމުނުއިރު ޒީނަތްތެރިވުން ބޮޑު ވިޔަފާރިއަކަށް ވެގެންގޮސް، އަލަށް ހުޅުވި ބޮޑެތި ފިހާރަތަކުގައި ކޮސްމެޓިކްސް ކައުންޓަރުތައް ބެހެއްޓިފައިވަނީ "ބްލަޝް ނުވަތަ ރޫޖް"، "ލިޕް ބާމް" އަދި "ޕައުޑަރ" ހޯދަން ބޭނުންވާ އަންހެނުންނަށް ޚިދުމަތް ދިނުމަށެވެ.

19 ވަނަ ގަރުނުގެ ކުރީކޮޅު، މުއްސަނދި އަންހެނުންނަށް "ސްކިންކެއަރ" މުހިންމު ކަމެއްކަމުގައި ވެގެންދިޔައެވެ. ޖަނަވާރުގެ ސަރުބީން އުފައްދާފައިވާ، "ރޯސް ވޯޓާ" ގެ މީރުވަސް އެކުލެވިގެން އަދި އެއާއި ގާތްކުރާ އެހެނިހެން މާއްދާތައް ބޭނުންކޮށްގެން "ކްލެންޒަރ" އަދި "މޮއިސްޓަރައިޒަރ" ބޭނުންކުރަމުން ގެންދިޔައީ ހަންގަނޑު އޮމާންކުރުމަށާއި ސާފުކޮށް ބެހެއްޓުމަށެވެ. ގޭގައި ތައްޔާރުކުރެވޭ "ސްކިންކެއަރ" ރެސިޕީތައް މަގުބޫލުވެ، އޭގެ ތެރޭގައި ކިއުކަމްބާ، ސްޓްރޯބެރީ ނުވަތަ ކިރު ބޭނުންކުރެއެވެ. މީގެ އިތުރުން އަންހެނުންނަށް ހިތްވަރު ދިނީ އަވިން ފިހުމަށާއި، "ޓޭން" ވުމުން ދުރުހެލިވުމަށެވެ. ނަމަވެސް، ދުޅަހެޔޮ ހަށިގަނޑެއް ލިބިގަތުމަށާއި ކޯތާފަތް މަޑުމަޑު ރަތްކަމެއް ގެނެއައުމަށް ބޭރުގައި އެކި ކަސްރަތު ކުރުމަށް ހިއްވަރުދެއެވެ.

18 ވަނަ ގަރުނުގެ ތެރޭގައި މުއްސަނދި އަންހެނުން އާންމުކޮށް ހާކާ ހުދު މޭކަޕް އުފައްދާފައިވަނީ "ލެޑް" އަދި ސަރުބީ ބޭނުންކޮށްގެންނެވެ. 19 ވަނަ ގަރުނުގެ ތެރޭގައި މިކަން ފެޝަނުން ބޭރުވެގެން ދިޔައެވެ. "ޓިންޓެޑް ފައުންޑޭޝަން" ލިބެން ހުރި ނަމަވެސް އަންހެނުންގެ މެދުގައި މިއަށް މަގުބޫލުކަމެއް ނުލިބުނެވެ. އާންމުކޮށް ހަނޑޫ ފުށުން ހަދާ، އަންހެނުންގެ މޫނުގައި ހާއްކާ "ޕައުޑަރަކީ" އެ މުޖުތަމަޢުގައި މަތީ ފަންނުތަކުގެ އަންހެނުން ބޭނުންކުރި އެއްޗެކެވެ. މީގެ އިތުރުން މުތް ފަދަ އަނގުބޮޑު އެއްޗެހި، މި "ޕައުޑަރުތަކަށް" އެއްކޮށްފައި ހުރެއެވެ. އަދި، އޭރުގައި ގަދައަށް މޭކަޕް ހާއްކާއިފައި ހުންނަނީ ހަށިވިއްކާ މީހުންނެވެ. 

މަޑުމަޑު ރަތްކަމެއް ހުންނަ ކޮލަކީ ރަނގަޅު ސިއްހަތެއްގެ ނިޝާނެއްގެ ގޮތުގައި ބެލެވެއެވެ. އަދި، ގިނަ އަންހެނުން ކޮލުގައި ކުލަ ޖައްސާލުމަށް "ބްލަޝް" ނުވަތަ "ރޫޖް" ބޭނުންކުރަމުން ގެންދިޔައެވެ. މިއީ 19 ވަނަ ގަރުނުގައި އެންމެ މަގުބޫލު "ކޮސްމެޓިކްސް" އެވެ. ދިޔާކޮށް، "ބްލަޝް" ލިބެންހުންނީ "ޕައުޑަރކޮށް"، "ކްރީމް" އަދި "ކްރޭޕް ފޭބްރިކްގެ" ތެމިފައިވާ ޝީޓުތަކުންނެވެ. ވަރަށް ގަދައަށް ކުލަ އަރާ، ތަފާތު އެކި "ޝޭޑްތައް" ވިއްކަންހުރެއެވެ. އޭގެ ތެރެއިން ގިނަ "ޝޭޑްތައް" ކުލަ ގަދަކުރުމަށް "ކާމިން ޕިގްމަންޓް" އަޅައެވެ. ބައެއް އަންހެނުން އަމިއްލައަށް މާތަކާއި އެހެނިހެން ގުދުރަތީ އެއްޗެހި ބޭނުންކޮށްގެން ގޭގައި "ބްލަޝް" ތައްޔާރުކުރެއެވެ.

ލޮލުގައި ހާއްކާ މޭކަޕް އަދި ލިޕްސްޓިކަކީ 19 ވަނަ ގަރުނުގެ ތެރޭގައި އާންމުކޮށް ބޭނުން ނުކުރެވޭ ބައެއް "ކޮސްމެޓިކްސް" ތަކެވެ. ބައެއް ފަހަރު "ލޭމްޕް ބްލެކް" ނުވަތަ "ސޫޓް"، ފެން ނުވަތަ ތެލާއި އެއްކޮށްގެން "އައިލައިނަރ"، "އައި ޝެޑޯ"، ނުވަތަ "މަސްކަރާ" ގެ ގޮތުގައި ބޭނުންކުރެއެވެ. ނަމަވެސް އޭގެން "ނެޗުރަލް ލުކް" އެއް ނުދިނުމުން އާންމުކޮށް ބޭނުންނުކުރެއެވެ. އާންމުކޮށް ނޫންނަމަވެސް "ބެލަޑޯނާ ޑްރޮޕްސް" ލޯ އުޖާލާކުރުމަށް ބޭނުންކޮށް އުޅުނެވެ.