ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ނ. ހޮޅުދޫގައި މަސްކެނޑުމަށް ހާއްސަ ތަނެއް ތަރައްގީކޮށްފިއެވެ.
މަހެއްގެ ބައްޓަމަށް ފަރުމާކުރެވިފައިވާ މި ތަނަކީ ފަސޭހަކަމާއެކު މަސްކަނޑަން ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ތަނެކެވެ. ދުވާލުގެ ވަގުތުތަކުގެ އިތުރުން ރޭގަނޑުވެސް މިތަން ބޭނުންކުރެވޭނެހެން އަލިކޮށް އެއްފަހަރާ 8 މީހުންނަށް މަސްކަނޑަން ތިބެވޭނެއެވެ. ސާފު ރީތިފެން ލިބޭނެހެން އިސްކުރު ހަރުކޮށް މަސްކަނޑަން ޖާގަ އޮންނާނެހެން އަދި ތަކެތި ރައްކާ ކުރުވޭނެ ގުދަނެއްވެސް މިތަނުގައި އެކުލެވެއެވެ. މިއީ މަސްވެރިންގެ އިތުރުން ހޮޅުދޫގެ އާންމު ރައްޔިތުންނަށްވެސް މަސްކެނޑުމަށް ފަސޭހަވާނެހެން ތަރައްގީ ކުރެވިފައިވާ ހާއްސަ މަސްކަނޑާތަނެކެވެ.
" މިއީ ކޮމިއުނިޓީ ފަންޑަށް ހުށަހެޅިގެން ދިޔަ ވަރަށް ތަފާތު ހުށަހެޅުމެއް. ހޮޅުދޫގެ މަސްވެރިންނަށާއި ރައްޔިތުންނަށް މަސްކެނޑުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ހުށަހެޅުނު މި ޕްރޮޕޯސަލްގެ ދަށުން ގާއިމްކުރެވުނު މި ތަނުގެ ސަބަބުން މި ރަށުގެ ރައްޔިތުންނާއި ހާއްސަކޮށް ރަށުގެ މަސްވެރިންނަށް މަސްކެނޑުމާއި މަސް ވިއްކުމަށް ފަސޭހަވެގެންދާނެކަމަށް އަޅުގަނޑުމެން އުންމީދުކުރަން. ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު ރާއްޖޭގެ އެކި ރަށްރަށުގައި ހިންގޭ ޕްރޮޖެކްޓް ތަކުގެ ސަބަބުން ރަށުގެ ތަރައްގީއަށާއި ރަށްޔިތުންނަށް ހެޔޮ ބަދަލުތަކެއް އަންނަކަމީ އަޅުގަނޑުމެން އުފަލާއެކު ފާހަގަކޮށް ބަލައިގަންނަ ކަމެއް. މި ފުރުސަތުގައި މި މަސައްކަތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން." ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވިއެވެ.
" ފާއިތުވި އަހަރު ތަކުގައި ހޮޅުދޫގެ ރައްޔިތުން މަސްކެނޑުމަށް ބޭނުންކުރަމުންދަނީ ބަނދަރު މަތީގައި ހުންނަ ބާ މޭޒެއްގައި. ވަރަށް ގިނަ ދަތިތަކާ ކުރިމަތީވޭ މަސްވެރިންނަށް މިކަމުގެ ސަބަބުން. މިކަމަށް ހައްލެއް ހޯދުމަށް އައި ހިޔާލާއެކު މި ޕްެރޮޖެކްޓް ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ހޮވި މިކަން ހަގީގަތަކަށް ވުމީ މި ރަށަށާއި ޖަމިއްޔާއަށް ލިބުން ކުރިއެރުމެއް. މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލެވުމަކީ އަޅުގަނޑުމެން ވަރަށް އުފާ ކުރާކަމެއް. މިއަދަކީ މިރަށުގެ ރައްޔިތުންނަށް ވަރަށް ހާއްސަ ދުވަހެއް." ޕްރޮޖެކްޓް ކާމިޔާބު ކުރި އެމް.ސީ. އެފް. ޖަމިއްޔާގެ ފަރާތުން މޫސާ ޝިމާއު ވިދާޅުވިއެވެ.
މިއަހަރުގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލްތައް ހުށަހެޅުން 3 ފިޔަވައްސަކަށް ވަނީ ބަހާލެވިފައެވެ. ފުރަތަމަ ދެ ފިޔަވަހީގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ފިޔަވެއްސެއްގައިވެސް އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ވަނީ ހޮވިފައެވެ. އަދި ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވިގެންދާނެއެވެ. ބޭންކުން މިހާރު ދަނީ ކައިރި މުސްތަގްބަލެއްގައި ތިންވަނަ ފިޔަވަހީގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް މަސައްކަތްކުރަމުންނެވެ.
