އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ފަހަތުންއަރައި ޓޮޓެންހަމް ހޮޓްސްޕާ 4-2 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލްގެ ކުރީގައި އުޅޭ އާސެނަލްއާ ދެމެދު އޮތް ފަރަގު ފަސް ޕޮއިންޓަށް ކުޑަކޮށްފިއެވެ.
ރޭގެ މެޗަށް ނިކުތްއިރު އެ ޓީމުން އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ. އެއީ ކަރަބާއޯ ކަޕްގެ ކުއާޓާ ފައިނަލްގައި ސައުތެމްޓަންއާ ދެކޮޅަށް ކުޅުނު މެޗާއި ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ބައްދަލުކުރި ޑާބީ މެޗުންނެވެ.
ރޭގެ ނަތީޖާއާއެކު އަދިވެސް އެއްވަނައިގައި އުޅެނީ އާސެނަލް އެވެ. އެ ޓީމަށް ކުޅުނު 18 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު، އެއް މެޗު އިތުރަށް ކުޅެގެން ސިޓީ ދެވަނައިގައި އޮތީ 42 ޕޮއިންޓާއެކު އެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ޔުނައިޓެޑް ތިންވަނައިގައި އޮތްއިރު، ހަތަރެއްގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް ލިބިފައިވަނީ 38 ޕޮއިންޓެވެ.
ސިޓީން ރޭގެ މެޗަށް ނިކުތްއިރު އެންމެ ފަހުން ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން، އެ ޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު، ކެވިން ޑި ބްރޭނާ، ބެނާޑޯ ސިލްވާ އާއި ފިލް ފޯޑެންގެ އިތުރުން ކައިލް ވޯކާ އަދި ޔާއޯ ކަންސޭލާ ފަދަ ކުޅުންތެރިން ފެށީ ބެންޗުންނެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، ޓޮޓެންހަމް އިން މި ހާފު ނިންމާލީ 2-0 އިން ކުރީގަ އޮވެގެންނެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، 44 ވަނަ މިނެޓުގައި ސްވިޑެންގެ ވިންގް، ޑޭޔަން ކުލުސެވްސްކީ ކާމިޔާބުކޮށްދިންއިރު އޭގެ ފަހުން އިތުރުވަގުތުގައި އެމާސަން ރޮޔާލް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަވަނަ މިނެޓުގައި ހޫލިއަން އަލްވަރޭޒް ވަނީ ސިޓީގެ ފުރަތަމަ ލަނޑުޖަހައިދީފައެވެ. އޭގެ ތިން މިނެޓުފަހުން، އެ ޓީމަށް އެއްވަރުކޮށްދިނީ އާލިން ބްރައުޓް ހާލަންޑް އެވެ. މި މެޗުގައި މޮޅު ކުޅުމެއްދެއްކި ސިޓީގެ އަލްޖީރިއާގެ ވިންގް، ރިޔާދް މާރޭޒް ދިން ބޯޅައަކުން ހާލަންޑް މި ލަނޑުޖެހީ ބޮލުންނެވެ.
ސިޓީން އެއްވަރުކުރިތާ މާގިނައިރުތަކެއް ނުވަނީސް ޓޮޓެންހަމް އަށް އަލުން ލީޑްނަގައިދޭން އެ ޓީމުގެ ކްރޮއޭޝިއާ ވިންގް، އިވާން ޕެރިސިޗް ފޮނުވާލި ބޯޅަ ސިޓީގެ ރިކޯ ލުވިސް ފައިގަ ޖެހިފައި އަމާޒުވީ ހުރަސްދަނޑިއަށެވެ.
އޭގެފަހުން، މެޗުގެ 63 ވަނަ މިނެޓުގައި ސިޓީގެ ތިންވަނަ ލަނޑުޖަހައިދިނީ މާރޭޒް އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ރޮޑްރީ އެވެ. އަދި އޭގެފަހުން، މި މެޗުގައި ސިޓީން ޖެހި ހަތަރުވަނަ ލަނޑު، އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް މާރޭޒް އެވެ.
ލީގުގެ މެޗުތައް ދެން ކުޅޭނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހުގެ ފުރަތަމަ މެޗުގައި ލިވަޕޫލްގެ ދަނޑުގައި ޗެލްސީއާ ބައްދަލުކުރާއިރު ދެން އެންމެ ފާހަގަކޮށްލެވޭ މެޗުގައި ރަށުން ބޭރުގައި ނިއުކާސަލް ނިކުންނާނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ. މި މުބާރާތުގައި އާދީއްތަ ދުވަހު ކުޅޭ މެޗުތަކަށް ބަލާއިރު މުޅި ހަފްތާގައި ވެސް ކުޅޭ އެންމެ ފާހަގަކޮށްލެވޭ މެޗުގައި އާސެނަލްގެ ދަނޑުގައި އެ ޓީމު ނިކުންނާނީ ޔުނައިޓެޑާ ދެކޮޅަށެވެ. ހަމަ އެ ދުވަހު އަމިއްލަ ދަނޑުގައި ސިޓީ ނިކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ.
