ހއ. ތަކަންދޫ ނެރުގެ ބޭރުތޮށި އަޕްގްރޭޑް ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި އެވެ.

އެމްޓީސީސީ އިން ބުނީ 18 ޖެނުއަރީ 2023 ވަނަ ދުވަހު ސައިޓް މޮނިލައިޒް ކޮށްފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 4,455 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 2,230 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 252 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވަނީ ނިންމާފަ އެވެ. އަދި 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 126 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމަށް ވެސް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން 883 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

މިއީ 22.39 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.