ލަހުން ނިދުމާއި ލަހުން ހޭލުން އަދި ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ ގިނައިން ކެއުން ފަދަ ކަންކަމަކީ ހަށިގަނޑަށް ގެއްލުންހުރި ކަންތައް ކަން އެންމެންވެސް ދަނެއެވެ. އަދި މިކަންތައް އެދެވޭ ގޮތުގައި ކުރުމަކީ އިންސާނާ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކޮންމެހެން މުޙިންމު ކަމެއްކަން ނޭގޭ މީހަކުވެސް މަދުވާނެއެވެ. ނަމަވެސް މިކަންކަމަށްވުރެ ހަށިގަނޑަށް ގެއްލުން ބޮޑު ނުރައްކާތެރި ކަންކަން އަޅުގަނޑުމެންގެ ދިރިއުޅުމުގައި ކޮންމެ ދުވަހަކު އެތައްފަހަރަކު ކުރެވޭ އިރުވެސް އަޅުގަނޑުމެންނަށް ރޭކާވެސް ނުލެވޭ ކަންކަން އެބަހުއްޓެވެ. ތިރީގައި ފާހަގަ ކޮށްފައިއެވަނީ މީގެ ތެރެއިން ބައެއް ކަންތަކެވެ. އަދި ތިބާއަށް މިފަދަ ކަމެއް ނޭގިވެސް ކުރެވޭނަމަ ވީއެންމެ އަވަހަކަށް އެކަމުން އެއްކިބާވާށެވެ.
- ކިނބިހި އެޅުނަނުދީ ހިފެހެއްޓުން:
އާންމު ތަންތަނުގައި ކިނބިހި އެޅުމަކީ ވަރަށް ގިނަ މީހުން ކުރަން ލަދުގަންނަ ކަމެކެވެ. ނަމަވެސް ކޮންމެ ތަނެއްގައި ހުއްޓަސް ކިނބިއްސެއް އަޅަން ޖެހިއްޖެނަމަ ކިނބި އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ ކިނބިހި ހިފެހެއްޓުމުން ލިބޭ ގެއްލުން މާބޮޑުވީމައެވެ. ކިނބހި އެޅުމުގެ މައިގަނޑު ބޭނުމަކީ ހަށިގަނޑުގައިވާ ބެކްޓީރިޔާ އަދި ވައިރަސް ފަދަ އެއްޗިހިން ރައްކާތެރިވުމެވެ. އެގޮތުން ކިނބިހި ހިފެހެއްޓުމުގެ ސަބަބުން މިތަކެތި ހަށިގަނޑުން ބޭރުކޮށްނުދީ އަނެއްކާވެސް ހަށިގަނޑުގެ ތެރެއަށް ވާސިލުވެއެވެ. އަދި ބާރުމިނުގައި އަންނަ ކިބހި އެޅުނަ ނުދީ ހިފެހެއްޓުމުގެ ސަބަބުން އަޑުއިވުމުގެ ނިޒާމަށް ގެއްލުންވުން، ލޭގެ ޕްރެޝަރ މަތިވުން، ނޭވާލާ ނިޒާމުގެ މައްސަލަތައް ކުރިމަވުން، ސިނކުޑިއަށް ބާރު ބޮޑުވުން އަދި ބައެއް ފަހަރަށް ކާއެއްޗެހި ދަތުރުކުރާ ހޮޅީގައިވެސް މައްސަލަތައް ދިމާވުންފަދަ ކަންކަން ކުރިމަތިވެއެވެ.
- ޓޫތްޕިކް ބޭނުންކޮށްގެން ދަތްކޮށްޓުން:
ކައިނިމުމަށްފަހު އިލޮށިން ދަތްކޮށްޓުމަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް އާންމު ކަމެކެވެ. ނަމަވެސް މިކަމަކީ ކުރުން އެއްގޮތަކަށްވެސް އެދެވޭ ކަމެއް ނޫނެވެ. ދަތުގެ ދޭތެރެއަށް ވަދެފައި ހުންނަ ކާއެއްޗެހި ނެގުމަށް ނުވަތަ ސާފުކުރުމަށް އިލޮށި ބޭނުން ކުރުމުން ދަތްތަކަށް މާބޮޑު އަސަރެއް ނުކުރި ކަމުގައިވިޔަސް މިކަމުން ހިރުގަނޑަށް ވަރަށް ނޭދެވޭ އަސަރު ކުރެއެވެ. އަދި ބަލާބެލުމަށް ބޭރުފުށުން ހިރުގަނޑަށް ގެއްލުމެއް ލިބިފައިނެތަސް ހިރުގަނޑުގެ އެތެރެ ފާރުވެ ޖަރާސީމު އުފެދުން ފަދަ ކަންކަން ކުރިމަތިވެއެވެ.
- މޫނުވަތަށް އޮވެ ނިދުން:
ބާލީހުގައި މޫނު ޖައްސައިގެން ބަންޑުން އޮވެ ނިދުމަކީ ވަރަށް ގިނަ މީހުންނަށް އަރާމު ގޮތެކެވެ. ނަމަވެސް ގެއްލުން ބޮޑު ކަމެކެވެ. ސަބަބަކީ މިގޮތަށް އޮންނައިރު ނޭވާލާން އުނދަގޫވުމާއި ކަރު އެނބުރިފައި އޮތުމުގެ ސަބަބުން ލޭގެ ހިނގުމަށް ދަތިވެ ކަރުގެ އެތެރެއިންނާއި ބޭރުފުށުން ތަދުވުން ފަދަ ކަންތައް މެދުވެރިވެއެވެ.
- ކުޑަކަމު ދިޔުން ލަސްކުރުން:
ކުރަން ހުންނަ މުހިންމު ކަމެއް ދޫކޮށްލާފައި ނުދާން ނުވަތަ އެކަމެއް އަވަހަށް ނިންމާލުމަށްފަހު ނޫނީ ކިތައްމެ ވަރަކަށް ކުޑަކަމުދާން ޖެހިފައި ހުއްޓަސް ހިފަހައްޓާލައިގެން ތިބެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައްމީހުންބާއެވެ؟ ނަމަވެސް މިކަމުގެ ގެއްލުންބޮޑުވަރު އަންދާޒާ ކުރެވޭނަމަ ހަމަގައިމުވެސް މިގޮތަށް ޢަމަލުތައް ނުބެހެއްޓޭނެއެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގެ އެތެރޭގެ މަސްތަކަށް ބާރުބޮޑުވެ ކުޑަކަމުދާ ނިޒާމުގެ ގުނަވަންތަކަށް ގެއްލުންވެ ކުޑަކަމުދާ ތަކެތީގައި ޖަރާސީމު އުފެދުން ފަދަ ކަންކަމާއި ކުރިމަތިލާން ޖެހިދެއެވެ. އަދި މިނޫނަސްވެސް ކިޑްނީ އާއި ގޮހޮރުގެ ބައިތަކަށް ވެސް ގެއްލުންވުން ހިމެނެއެވެ.
- ހޫނުފެނުން ބޯދޮވުން:
މަސައްކަތުގައި ބުރަކޮށް އުޅުމަށްފަހު ގެޔަށް އައިސް ހޫނުފެނުން ފެންވަރާލުމުން ހަށިގަނޑު ތާޒާވެ ސިކުނޑިއަށް ލުއިކަން ލިބެއެވެ. ނަމަވެސް އަޅުގަނޑުމެންނަށް ނުވިސްނޭ ކަމަކީ ހޫނުފެނުން ބޯދޮވުމަކީ އިތުރަށް ބޯއަނބުރާ ބޮލުގައި ރިއްސުން އިތުރުވާ ކަމެއްކަމެވެ. ސަބަބަކީ ބޮލަށް ހޫނުފެން އެޅުމަކީ ބޮލުގެ ނާށިގަނޑަށް ގެއްލުންވެ ސިކުނޑީގެ ނާރުތަކަށް ބުރަބޮޑުވާ ކަމަކަށް ވާތީއެވެ.
- އޮށޯވެގެން އޮވެ ފޮތްކިޔުން:
ފޮތްކިޔާ ގިނަމީހުންނަކީ އޮށޯވެގެން އޮވެ ފޮތްކިޔާ ބައެކެވެ. ނަމަވެސް އޮށޯވެއޮވެ ފޮތްކިޔާނަމަ ވީހާވެސް ދުރުގައި ބާއްވައިގެން ކިޔާށެވެ. މާކައިރިން ފޮތަށް ބެލުމުން ލޮލުގެ މަސްތަކަށް ވާންވެ ލޮލުގެ ފެނުމަށް އަސަރުކުރެއެވެ. އަދި އެގޮތަށް އޮށޯވެ އޮންނައިރު ހަށިގަނޑު ސީދާނުވުމުގެ ސަބަބުން ބުރަކަށްޓަށް ގެއްލުންވެ ކަށިގަނޑަށް ގެއްލުންވާ ފަހަރުވެސް އާދެއެވެ. އެހެންކަމުން އެންމެ ރައްކާތެރިގޮތަކީ ސީދަލަށް އިށީނދެއިނދެގެން ފޮތްކިޔުމެވެ.
- ފާރުގަނޑަށް ފުމުން:
ހަށިގަނޑުން ތަންކޮޅެއް ހަލާކުވެއްޖެނަމަ ނުވަތަ ކަނޑައިގެން ގޮސްފިނަމަ އެންމެ އަވަހަށް ކުރެވޭ ކަމަކީ އެތަނަކަށް ފުމުމެވެ. ހާވާޑް ޔުނިވަރސިޓީގެ ސައިންޓިސްޓުން ބުނާގޮތުގައި ހަސަތޭކައަށްވުރެ ގިނަ ލޮލަށްނުފެންނަ ޖަރާސީމު އިންސާނާގެ އަނގައިގައި އުޅެއެވެ. އެހެންކަމުން ހަށިގަނޑުގައިވާ ޒަޙަމްތަކަށް ފުމޭނަމަ އެޒަޚަމަކަށް އިތުރަށް އެދެވެނީ ގެއްލުމެކެވެ. ސަބަބަކީ މިދެންނެވުނު ޖަރާސީމު އަނގައިގެ ޒަރިއްޔާއިން އެޒަޚަމަކަށް ވާސިލުވާތީއެވެ. އެހެންކަމުން ފުމުމުގެ ބަދަލުގައި ވީހާވެސް އަވަހަކަށް ބޭސްއަޅާ ފާރުގަނޑު ނިވާކުރަންވާނެއެވެ.
- ސިއްރުން ވާހަކަދެއްކުން:
ސައިންޓިސްޓުން ކުރި ދިރާސާއަކުން ދައްކާގޮތުގައި ސިއްރުން ވާހަކަ ދެއްކުމުން އިންސާނާގެ އަޑަށް ގެއްލުންވެއެވެ. ސަބަބަކީ މިގޮތަށް ސިއްރުން ވާހަކަ ދައްކާއިރު އަޑަށް މާބޮޑަށް ބާރުލުމުގެ ސަބަބުން އަޑުފޮށްޓަށް ކުދިކުދި ގެއްލުންތައް ވާތީއެވެ. އަދި މިގޮތަށް ވާހަކަ ދެއްކުމަކީ އާންމުކޮށް ގިނައިން ވާހަކަ ދައްކަންޖެހޭ މީހުން ކުރުން އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނެވެ.
- ފާޚާނާގައި ފޯނު ބޭނުންކުރުން:
މިކަމަކީ މިހާރު އަޅުގަނޑުމެންގެ ތެރޭގައި ވަރަށް އާންމު ކަމެކެވެ. ފޯނު ނުލައި ފާޙާނާއަށް ވަންނަ މީހަކު މިހާރު މަދުވާނެއެވެ. ނަމަވެސް މިކަމަކީ ކުރުން އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ ފާޙާނާ ތަށިމަތީގައި ފަސްމިނިޓަށްވުރެ ގިނައިރު އިނުމަކީ ހަށިގަނޑުގައިވާ ނާރުތަކަށް ބާރުބޮޑުވާ ކަމެކެވެ. އެގޮތުން މިކަމަކީ ޖުމްލަކޮށް ބަލާއިރު ސާފްތާހިރުކަމަށް ހުރަސްއަޅާކަމެކެވެ. އަދި ފުރަގަސްފަރާތު ބަލިތައްފަދަ ވޭންދެނިވި ބަލިތައް ޖެހުން ގާތްކަމެކެވެ.
- މޫނުގައާއި ލޮލުގައި އަތް އުނގުޅުން:
އާންމުދިރިއުޅުމުގައިވެސް ގިނަގިނައިން އަތްދޮވުމަކީ ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ކުރުމަށް ސިއްޙީމާހިރުން ބާރުއަޅުވާ ކަމެކެވެ. ސަބަބަކީ އަތްތިލައަކީ އެންމެ ގިނަ ޖަރާސީމު ހަރުލާފައި ހުންނަ އެއްތަނެވެ. އާންމުކޮށް ލޮލުގައާއި މޫނުގައި އަތްލާނަމަ މޫނުގައި ބިހިނަގާ ހިރުވުން ފަދަ ކަންކަން ކުރިމަތިވެއެވެ. އަދި ލޯރަތްވެ ހިރުވާ، ހޫނުވުން ފަދަ ކަންކަން ކުރިމަތިވެއެވެ. ބައެއްފަހަރު ލޮލުރޯގާ ޖެހި ލޮލުން ދިލަނެގުން، ފެންއައުން ފަދަ ކަންކަން ދިމާވެއެވެ.
