ކުއްޖާ އެއްމެ ތުއްތު އިރުއްސުރެ އެ ކުއްޖާގެ ސާފުތާހިރުކަން ދެމެހެއްޓުމަށް، އެ ކުއްޖާގެ މައިންބަފައިން ބާރު އަޅައެވެ. އެގޮތުން އެއްމެ ބޮޑު އެއް ސަމާލުކަމެއް ދޭ އެއް ކަމަކީ ދަތް އުނގުޅުމޭ ބުނުން ގޯހެއް ނުވާނެއެވެ. އަހަރެމެންގެ ދިރިއުޅުމުގައި އެ ކުދީންނަަށް އެކުދިންގެ ދަތްތަކުގެ ސާފުތާހިރުކަން އިސްކުރުމަށް ނަސޭހަތްތެރި ވާ ފަދައިން ނޭފަތުގެ ސާފުތަހިރުކަންވެސް ދަމަހައްޓަން ނަސޭހަތްތެރިވެ، ބާރު އަޅަން ވާނެއެވެ.

ކުޑަކުދިންނަކީ އަނގަ އަށާއި ނޭފަތައް އަތްލުމުގެ އާދަ ވަރަށް ބޮޑަށް އަށަގަނެފައި ހުންނަ ކުދިންތަކެއް ކަމުން އަބަދުވެސް އަނގައަށާއި ނޭފަތަށް އަތް ނުލުމަށް އެކުދިންނަށް އަހަރެމެން ނަސޭހަތްތެރި ވަމެވެ. މި ލިޔުމުގައި މި ބާލާލަނީ ނޭފަތުގެ ސާފުތާހިރު ކަމާއި ނޭފަތް ސާފުކޮށް ބަލަހައްޓަން ވީ ކީއްވެ ކަމާއި އެކަން ކުރެވޭނޭ އެއްމެ ރަނަގަޅު ގޮތް ތަކަށެވެ.

އިންސާނާ ލާ ނޭވާގެ ވައި ސާފުކޮށްދިނުމާއި، ފުރޭނުމާއި، ހޫނުކޮށް ދިނުމާއި ތެތްކޮށްދިނުމުގެ ޒިންމާ އަދާ ކުރަނީ ނޭފަތުންނެވެ. އަނގައިން ނޭވާ ލުމަށްވުރެ، ނޭފަތުން ނޭވާ ލެވޭ މިންވަރު ކޮންމެ އިންސާނެއްގެ ހަޔާތުގައިވެސް ގިނަ ވާނެއެވެ. އެހެން ކަމުން އިންސާނާގެ ހަށިގަނޑުގެ ތެރެއަށް މި ފޮނުވައިދޭ ނޭވާ ތަކުގެ ސާފުތާހިރުކަަން އަހަރެމެން ކަށަވަރު ކުރަން ވާނެ އެވެ. ނޭފަތުގެ ސާފުތާހިރުކަން ކުޑަވެ ނޭފަތް ތެރެ ތަޣައްޔަރު ވެފައި ވާނަމަ، ފުއްޕާމެއަށް ދާ ނޭވާގައި އިސްވެ ބުނެވުނު ސިފަތައް ފުރިހަމަ ވާ މިންވަރު ދަށް ވެއެވެ. ސާފު ކުރެވޭ މިންވަރާއި، ހޫނުކުރެވޭ މިންވަރާއި ތެތްކުރެވޭ މިންވަރު ކުޑަވެއެވެ. ނަތީޖާއެއްގެ ގޮތުން ނޭވާލާ ހޮޅި ތެރެއާއި އަރުތެރެ، ވަރަށް އަވަހަށް ހިއްކާލައެވެ. ހަރުތެރެ ފާރުވުން ވަފަ ކަންކަން ވެސް މިކަމުގެ ސަބަބުން މެދުވެރިވެއެވެ. އަދި އޭގެ ސަބަބުން ފުއްޕާމޭ އުފުލަން ޖެހޭ ބުރަ، ބޮޑުވެގެން ދެއެވެ. އެހެނިހެން ސިއްހީ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑެވެ.

ނޭފަތް ސާފު ކުރާނީ ކިހިނެއް ހެއްޔެވެ؟ ނޭފަތް ކޮއްޓުމޭ ެަހަރެމެން މި ކިޔާ އާދަ އަކީ ބުނެވޭ ގޮތުގައި ހަޑި އާދަ އެކެވެ. އެހެނަސް އެއީ ނޭފަތް ސާފު ކުރުމުގައިވެސް ހިމެނޭ ކަމެކެވެ. ނޭފަތުގެ ތެރޭގައި ހުންނަ އަރިދަފުސް ނުވަތަ ދަވަ ތައް ހިކި ހަރުވުމުން އެ ތަކެތި ނޭފަތުން ނައްޓާލުމުގެ ބޭނުމުގައި ނޭފަތަށް އަތް ލެވެއެވެ. އިނގިލި ލެވެއެވެ. މިއީ އާންމުންގެ ތެރޭގައި ކުރުން ރީތި ކަމެއް ނޫނެވެ. އެހެނަސް އެކަހެރިވެ، މިއީވެސް ކުރަން ޖެހޭނެ ކަމެކެެވެ. މިކަމުގައި ސަމާލުކަން ދޭން ޖެހޭ ކަންތައް ތަކެއްވެސް ވެއެވެ. އެއީ ނޭފަތައް އިނގިލި ލުމުގެ ކުރިން އިނގިލި ސާފުކޮށް ދޮވުމެވެ. އަދި ނޭފަތައް އިނގިލި ލައިގެން އުޅޭ އިރު، މާ ބާރަށް ނުވަތަ މާ ބޮޑަށް އިނގިލި ލައިގެން ނޫޅުމެވެ. މިގޮތަށް ނޭފަތް "ކޮއްޓުމަށް" ފަހު ނޭފަތާއި އަތް ރަނގަޅަށް ދޮންނަން ވާނެއެވެ.

ނޭފަތް ސާފު ކުރުމުގައި އެއްމެ މޮޅު އިތުރު ގޮތަކީ ނޭފަތް ދޮވުމެވެ. މިއީ އަހަރެމެން ކޮންމެ މުސްލިމަކުވެސް ވުޟޫކުރާ ކޮންމެ ފަހަރަކުމެ ކުރާނޭ ކަމެކެވެ. އިސްލާމް ދީނުގެ ކަންކަން ބައްޓަން ވެފައި މި ހުންނަނީ މުޅި އިންސާނިއްޔަތަށް އޭގެ ފައިދާ އެކި ގޮތްގޮތުން ކުރާނޭ ގޮތަށެވެ. ނޭފަތް ސާފު ކުރުމުގައި ސިއްހީ މާހިރުން ދޭ ލަފަ އަކީވެސް ނޭފަތް ދޮވުމެވެ. ނޭފަތުގެ ތެރެއަށް ކުޑަ ފެންފޮދެއް ލާ ނޭފަތް ފޮވެލުމެވެ. މިގޮތަށް ނޭފަތަށް ފެން ލެވޭ އިރު، މާ ގިނަ ފެނެއް ނުލާނެއެވެ. ކުޑަ ފެން ފޮދެއް ލުމަށްފަހު ނޭފަތް ފުޅާލާ ސާފުކޮށްލެވޭނެއެވެ. ސިއްހީ މާހިރުން ބުނާ ގޮތުން މިކަން ކުރުމުގައި އޮތީ ދުވާލަކު ދެފަހަރެވެ. ނަމަވެސް އަހަރެމެން މުސްލިމުން ވުޟޫކުރާ ކޮންމެ ފަހަރަކު މިގޮތަށް ނޭފަތް ދޮވެވޭނެއެވެ. 

ފެނުން ނޭފަތް ދޮވެވޭ ނަމަ، ނޭފަތުގައި ހިކޭ އަރިދަފުހާއި އޭގެ ލޮނދި ހިކުމުގެ ފުރުސަތު ކުޑަވެއެވެ. ހިކުމުގެ ކުރިން ސާފު ވާނެއެވެ. އެހެންކަމުން އެއްމެ ބުއްދިވެރި ގޮތަކީ ފެނުން ނޭފަތް ސާފުކުރުމެވެ. އަދި މިގޮތަށް ފެން ބޭނުން ކުރެވޭ އިރު، ލޮނުކަމުގެ ތާސީރެއް އެކުލެވޭ ފެންފޮދެއް ބޭނުން ކުރުން ބުއްދިވެރިއެވެ. އެހެނީ ލޮނުގެ ތާސީރަކީ ކޮންމެވެސް މިންވަރަކަށް ޖަރާސީމު ނެތި ކުރުވާ ކަމެކެވެ. ކޮންމެއަކަސް ނޭފަތް ސާފު ކުރުމަކީވެސް މުހިއްމު ކަމެކެވެ. އަސި ސާފުކުރާން އެއްމެ ރަނަގަޅު ގޮތަކީ ފެން ބޭނުން ކުރުމެވެ.