2020 ވަނަ މަރުވި ސުޝާންތް ސިންގް ރާޖްޕުތްގެ އުފަން ދުވަހުގެ މުނާސަބަތުގައި އޭނާގެ ދައްތަމެން ވަރަށް ތަފާތު މެސެޖެއް ލިޔެފިއެވެ.
އޭނާ ގެ ދައްތަ ޝްވެތާ ސިންގް ކްރީތީ ލިޔެފައިވާ މެސެޖުގައި ވާ ގޮތުގައި ސުޝާންތް ކޮންމެ ތަނެއްގައި ވީކަމުގައި ވިޔަސް ވަރަށް ހަދާން ވާކަމަށާއި ވަރަށް ލޯބި ވާކަމަށް ލިޔެފައިވެއެވެ. މީގެ އިތުރުން ސުޝާންތް އަކީ އެންމެ ލޯބި އަދި ރަނގަޅު ކޮއްކޮކަމަށާއި ސުޝާންތްގެ ސަބަބުން ދުނިޔެ މައްޗަށް ކިތަންމެ ސުޝާންތެއް އުފަންވެފައި ވާކަމަށް ވެސް ސްވެތާގެ މެސެޖުގައި ވެއެވެ.މި މެސެޖުގައި އިތުރަށް ވާގޮތުގައި އޭނާ ސުޝާންތާއި މެދު ފަހުރުވެރިވާކަމަށްވެސް ލިޔެފައިވެއެވެ. މި މެސެޖާއި އެކު އޭނާ ވަނީ ސުޝާންތްގެ ފޮޓޯއެއްވެސް އާންމުކޮށްފައިއެވެ.
ކްރީތީގެ އިތުރުން ސުޝާންތްގެ ދައްތަ މީތޫ ސިންގްވެސް ވަނީ އަސަރުން ފުރިގެންވާ މެސެޖެއް ސުޝާންތައް ރައްދުކޮށްފައިއެވެ. މީތޫ ލިޔެފައިވާ ގޮތުން ސުޝާންތަކީ އޭނާގެ ދިރިއުޅުމުގައި އޭނާ އަށް އެންމެ މުހިންމު އެކަކުކަމަށާއި އޭނާގެ ހުރިހާވެސް އެއްޗަކީ ސުޝާންތްކަމަށެވެ. މީތޫ އިތުރަށް ލިޔެފައިވާ ގޮތުގައި ސުޝާންތްގެ ސަބަބުން އެތައް ބަޔަކަށް ދިރިއުޅުމުގައި ކުރިޔަށް ދާން ހިތްވަރު ލިބިގެންގޮސްފައިވާ ކަމަށާއި އޭނާ ގަބޫލު ކުރާ ގޮތުގައި ސުޝާންތް ކޮންމެ ތަނެއްގައި ވީ ނަމަވެސް އޭނާގެ ހުނަރުވެރިކަމާއި ގާބިލުކަން ދައްކަމުން ދާނެކަމަށެވެ.
ސުޝާންތްގެ ގިނަ ފޭނުންތަކެއް ވަނީ މި ޕޯސްޓުތައް ޝެއާރކޮށް އެއަށް ކޮމަންޓު ކޮށްފައެވެ. އެ ގޮތުން އެކަކު ބުނެފައިވާ ގޮތުގައި ސުޝާންތަކީ އިންޑިޔާ ގެ ތާރީހުގައި ރަން އަކުރުން ނަން ލިޔެވިގެން ދާނެ ތަރިއެއް ކަމަށާއި އޭނާގެ ސަބަބުން އެތައް ބަޔެއްގެ ދިރިއުޅުން ބަދަލުވެގެން ގޮސްފައިވާކަމަށެވެ. އެހެން ފޭނަކު ބުނެފައިވާ ގޮތުގައި މުޅި އިންޑިޔާ ވަނީ ސުޝާންތައް ދަރަނިވެރިވެފައިކަމަށާއި އޭނާގެ އާއިލާއިން އޭނާ ބަލާ ބޮޑުކޮށްފައިވަނީ ވަރަށް ރަނގަޅަށް ކަމަށެވެ. ސުޝާންތްގެ އުފަން ދުވަހާއި ގުޅިގެން މުޅި ސޯޝަލް މީޑިޔާގައި ގުގުމާލެވިފައިވަނީ ސުޝާންތާއި ގުޅޭ ހޭޝްޓެގްތަކެވެ. އެގޮތުން "ސުޝާންތް ޑޭ" އަދި "ސުޝާންތް މޫން" ފާހަގަ ކުރެވެއެވެ.
