މާލެ ސަރަހައްދުގައި ދިރުއުޅޭ ފަޜާތްތަކުން ހިތްހަމަ ޖައްސާލާ، މަޖާކޮށްލާ، ޕިކްނިކް ދާނެ ރަށެއް މާލެ ސަރަހައްދުގައި ނެތުމުގެ ޝަކުވާއަކީ ބޮޑުވެފައިވާ ޝަކުވާއެކެވެ.
މި ޝަކުވާތަަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން މާލެއަތޮޅު ކުޑަގިރި އަންނަނީ މިފަދަ ދަތުރުތަަކަށް ފައްކާ ކުރަމުންނެވެ. އަދި މި ރަށް ހުޅުވުމަށް އެކި ތާރީޚުތައް ދެމުން އައިސް މިހާރު މިވަނީ އެންމެފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް މައުލޫމާތު ލިބިފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތަކުގެ ދަށުން ދުޅަހެޔޮ، ހިތްފަސޭހަ އަދި އިޖްތިމާޢީ ގުޅުމާއި ހަމަޖެހުން ދެމެހެއްޓުމާއި، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް ހިންގާ މި މަޝްރޫއު ދިގުދެމިގެންދާތީ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވީނަމަވެސް އެ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންގޮސް މިހާރު މިވަނީ ނިމުމަކާއި ގާތްވެފައެވެ.
އާންމުންނަށް ބޭނުންވާނެ އަސާސީ ކަންކަމާއި އެހެނިހެން ވަސީލަތްތަކާއެކު މި ރަށް ތަރައްގީކުރާއިރު، މާލެއިންނާއި ހުޅުމާލެއިން ފުރައިގެން އެރަށަށް ދެވޭނެއެވެ. 15 މިނެޓުން ދެވޭ ކުޑަގިރި އާންމުންނަށް ހުޅުވާލާއިރު އެ ރަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް ކައިވެނީގެ ހަފްލާތަކާއި، އުފަންދުވަސް ފާހަގަކުރުމަށް ބާއްވާ ޕާޓީތަކާއި އެކިކަހަލަ އެއްވުންތަކާއި ކޯޕަރޭޓް އިވެންޓްތައް ބޭއްވުމަށް ވެސް ރަށް ދޫކުރާނެ އެވެ. އަދި، ޑައިވިން އާއި ވޯޓަރސްޕޯޓްސްގެ ގިނަ ހަރަކާތްތަކާއެކު ފަތުރުވެރިންނަށްވެސް މި ރަށަށް ޒިޔާރާތްކުރުމުގެ ފުރުސަތު ލިބޭނެއެވެ.
އެރަށުގައި ފާޚާނައިގެ ހިދުމަތާއި، ޗޭންޖިންގ ރޫމްތައް ވަނީ ގާއިމުކޮށްފައެވެ. އަދި ރަށުގައި ގާއިމުކޮށްފައިވާ ނަރސިންގ ރޫމް ގައި ކުޑަކުދިންގެ ނެޕީ ބަދަލުކޮށް، ތުއްތުކުދިންނަށް ގާތުންދިނުންފަދަ ކަންކަން ފަސޭހައިން ކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން، މިސްކިތަކާއި، ކްލިނިކަކާއި، ކޮންވީނިއެންސް ސްޓޯރަކާއި ރީޓެއިލް ސްޓޯރެއްގެ އިތުރުން މި ރަށުގައި ކެފޭއެއްވެސް ވަނީ ގާއިމުކޮށްފައެވެ. މިރަށުގެ ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭނީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުންނެވެ.
ކުޑަގިރީގައި އާންމުން ބޭނުންކުރުމަށް ޑޭ ޔޫޒް ރޫމްގެ ގޮތުގައި 12 ރޫމް ވަނީ ކަނޑައަޅާފައެވެ. އަދި އާންމުން ބޭނުންކުރުމަށް ކުޑަ 13 އަށި އަދި ބޮޑު 4 އަށިވަނީ ގާއިމުކޮށްފައެވެ.
ކުޑަގިރީގައި ޤާއިމުކޮށްފައިވާ ކުޅިވަރުގެ ވަސީލަތްތަކުގެ ތެރޭގައި ވޮލީބޯޅަ ކޯޓު، ބާސްކެޓްބޯޅަ ކޯޓު، އައުޓްޑޯ މިނީ ފުޓްބޯޅަ ކޯޓު، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭގްރައުންޑް އަދި މީގެ އިތުރުން ޑައިވް ސެންޓަރާއި ވޯޓަ ސްޕޯޓްސް ސެންޓަރު ހިމެނެއެވެ.
މީގެއިތުރުން، އެޑްމިން ބިލްޑިން އަކާއި، ފްރަންޓް އޮފީހެއްގެ އިތުރުން ސެކިއުރިޓީ ބެލެހެއްޓުމަށް ސެކިއުރިޓީ އޮފީހަކާއި ސީސީޓީވީ ކެމެރާތައް އެ ރަށުގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވެއެވެ.
