ފިނި ތަންތަނަށް ނުވަތަ ސްނޯ ފައިބާ ތަންތަނަށް ދިއުމަކީ ބައެއް ދިވެހިންގެ ހިތުގައި އޮންނަ ޝައުގުވެރިކަމެކެވެ. ބައެއް މީހުން އެ މީހުންގެ ޗުއްޓީގައި އެފަދަ ފިނި ގައުމަކަށް ދާން ބޭނުން ވެއެވެ. އަދި އަނެެއްބަޔަކު އެބައިމީހުންގެ "މާމުއިހަނދުވަރުމޫސުން" އެފަދަ ފިނި ހިސާބެއްގައި ހޭދަކުރަން ބޭނުން ވެއެވެ.

މިފަދަ ކޮންމެ ހިޔާލަކާއި އެކު ގިނަ ބައެއްގެ ހިތަށް ވެރިވަނީ ކޮންމެވެސް ހުޅަނގުގެ ގައުމެކެވެ. އާދޭހެވެ! އެއީވެސް ފިނި މޫސުން އަންނަ ގައުމުތަކެވެ. ނަމަވެސް، އަހަރެމެންގެ މި ދިވެހި ރާއްޖެއާއި ކައިރި ހިސާބެެއްގައި އެފަދަ ފިނި މާހައުލެއް އޮއްވާ، ބޮޑު ހަރަދުކޮށް ޔޫރަޕަށް ދިއުން ކޮންމެހެން މުހިއްމު ހެއްޔެވެ؟ ހިޔާލަކީ ތަފާތު އެއްޗެކެވެ. ނަމަވެސް މިއީ ވިސްނާލުންވެސް މުހިއްމު ކަމެކެވެ.

އަވަށްޓެރި އިންޑިޔާގެ މަނާލީ އޭ ކިޔާ ހިސާބަކީ ފިނި ސަރަހައްދެކެވެ. ކޮންމެ އަހަރެެއްގެ ނޮވެންބަރު މަހާއި އަނެއް އަހަރުގެ ފެބުރުއަރީ މަހާއި ދެމެދަކީ މަނާލީ އަށް އެންމެ ފިނި ދުވަސްވަރެވެ. މި ދުވަސްވަރު، މަނާލީގެ މަގުތަކާއި މުޅި ސަރަހައްދު ވާނީ ހުދުކުލައިގެ ސްނޯތަކުގެ ސާލަކުން ފަރުދާވެފައެވެ. މި ދުވަސްވަރު އެ ސަރަހައްދަށް ސްނޯވެސް ފައިބާނެއެވެ. އަދި މިދުވަސްވަރު، މަނާލީގެ ފިނިހޫނުމިން ދަށްވެގެން -80 (މައިނަސް އަށްޑިހަ) ޑިގްރީ ސެލްސިއަސްއަށްވެސް ދަށްވެއެވެ. އެންމެ މަތިވިޔަސް މަތިވަނީ 5 ޑިގްރީ ސެލްސިއަސް އަށެވެ. މިއީ މި ދެންނެވި ދުވަސްވަރު މަނާލީގެ ފިނިހޫނުމިނުގެ ހާލަތެވެ.

ފިނިކަމާއި ސްނޯ ތަޖުރިބާ ކުރަން ބޭނުން ފަރާތްތަކަށް މިއީ ޖީބަށް ލުއި މަންޒިލެކެވެ. އަދި ކައިރި ހިސާބެއްކަމުން ދަތުރުމަތީގައި ހޭދަކުރަންޖެހޭ ވަގުތުވެސް މަދުވާނެތީ ހައްޓަށްވެސް ލުއިވާނެއެވެ. އެކަމަކު ގިނަ ދިވެހިންނަށް ވާގޮތަކީ ނަމުން އިންޑިޔާ އޭ ބުނުމުން، ފަތުރުވެރިއެއްގެ އިޙްސާސް ނުކުރެވެނީއެވެ. ޗުއްޓީއަށް އިންޑިއާއިން ރާއްޖެ އަންނަ މީހުންނަކީ ފަތުރުވެރިންގެ ގޮތުގައި ބައެއް ދިވެހިން ނުދެކޭ އުސޫލުންނެވެ. 

އިންޑިޔާގެ ހިމާޗަލް ޕްރަދޭޝް ސްޓޭޓުގެ ކުއްލޫ ޑިސްޓްރިކްޓްގެ އުތުރު އައްސޭރީގައި އޮންނަ މާނާލީ އަކީ އުސް ފަރުބަދަ ތަކުގެ ސަރަހައްދެކެވެ. މިއީ އިންޑިޔާގައި ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މަންޒިލްކަން ފާހަގަކޮށްލަން ޖެހެއެވެ. ޔޫރަޕުގެވެސް އެތައް ބަޔަކު މަނާލީގެ އެ ރީތި މަންޒަރުތައް ދެކިލަން އިންޑިޔާއަށް ދަތުރު ކުރެއެވެ. ކަނޑުގެ ލޮނުގަނޑުން ފަށައިގެން ގާތްގަނޑަކަށް 6730 ފޫޓު އުސް ފަރުބަދަ ތަކުގެ މަތީގައި އޮންނަ މި ސަރަހައްދަކީ ޗުއްޓީގައި ގޮސްލަން ހިތްގައިމު، އަދި ފިނިތަނެއް ތަޖުރިބާ ކުރަން ބޭނުންވާ ފަރާތްތަކަށް ވަރަށް ވެސް "ސަޅި" މަންޒިލެކެވެ.