ރީތިކަންމަތީ ދެމިހުރުމަކީ ކޮންމެ އަންހެނަކުވެސް ބޭނުންވާނެ ކަމެކެވެ. އަދި ރީތި ޒުވާން ހަށިގަނޑެއް ހޯދުމަށް މަސައްކަތް ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި ކިއެއްތަ؟ މިފަދަ ރީތިކަން ހޯދުމަށްޓަކައި ވަރަށް ބޮޑެތި ޤުރުބާނީތަކެއްވެސް ވާންޖެހެއެވެ. އެގޮތުން ރީތިކަން ދެމެހެއްޓުމަށްޓަކައި ކޮންމެދުވަހަކު ގަވައިދުން ފަރުވާ ހޯދަންޖެހެއެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭ ހަޤީގަތަކީ ކިތަންމެ ރީތިވާން ބޭނުންކަމުގައިވިޔަސް ކޮންމެ ކޮންމެ ދުވަހަކު ކޮށްގެން ނުވާނެ ކަންތައްވެސް ހުންނާނެ ކަމެވެ. ބައެއްފަހަރު މިކަންތައްތަކުގެ ސަބަބުން ރީތިކަން ފަނޑުވާތަންވެސް އާދެއެވެ. އެހެންކަމުން ޒުވާންކަންމަތީ ހުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ބައެއްކަންކަމަށް އަލިއަޅުވާލާނަމެވެ.
އެގޮތުން އެންމެ ފުރަތަމަ ބަލާލާނީ މޭކަޕްކުރުމަށެވެ. ބައެއް މީހުންނަކީ އެއްވެސް ކަހަލަ މޭކަޕެއްނެތި ގެއިން ބޭރަށް ނުކުންނަން ބޭނުން ނުވާ ބައެކެވެ. ނަމަވެސް ކޮންމެ ކޮންމެ ދުވަހަކު މޭކަޕް ކުރުމަކީ ހަންގަނޑަށް ގެއްލުންހުރި ކަމެކެވެ. އަދި ޙާއްސަކޮށް މޭކަޕް ރަނގަޅަށް ނުފިލުވާ ނިދުމަކީ އަދި މާ ގެއްލުން ހުރިކަމެކެވެ. ފަހުގެ މޭކަޕްތަކާއި ރީތިވާ އެއްޗެހީގައި އިރުގެ އަލިން ހަންގަނޑު ރައްކާތެރިކޮށްދޭ މާއްދާތަކާއި ހަންގަނޑު ތެތްކޮށް ބަހައްޓައި މާޙައުލުގައި ހުންނަ ވިހަ ބާވަތްތަކުން ހަންގަޑު ރައްކާތެރިކޮށްދޭ މާއްދާތައް އެކުލެވިފައިވާނެއެވެ. ނަމަވެސް ނިދުމުގެ ކުރިން ވީހާވެސް ރަނގަޅަށް މޭކަޕް ފިލުވާ މޫނު ރަނގަޅަށް ދޮންނަންވާނެއެވެ. ސަބަބަކީ މީހާގެ ހަރަކާތްތެރިކަން ކުޑަވުމުން ހަންގަނޑަށް ބޭނުންވާ އޮކްސިޖަން ރަނގަޅަށް ލިބޭނީ އެގޮތުން ކަމުގައިވާތީއެވެ.
ކޮންމެ ކޮންމެ ކްރީމެއް ނުވަތަ ލޯޝަނެއް މޫނުގައާއި ހަންގަނޑުގައި ނުއުނގުޅާށެވެ. ސަބަބަކީ ކޮންމެކޮންމެ ކްރީމަކުން ހަންގަނޑުގައިވާ ރޫތައްފިލާ ހަންގަނޑު ތެތްކަންމަތީ ނުހުންނާނެއެވެ. ގިނަ ކްރީމަތަކަކީ ހަންގަނޑުގައި ހުންނަ ރޫތައްފިލާނެ ކަމަށް ބުނެފައި ހުންނަ ކްރީމްތަކެވެ. ނަމަވެސް އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ އިރުގެ އަލްޓްރާ ވައިލެޓް ދޯދިން ހަންގަނޑު ރައްކާތެރިކޮށްދީ އަދި ހަންގަޑަށް ޙާއްސަ ވިޓަމިންސް ހިމެނޭ ކްރީމް ނުވަތަ ލޯޝަން ބޭނުންކުރުމަކީ ރީތިކަންމަތީގައި ހުރުމަށް މުހިންމު ކަމެކެވެ.
މޫނުގައި ކްރީމް ނުވަތަ ފައުންޑޭޝަންފަދަ ތަކެތި އުނގުޅާއިރު އަބަދުވެސް ތިރިން މައްޗަށް އުނގުޅާށެވެ. އަދި ދިގުކޮށް ހޭކުމުގެ ބަދަލުގައި ވައްކޮށް އަތުގެ އިނގިލިތަކުން މަސާޖުކުރާ ގޮތަށް އުނގުޅާށެވެ. އެގޮތަށް އުނގުޅުމުން މޫނުގެ މަސްތައް ރީތިވެ ކްރީމް ގިނައިރު މޫނުގައި ހަރުލާފައި ހުރުމުގެ ފުރުސަތު ބޮޑުވާނެއެވެ.
ޒުވާންކަންމަތީގައި ހުރުމަށް އެންމެ މުހިންމު އެއްކަމަކީ ގިނައިން ފެންބުއިމެވެ. ޤަވައިދުން ކޮންމެ ދުވަހަކު ވަކިވަރަކަށް ފެންބޯނަމަ ހަންގަނޑުގެ ކުރަކިކަން ކުޑަވެ ރޫތައްފިލާ މޫނު އޮމާންވެ ތާޒާކަންމަތީ ދެމިހުންނާނެއެވެ.
ރީތި ޒުވާން މޫނެއް ބޭނުންނަމަ ކޮންމެދުވަހަކުވެސް މޫނުގެ ކަސްރަތުކުރާށެވެ. އެކަމުގެ ސަބަބުން މޫނުގެ ބައްޓަންރީތިވެ ރޫތައް ފިލާނެއެވެ. ހަށިގަނޑުގެ ބައިތަކުގެ ތެރެއިން މޫނަކީ ހަމައެކަނި މަސްތައް ހަންގަޑާއި ސީދާ ގުޅިފައި ހުންނަ ބައެވެ. އެހެންކަމުން ގަވައިދުން މޫނުގެ ކަސްރަތު ކުރާނަމަ މޫނުގެ މަސްތައް ހިފެހެއްޓި ޒުވާންކަން އިތުރުވާނެއެވެ.
އިރުގެ އަލި ހަންގަނޑަށް ކޮންމެވެސް ވަރަކަށް ހޯދުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ އިރުގެ އަލިން މޫނުގައި ހުންނަ ބިހިތަކަށް ފަރުވާ ލިބެއެވެ. އެގޮތުން ބިހިތަކުގެ ބާރު ދެރަވެ އަވަހަށް ފިލާދިޔުމަށް ބާރަކަށް ވެގެން ދެއެވެ. އެހެންކަމުން ހަފްތާއަކު އެއްފަހަރު ނަމަވެސް އިރުގެ ހޫނު މޫނަށް ލިއްބައިދިނުމަކީ ނުހަނު މުހިންމު ކަމެކެވެ.
ބައެއްމީހުން ރީތިވުމަށްޓަކައި ގުދުރަތީގޮތުން މޫނުގައި ހުންނަ ކަޅުތިލަ އުފުރައެވެ. ނަމަވެސް ސިއްޙީ ގޮތުން ބަލާއިރު އެއީ ރަނގަޅު ކަމެއްނޫނެވެ. ކަލުތިލައަކީ ހަންގަނޑު އުފެދިފައި ހުންނަ ގޮތަކުން ހަންގަޑުގައި ހުންނަ ބައެކެވެ. އެހެންކަމުން އެބައިތައް ނައްޓާލުމަކީ ބައެއްފަހަރު ހަންގަނޑަށް ނޭދެވޭ އަސަރުކޮށްފާނެ ކަމެކެވެ.
ރީތި ހަންގަނޑެއް ބޭނުންނަމަ ނުވަތަ ޒުވާންކަންމަތީ ހުރުމަށްޓަކައި އައިސްފެނުން މޫނު ދޮވުމަކީ ކުރުން ރަނގަޅު ކަމެކެވެ. ނަމަވެސް ހަންގަނޑު ހިކިކޮށް ހުންނަ މީހުންނަށް ކުރުން އެހާ ބުއްދިވެރިކަމެއް ނޫނެވެ.
ގިނައިން ނުވަތަ އަވަސްއަވަހަށް އިސްތަށިގަނޑު ކޮށުމަކީ އިސްތަށިގަނޑު އަވަހަށް ދިގުވާ ކަމެއްކަމަށް ބައެއްމީހުންނަށް ހީވެފައި އޮވެއެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. ސަބަބަކީ ކިތައްމެ އަވަސް އަވަހަށް ކޮށިކަމުގައިވިޔަސް އިސްތަށިގަނޑު ދިގުވާނީ އެއް ސްޕީޑެއްގައެވެ. އެގޮތުން ކޮންމެ މަހަކު 0.40 އިންޗި އިސްތަށިގަނޑު ދިގުވާނެއެވެ. އެހެންކަމުން ރީތިވުމަށްޓަކައި އަވަސްއަވަހަށް އިސްތަށިގަނޑު ކޮށުމަކީ އިސްތަށިގަނޑުގެ ރީތިކަން ގެއްލިދާނެކަމެކެވެ.
މިދެންނެވުނު ކަންކަމަށް ފަރުވާ ބަހައްޓައިގެން ރީތިކަންމަތީ ހުރުމަށް މަސައްކަތްކުރާނަމަ ޒުވާން ހަށިގަނޑެއްގެ ވެރިޔަކަށް ވެވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.
