ބޭންކް އޮފް މޯލްޑިވްސް ގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުނު މުޖުތަމަޢު އަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ތައާރަފް ކުރި ސްޕޯޓްސް ސްކޮލާޝިޕް ލިބޭ އެތުލީޓުން ހޮވައިފިއެވެ.

މި ސްކޮލާޝިޕް ހުޅުވާލެވުނީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމުގެ ގޮތުންނެވެ. މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ މޮޅު އެތުލީޓުންނަށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕަރފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ފޯރުކޮށްދެވިގެންދާނެއެވެ. 

ސްކޮލާޝިޕް އަށް ހޮވުނު އެތުލީޓުން އިއުލާންކުރަން މިއަދު ހެނދުނު މާލެ ޓޭބަލް ޓެނިސް ހޯލުގައި ކުރިޔަށް ދިޔަ ހަފްލާގައި އޮލިމްޕިކް ކޮމިޓީގެ ރައީސް، މުޙައްމަދު ޢަބްދުއްސައްތާރު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ، ކާރލް ސްޓުމްކަ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އޮފިޝަލުން އަދި ޤައުމީ ކުޅިވަރު އެސޯސިއޭޝަންގެ ފަރާތުން ވަނީ ބައިވެރިވެފައެވެ. 

ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް ލިބޭ އެތުލީޓުންގެ ތެރެއިން މަރިޔަމް ރޫޔާ އަލީ އާއި މަރިޔަމް މިންހަލް ޝާމިން އަށް އެތްލެޓިކްސް އިން ސްކޮލާޝިޕް ލިބިފައިވަނީ ކިންގްސްޓަން، ޖެމައިކާ ގައި ތަމްރީނުތައް ހެދުމަށެވެ. އަދި މުޙައްމަދު ސާލިމް އަބްދުލް ސަމަދު އާއި ޝުބާ މުޙައްމަދު ޝަރީފް އަށް ބެޑްމިންޓަނުން ތަމްރީނުތައް ހެދުމަށް ލިބިފައިވަނީ ދުބާއީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް ގައެވެ، 

މީގެ އިތުރުން ފާތިމަތު ޖުމާނާ ނިމާލް އާއި މޫސާ މުންސިފް އަޙްމަދު އަށް ޓޭބަލް ޓެނިސް އިން ތަމްރީނުވުމަށް ޒަޤްރިބް، ކްރޮއޭޝިއާ އިން ފުރުސަތު ލިބުނުއިރު، ލަޔާން މުޙައްމަދު ޝާމިން އަށް ޓެނިހުން ތަމްރީނުވުމަށް ފުރުސަތު ލިބުނީ ސްޕެއިނުގެ ބާސެލޯނާ އިންނެވެ.

މި ސްކޮލާޝިޕް އަށް ހުޅުވާލެވިފައިވަނީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށެވެ. އަދި ސްކޮލާޝިޕް އަށް އެތްލީޓުން ހޮވާފައިވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އިންނެވެ.