އެތަކެއް ރީތި ލަވަތަކެއް ކިޔާފައިވާ ބިޔޯންސޭ އެތައް އަހަރެއް ފަހުން އަނެއްކާވެސް ސްޓޭޖު މަތިން ފެނިއްޖެއެވެ. މިފަހަރު ބިޔޯންސޭ ފެނިގެން ގޮސްފައިވަނީ ދުބާއީގެ އަގު ބޮޑު ހޮޓަލެއް ހުޅުވުމުގެ ރަސްމިޔާތުންނެވެ. މި ޝޯ އަކީ ބިޔޯންސޭ 2018 އަހަރަށް އާންމުންގެ ތެރޭގައި ޝޯ އަކަށް އެރި ފުރަތަމަ ފަހަރެވެ.
މި ޝޯގައި ބިޔޯންސޭ ގެ އިތުރުން އޭނާގެ ދަރިފުޅު ބްލޫ އައިވީ ވެސް ވަނީ ފެނިގެން ގޮސްފައިއެވެ. މި ޝޯ ބަލަން އެތައް ބަޔަކު އެ ހޮޓަލަށް ދިޔަ އިރު މި ޝޯ ބޭއްވި ތަނުގެ ސެކިއުރިޓީ ވަނީ އިންތިހާއަށް ވަރުގަދަ ކޮށްފައެވެ. އެ ގޮތުން އެ ތަނުގެ ތެރޭގައި ފޯނު ބޭނުން ކުރުމާއި ފޮޓޯ އަދި ވީޑިއޯ ނެގުންވެސް ވަނީ މަނާކޮށްފައެވެ. ނަމަވެސް ޝޯގެ ފޮޓޯތަކެއް ވަނީ މިހާރުވެސް ސޯޝަލް މީޑިއާގެ ތެރެޔަށް ލީކްވެފައިއެވެ.
ބިޔޯންސޭ ގެ މި ޝޯ ކުރިޔަށްގެންދަން ހަމަޖެހިފައި އެއްގަޑި އިރާ ބަޔަށް ނަމަވެސް ޝޯ ފަށާފައި ވަނީ އެ ޝޯ ފަށަން އޮތް ގަޑި އަށް ވުރެން އެއްގަޑިއިރު ލަހުންނެވެ. ނަމަވެސް މިކަމުގެ ސަބަބުން ޝޯ އަށް ލިބުން ތަރުހީބު ވަކި ކުޑައެއްނުވެއެވެ. މި ޝޯގައި ބިޔޯންސޭ އޭނާ މަސްހޫރު ލަވަތަކެއް ހުށަހަޅާ ދީފައިވެއެވެ. އެގޮތުން "ބިއުޓިފުލް ލަޔާރ" "ހެލޯ" އަދި "ކްރޭޒީ އިން ލަވް" ފާހަގަ ކުރެވެއެވެ. މި ޝޯ ގައި ބިޔޯންސޭ ފެނިގެން ގޮސްފައިވަނީ ޑޯލްސް އެންޑް ގަބާނާއިން ފަރުމާކޮށްފައިވާ ކަސްޓަމައިޒްޑް ހެދުންތަކެއްގައިއެވެ.
ބިޔޯންސޭ ބުނިގޮތުގައި މި ޝޯ ގައި އޭނާގެ ފިރިމީހާ ޖޭ.ޒީ ގެ އިތުރުން ބިޔޯންސޭގެ މަންމަ އާއި ބައްޕަ އަދި ބިޔޯންސޭ އަދި ޖޭޒީ ގެ އެންމެ ކުޑަ ދެ ދަރިންވެސް ބައިވެރިވެފައިވާކަމަށެވެ. މި ޝޯ ގައި ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ބިޔޯންސޭ ގެ ހަތް ވަނަ އަލްބަމް ރިލީޒްކޮށްފައިވެއެވެ.
