ސިދާތު އާނަންދުގެ ސްޕައި/އެކްޝަން ފިލްމު "ޕަޓާން" އަންނަ ޙަފްތާގައި އިންޑިއާގެ އެކި ސިނަމާތަކުގައި އަޅުވަން ވަނީ ތައްޔާރުވެފައެވެ. އެޑްވާންސް ބުކިންގ މިހާރު ފެށިގެން ކުރިއަށްދާއިރު މިޚަބަރުގައި އަލިއަޅުވާލަން މިއުޅެނީ، ޝާހްރުކް ޚާން އެތައް ދުވަހަކަށްފަހު ބޮލީވުޑް ސިނަމާއިން ފެނިގެން މި ދާ ފުރަތަމަ ފިލްމުގައި ސަލްމާން ޚާންގެ ޚާއްޞަ ސަޕްރައިޒެއްގެ ވާހަކައަށެވެ.
ދާދި ފަހުން ޓްރެއިލަރ ރިލީޒްކޮށްފައިވާ "ޕަޓާން"ގައި ސަލްމާންގެ ކުޑަ ފެނިލުމެއް ވާނެ ކަމަށް މީގެ ކުރިން ވެސް ވަނީ އެނގި ހާމަވެގެން ގޮސްފައެވެ. އަދި މި ފެނިލުމުގައި ސަލްމާން ފެނިގެންދާނީ އޭނާގެ "ޓައިގަރ" ކެރެކްޓަރގައި ކަން ވެސް ވަނީ އިތުބާރުކުރެވޭ ފަރާތަކުން ޔަޤީންކޮށްދީފައެވެ.
ހަމަމިއާއެކު ދާދިފަހުން ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާއެއް ކަމަށްވާ "ޕިންކްވިލާ"އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ފިލްމު "ޕަޓާން"ގެ ތެރެއިން "ކިސީކީ ބާއީ ކިސީކީ ޖާން"ގެ ޓީޒާއެއް ވެސް ފެނިގެންދާނެއެވެ.
" (ކިސީކީ ބާއީ ކިސީކީ ޖާން)އަށް ސަލްމާން ޚާނާއި އޭނާގެ ޓީމުން ވަނީ 1 މިނެޓާއި 45 ސިކުންތު، (ޕަޓާން)ގެ ތެރެއިން ނަގައިފައި...! މިއީ ސަލްމާންގެ ފޭނުން ގުގުމާލާނެ ވަޤުތުކޮޅަކަށް ވާނެ ކަން ކަށަވަރު" ޕިންކްވިލާގެ ރިޕޯޓުގައި ވެއެވެ.
"ކިސީކީ ބާއީ ކިސީކީ ޖާން" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އެޕްރީލްމަހުގެ 21ގައެވެ.
ބޮލީވުޑްގައި މިއަހަރު ރިލީޒްކުރާނެ އެންމެ ބޮޑެތި ފިލްމުތަކުގެ ތެރޭގައި އަންނަ ޙަފްތާގައި ރިލީޒްކުރާ ޝާހްރުކްގެ "ޕަޓާން"އާއި ސަލްމާން ޚާންގެ "ޓައިގަރ 3"ގެ އިތުރުން "ކިސީކީ ބާއީ ކިސީކީ ޖާން" ހިމެނެއެވެ.
