އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި އާސެނަލްގެ ފޯވާޑް، އެޑީ އެންކެޓިއޭ ވައްދާލި ދެ ލަނޑާއެކު އެ ޓީމުން 3-2 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، ތާވަލްގެ ކުރީގައި ފަސް ޕޮއިންޓްގެ ލީޑް ދަމަހައްޓައިފިއެވެ.

މިއީ މި ފަހަރުގެ ސީޒަނުގެ ލީގުގައި ބަލިނުވެ އާސެނަލުން ފުރިހަމަކުރި 13 ވަނަ މެޗެވެ. އޭގެތެރެއިން، 11 މެޗުން މޮޅުވިިއިރު ދެ މެޗުން ވީ އެއްވަރެވެ. ލީގުގައި އެ ޓީމު އެންމެ ފަހުން ބަލިވީ މިދިޔަ ސެޕްޓެންބަރު މަހު ޔުނައިޓެޑް އަތުންނެވެ.

ރޭގެ މެޗުތަކަށްފަހު ލީގުގައި އެއްވަނައިގައި އުޅޭ އާސެނަލް އަށް 19 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ފަސް ޕޮއިންޓް ފަހަތުން އެއް މެޗު އިތުރަށް ކުޅެގެން ދެވަނައިގައި އޮތީ މެންޗެސްޓާ ސިޓީ އެވެ. ތިންވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑާއި، ހަތަރެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 20 މެޗުން 39 ޕޮއިންޓް ލިބިފައިވާއިރު، ނިއުކާސަލް އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ 17 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ޔުނައިޓެޑުންނެވެ. މިއީ އާސެނަލްގެ މެދުތެރެއިން ތޯމަސް ޕާޓޭ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޕެނަލްޓީއޭރިޔާ ބޭރުން ލިބުނު ބޯޅައަކުން މާކަސް ރަޝްފޯޑް ކާމިޔާބުކުރި ރީތި ގޯލެކެވެ. އޭގެ ހަތް މިނެޓުފަހުން، އާސެނަލުން އެއްވަރުކުރީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އެންކެޓިއޭ ކާމިޔާބުކުރި ގޯލުންނެވެ. އެ ޓީމުގެ ސްވިޒަލެންޑް މިޑްފީލްޑަރު، ގްރޭނިޓް ޒާކާ ނެގި ހުރަހަކުން އެންކެޓިއޭ މި ލަނޑުޖެހީ ބޮލުންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ 8 ވަނަ މިނެޓުގައި އާސެނަލުން މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނެގީ ބުކާޔޯ ސަކާ ވައްދާލި ހިތްގައިމު ލަނޑުންނެވެ. އެކަމަކު، އާސެނަލަށް މި ލީޑް ހިފަހައްޓާލެވުނީ އެންމެ ހަ މިނެޓަށެވެ. އޭގެފަހުން، މެޗުގެ 59 ވަނަ މިނެޓުގައި އާޖެންޓީނާގެ ޑިފެންޑަރު ލިސަންދްރޯ މާޓިނޭޒް ވަނީ ޔުނައިޓެޑަށް އެއްވަރުކޮށްދީފައެވެ.

މި މެޗުގައި އާސެނަލް މޮޅުވި ލަނޑު، އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ އެންކެޓިއޭ އެވެ. އޭގެކުރީން، އާސެނަލަށް ލަނޑެއްޖަހައިދޭން ސަކާ ފޮނުވާލި ބޯޅައެއް ގޯލްގެ އަރިމަތީދަނޑިއަށް އަމާޒުވެފައިވާއިރު، އެންކެޓިއޭ ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ މަތަކުރިއެވެ.

ލީގުގައި ރޭ ސިޓީން ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި 3-0 އިން ވުލްވްސް ބަލިކުރިއިރު، އެ ޓީމުގެ ހުރިހާ ގޯލެއްވެސް ކާމިޔާބުކުރީ ނޯވޭގެ ފޯވާޑް، އާލިން ބްރައުޓް ހާލަންޑް އެވެ. އޭގެތެރެއިން ފުރަތަމަ ހާފުގައި އޭނާ އަށް ޖެހުނީ އެންމެ ގޯލެކެވެ. އަނެއް ދެ ލަނޑުޖެހީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފުގައި ސިޓީން ޖެހި ދެ ގޯލްގެ ތެރެއިން ފުރަތަމަ ގޯލަކީ ޕެނަލްޓީއަކުން ހާލަންޑް ކާމިޔާބުކުރި ގޯލެކެވެ. ރޭގެ މެޗުގައި ހެދި ހެޓްރިކާއެކު ހާލަންޑް ވަނީ މިހާތަނަށް ލީގުގައި ކުޅުނު 19 މެޗުން 25 ލަނޑުޖަހައިފައެވެ. މިއާއެކު، މުޅި ސީޒަނުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 31 އަށް އަރާފައެވެ. 

މި މުބާރާތުގައި ރޭ ލީޑްސް ޔުނައިޓެޑާ ބްރެންޓްފޯޑް ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.