އިންސާނުން ލޯބިވާ މީހުންނަކީ އެމީހުންގެ ހިތާއި ނަފުސުން އެ މީހުންނަށް ވަފާތެރި ބައެކެވެ. މިފަދައިން އިންސާނާ ލޯބިވާ މީހުންނާއި އެކު ވަގުތު ހޭދަކުރުމަކީ އިންސާނާގެ ހިތަށް އުފާވެރިކަމާއި ހަމަޖެހުން ގެނުވާނޭ ކަމެކެވެ. އަދި އެކަމަށް އިންސާނާގެ ހިތް އެދޭ ވެސް ކަމެކެވެ. މީގެ އިތުރުން އިންސާނާ ލޯބިވާ މީހެއްގެ ގައިގާ ބައްދާލުމަކީވެސް ހަމަ އެފަދައިން އުފާވެރިކަމާއި ހަމަޖެހުން ގެނުވާނޭ ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ ލޯބިވާ މީހެއްގެ ގައިގާ ބައްދާލުމުން ލިބޭ ޖިސްމާނީ އަދި ނަފްސާނީ ފައިދާ ތަކަށެވެ.

އަހަރެމެން މުސްލިމުންނަށް ވީ ހިނދު، އެކަކު އަނެކަކާ ގައިގޯޅިވެ އަތާއަތް ޖޯޑުކޮށް، ބައްދާ ހެދުމުގައި މިންގަނޑެއް އޮންނަކަން ހަނދާން ކުރަންވާނެއެވެ. އެ އިމުގެ ތެރެއިން އަހަރެމެންނަށް ހުއްދަވާ މީހުންނާ އެކު އެފަދަ ގާތްކަމެއް ބޭއްވުމަކީ ގޯހެއް ނޫނެވެ.  ލޯތްބާއި ހަމްދަރުދީ އާއި ކުލުނަކީ އިސްލާމް ދީން ވަރަށް ބޮޑަށް ބާރު އަޅާ ކަންކަމެވެ. އަދި ލޯތްބާއި ރަހުމުކުރުމުގެ ގުޅުންތަކަކީ އޭގެ ސަބަބުން އެދުންވެރިކަން އިންސާނާގެ ހިތަށް ވަންނަން ޖެހޭ ގުޅުންތަކެއް ނޫނެވެ. ގައިގޯޅި ވުމާއި ބައްދާ ހަދާ ވާހަކަ ބުނެވިފައި އޮތުމުން، އެ ނަޒަރުން ދެކޭނޭ ބަޔަކުވެސް އުޅެދާނެތީ އެވާހަކަވެސް ހިއްސާކޮށްލީއެވެ.

އާދޭހެވެ! އިސްވެ ދެންނެވި ހުދޫދުގެ ތެރެއިން ހުއްދަވާ ފަރާތްތަކާއި ހުއްދަ ގޮތުގައި ލޯތްބާއި ކުލުނާއި، ހަމްދަރުދީއާއި އެކު ބައްދާލާ ހެދުމުން އިންސާނާގެ ނަފްސަށާއި ޖިސްމަށް ފައިދާތަކެއް ކުރެއެވެ. މިއީ ފަހުގެ ދިރާސާތަކުންވެސް ސާބިތުވާ ކަންކަމެވެ. ލޯތްބާއި އެކު އަނެކާގެ ގައިގާ  ބައްދާލުމުން، އެ ދެ މީހުންގެ ސިކުނޑި ހުންނާނީ ގާތްވެފައެވެ. ދެ މީހުންގެ ދެ ހިތްވެސް ހުންނާނީ ގާތްވެފައެވެ. މިއީ ޖިސްމާނީ ސިފައެކެވެ. އެހެނަސް މިއީ އަދި ދައްކަން މިއުޅޭ ވާހަކައެއް ނޫނެވެ.

ލޯތްބާއި އެކު، ލޯބިވާ މީހެއްގެ ގައިގާ ބައްދާލުމުން، ސިކުނޑީގެ ރިއެކްޓިވިޓީ ދަށްވެއެވެ. ނަތީޖާއެއްގެ ގޮތުން ސިކުނޑިއަށް ލުއި ލިބި، ބުރަކަން ފިލާގޮސް، ހަމަޖެހުން ލިބެއެވެ. އަދި ޑޮޕަމިން ނަމަކަށް ކިޔާ ހޯމޯނެއް ލޭގެ ތެރެއަށް ދޫވެއެވެ. މިއީ ނަފްސަށް ހިތްހަމަ ޖެހުމާއި އުފާވެރިކަން އިހުސާސް ކުރުވާ އަދި ހީވާގިކަން އިތުރުކޮށްދޭ ހޯމޯނެކެވެ.

ހީވާގިކަން އިތުރުވުމުގެ ސަބަބުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެއެވެ. އަމިއްލަ ނަފްސުގެ އަބުރާ ކަރާމަތަށް އޮންނަ ލޯބި އިތުރުވެއެވެ. އޭގެ ސަބަބުން އަމިއްލަ ނަފްސަށް އަނިޔާ ދިނުމާއި ހާނިއްކަ ކުރުން ފަދަ ކަންކަމުން ދުރުވާން ފުރުސަތު ލިބެއެވެ. އަދި ކުރަން ގަސްތުކުރާ ކަންކަމުގައި އިތުރު ހިތްވަރާއި އެކު އެކަމުގެ އަޒުމް އަލުން ވަރުގަދަވެދެއެވެ. އަދި ހަމަ އެއާއިއެކު މިފަދައިން ލޯތްބާއި އެކު ބައްދާލުމުން އިތުބާރާއި ރައްކާތެރިކަންވެސް އިހުސާސް ކުރެވޭނެއެވެ. އަދި ހަމަޖެހުމަކާއި އެކު ބުރަކަން ލިބިފައިވާ ހިތަކަށް ތަސައްލީއެއްވެސް ލިބިދެއެވެ.

ޖިސްމާނީ ގޮތުން ލިބޭ ބައެއް ފައިދާތަކަށް ބަލާއިރު، ދިރާސާތަކުން ދައްކާ ގޮތުގައި ލޯތްބާއިއެކު ބައްދާލާ ބެއްދުން ތަކުގައި ލޭގެ ޕުރެޝަރު ދަށްވެއެވެ. މިފަދައިން ދިމާވަނީ އިސްވެ ބުނެވުނު ޑޮޕަމިން ހޯމޯނުގެ ސަބަބުންނެވެ. އަދި ހަމަ އެ ހޯމޯނުގެ ސަބަބުން ހަށިގަނޑުގެ މަސްތަކަށް އަރާމު ކަމެއް ވެރި ކުރުވައެވެ. މިކަމުގެ ސަބަބުން މުޅި ހަށިގަނޑަށް ލުއިކަމެއް އިހުސާސް ކުރުވައެވެ. މި ލުއިކަމާއި އަދި ޑޮޕަމިން ހޯމޯނުގެ ސަބަބުންނާއި އެކު، ލިބޭ ހަމަ ޖެހުމާއި އަރާމުގެ ސަބަބުން އިންސާނާގެ ނިދުން ރަނގަޅުވެއެވެ. އަދި ހަމަ ނިދި ލިބުމަށް އެހީތެރިވެދެއެވެ. 

އެހެންކަމުން ލޯތްބާއެކު ބައްދާލުމަކީ އޭގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ފައިދާ ކުރާ ކަމެކެވެ. އެއްގޮތަކުންނެއް ނޫނެވެ. އެތައް ގޮތަކުންނެވެ. މިކަމުގައި ބޮޑަށް ލިބިގެން ދަނީ ނަފްސާނީ ފައިދާއެވެ. ނަފްސާނީ ގޮތުން އަވަސް ފަރުވާއެއް ބޭނުންވެފައިވާ މީހާއަށްވެސް، ލޯތްބާއި އެކު ބައްދާލާ ބައްދާލުމަކުން ބޮޑު ހަމަޖެހުމެއް ލިބިގެން ދެއެވެ.