ފުރާވަރު އުމުރުން ފެށިގެން މެދުއުމުރާއި ދޮށީއުމުރުގެ މީހުންވެސް އެންމެ ގިނައިން ކުރާ އެއްޝަކުވާއަކީ ބޮލުގައި ރިހުމެވެ. ދިރިއުޅުމުގައި ދިމާވާ ނަފްސާނީ ނުވަތަ ދިރިއުޅުމާ ވަޒީފާ އަދި އާއިލީ މައްސަލަތަކާއި، އިންސާނާއަށް ޖެހޭ ފަތާތު ބަލިތަކާއި، ކެއިންބުއިމުގެ އާދަތަކާއި، ނިންޖާއި ވަރުބަލިކަންފަދަ ކަންކަމުގެ ސަބަބުން ބޮލުގައި ރިހުން މެދުވެރިވެއެވެ. ވަރަށް ގިނަ ފަހަރު ކާނާއާއި ބޮލުގައި ރިހުމާއި ގުޅިފައި ވެއެވެ. ދުވާލުގެ ދަންތަކުގެ ތެރެއިން އެއް ފަހަރަކު ނުކައި ހައިބަނޑަށް ހުރުން، ނުވަތަ ކާގަޑި ލަސްކޮށްލުން، ނުވަތަ ރޯދައަށް ހުރިކަމުގައި ވިޔަސް ބޮލުގައި ރިހުން ކުރިމަތި ވެއެވެ.

ބޮލުގައި ރިހުން ކުރިމަތިވާ މީހުންގެ ތެރެއިން ޑޮކްޓަރެއްގެ ކައިރިއަށް ގޮސް ފަރުވާ އާއި ލަފާ ލިބިގަންނަނީ ނިސްބަތުން ވަރަށް މަދު ބައެކެވެ. ގިނަމީހުން އެސްޕިރިން ފަދަ ބޭހެއް ބޭނުންކޮށްގެން ނުވަތަ އަރާމްކޮށްލައިގެން ނުވަތަ އެހެންވެސް ވަސީލަތެއްގެ އެހީގައި ބޮލުގައި ރިހުމަށް އަމިއްލަ އަށް ފަރުވާ ލިބިގަނެއެވެ. އެހެން ކަމުން އެންމެ މުހިންމުކަމަކީ ބޮލިގައި އާންމުކޮށް ރިއްސާނަމަ ބޮލުގައި ރިހެން މެދުވެރިވާ ސަބަބު ހޯދާ އެކަމަށް ފަރުވާ ކުރުމެވެ.

ބޮލުގައި ރިހުން އުފެދޭ އެކިކަންކަމުގައި ރިހުން ހުންނާނީ ތަފާތު ކޮށެވެ. ނަފްސާނީ ފިއްތުންތަކުގެ ސަބަބުން ބޮލުގެ މަސްތައް ވަރުބަލިވެގެން ކުރިމަތި ކުރުވާ ބޮލުގަ ރިހުމުގައި ރިހުން ހުންނާނީ ކަނދުރާއާއި ބޮލުގެ ފަހަތުގައެވެ. ނޫންނަމަ ނިތްކުރީގައި ފުރތަމަ ރިހުން އުފެދި އެރިހުން ބޮލުގެ ދެފަޅިއަށް ފެތުރެއެވެ. އަދި ލޯ، ނޭފަތް އަދި ކަންފަތް ފަދަ މޫނުގެ ގުނަވަނެއްގައި ނަގާ ރިހުމުގެ ސަބަބުން ބޮލުގައި ރިހޭނަމަ އެގުނަވަނަކުން ނަގާ ރިހުން ގަދަވެ ބޮލުގެ އެކި ތަންތަނުގައި ރިހޭގޮތްވެއެވެ.

ބޮލުގައި ރިއްސާރިއްސުންތަކަށް ލިބިފައިވާ ބައެއް ހާއްސަ ސިފަތަކަށް ބަލާލާއިރު ލޭހޮޅިތައް ފުޅާވުންފަދަ ކަމެއްގެ ސަބަބުން ބޮލުގައި ރިހުން ކުރިމަތިވާނަމަ ބޮލުން ވިންދުޖަހާހެން ހީވާގޮތަށް ރިހުންހުންނާއެވެ. އަދި ސިކުޑީގައި ޓިއުމަރެއް ފަދައެއްޗެއް އުފެދި ސިކުޑީގައި ޕްރެޝަރ މަތިވުމުން ބޮލުގައި ރިއްސާނަމަ ބޮލުގައި ރިހޭނީ ބޯފަޅައިގެންދާން އުޅޭފަދަގޮތަކަށެވެ. މައިގްރެއިން ގެސަބަބުން ރިއްސާ ރިއްސުމުގައި ވެސް ބައެއްފަހަރު ވިންދުޖަހާގޮތްވެ، ހޮޑުލެވި ގަދަ އަލި ފެނުމުން ރިހުން ގަދަވާގޮތްވެއެވެ.

ބޮލުގައި ރިހެން މެދުވެރިވާ ސަބަބު ދެނެގަތުމަށް ޑޮކްޓަރުން ތަފާތު ހޯދުންތައް ހޯދައެވެ. އޭގެތެރޭގައި ސިކުޑީގެ އެކްސްރޭ ހިމެނެއެވެ. އެކްސްރޭއިން ބޮލުގެ ނާށިގަނޑުގެ ހާލަތު އެތެރެއާއި ބޭރުން ދެނެގަނެވެއެވެ.

ބޮލުގެ ސީޓީ ސްކޭން ނުވަތަ އެމްއާރްއައި މެދުވެރިކޮށް ސިކުނޑީގައި އެއްވެސް ކަހަލަ ޓިއުމަރ އެއް ފަދަ އެއްޗެއް ހުރިތޯއާއި، އަދި ސިކުނޑީގެ ހާލަތު ހުރިގޮތް ތަފްޞީލްކޮށް ހޯދެއެވެ.

އާޓީރޮއޮގްރަފީ އަކީ ސިކުނޑީގެ ލޭހޮޅިތައް ކުރަހާލައިގެން ސިކުނޑިއާއި ގުޅިފައިވާ ލޭހޮޅިތަކުގައި ލޭދަރުވުން ސަލާމަތުން ހުރިތޯ ބެލުމެވެ. އެއަށްފަހު ކަދުރާގައިވާ ލޭހޮޅިއަކުން ޚާއްޞަ މާއްދާއެއް ސިކުނޑިއަށް ފޮނުވާލައެވެ.

ލަމްބަރ ޕަންކްޗަރ މިޓެސްޓް ހެދެނީ ސިކުނޑި ދުޅަވުން ފަދަ ބަލިތަކާއި ގުޅިގެން ބޮލުގައި ރިހުން ކުރިމަތިވާ ހާލަތްތަކުގައެވެ. ބޭސްވެރިކަމުގައި ބޭނުންކުރެވޭ ވަކިކަހަލަ ތިނޯހެއް ފަދަ އެއްޗެއްގެ އެހީގައި ސްޕައިނަލްކޯޑަށް ޚާއްޞަ މާއްދާއެއް މިޓެސްޓް ހެދުމަށް ފޮނުވާލެވެއެވެ. މިމާއްދާ ފޮނުވާލެވެނީ މައިބަދައިގެ އުނަގަނޑާއި ވީ ހިސާބުންނެވެ، އެހެންކަމުން ޒަމާނީ މިފަދަ ތަފާތު ވަސީލަތްތަކާއި ޓެސްޓުތަކުގެ ޒަރިއްޔާއިން ބޮލުގައި އާންމުކޮށް ރިއްސާމީހެއްގެ ބޮލުގަ ރިހެން މެދުވެރިވާ ސަބަބު ހޯދާލުމަށް ފަސޭހަވެއެވެ.

ބޮލުގައި ރިހުން ކުޑަކުރުމަށް ގޭގައި ފަރުވާއެއްދޭނަމަ އާންމު ގޮތެއްގައި ރަގަޅީ ހޫނު ފެން އެއްޗަކަށް ދެފައިތިލަ ލުމެވެ. އެއީ ހޫނު ފެނުގެ ސަބަބުން ދެފައިތިލަ އަށް ލޭ ފޮނުވާދޭ މިންވަރު އިތުރުވެ، ލޭހޮޅިތައް ފުޅާވުމުން ބޮލުގައި އުފެދިފައި ހުންނަ ފިތުން ނުވަތަ ޕްރެޝަރ ދަށްކޮށްދޭތީ އެވެ.

މިފަރުވާ ކުރާ އިރު ފެންގަނޑަށް ވަސްހިފުމަށް ކުދީނާފަތް ނުވަތަ އެސެންޝިއަލް އޮއިލް އެޅިދާނެއެވެ. ބޮލުގައި ރިހުން ކުޑަކުރުމަށް ބޭނުންކުރަން އެންމެ ރަނގަޅު އެސެންޝިއަލް އޮއިލް ތެރޭގައި ޕެޕަރމިންޓް، ކެމޯމައިލް، ލެވެންޑަރ އަދި ރޯޒްމޭރީ ހިމެނެއެވެ. ދުވާލުގެ މަސައްކަތްތައް ނިމިގެން ހަވީރު ގެއަށް އައިސް ހަމައަކަށް އެޅުމަށް މިފަދަ ގޮތަކަށް 15 މިނިޓްވަންދެން ފަރުވާ ލިބިގަނެވިދާނެއެވެ. މިފަރުވާ ލިބިގަންނަ އިރު ވެސް ފެންފިނިވުމުން އަނެއްކާ ވެސް ތާފަނާ ފެން އަޅައި ފެންގަނޑު އާކުރުމަކީ އެދެވިގެންވާ ކަމެކެވެ. އެކަށޭނަ ވަރަކަށް ވަގުތު ހޭދަވުމުން ފައިތިލަ ދެފަރާތުން ރަގަޅަށް ފިއްތައިގެން މަސާޖު ކުރާށެވެ. މިހެން ހެދުމުން ހަށިގަނޑުގެ އެކި ހިސާބުތަކުގައި ހުންނަ ތަދުތަކާއި، ރިހުންތައް ކުޑަކޮށް ދެއެވެ.