ތެލުލި ކާނާގެ ކްރިސްޕީ ނުވަތަ މުރަނަ ކްރަސްޓް އުފެދުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟ ސްޓޭންޑަރޑް ބްރެޑިންގ ޕްރޮސީޖަރ ނުވަތަ ޑްރެޖިންގ، އެއީ ކުރަން ފަސޭހަ ކަމެކެވެ. ސުވާލަކީ ޑްރެޖް ކުރުމުގައި ފްރައިކުރަން ބޭނުންވާ އެއްޗެއް ފުރަތަމަ ލާނީ ފުށަށްތޯ ނޫނީ ބިސް ނުވަތަ ބީޓެން އެގް މިކްސްޗަރއަށްތޯއެވެ. ފުރަތަމަ ލާނީ ފުށަށެވެ. އޭރުން އޭގެ ބޭރުގައި ބިސް ރަނަގަޅަށް ހަރުލާން އިތުރު ބާރެއް ލިބޭނެއެވެ. އެހެންވީމަ ރަނަގަޅު ތަރުތީބަކީ ފުރަތަމަ ފުށަށް ލާފަ، ދެން ބީޓެން އެގްސްއަށް ލާފަ ދެން ފުށްއެއްޗަށް ނުވަތަ ފާރޮށި ކުނޑި ބޭނުންކރާނަމަ ފާރޮށި ކުނޑިއެއްޗަށް ލާފަ ތެލުލަން ތެލަށް އެޅުމެވެ.
ފުށާއި ބިހުގައި ހިމެނޭ ޕްރޮޓީންގެ އެހީގައި ފާރޮށި ކުނޑި ނުވަތަ ޕޭންކޯ ނުވަތަ ދެންވެސް ބޭރުގައި ބޭނުންކުރާ ލޭޔަރ ތެލުލާއިރު ކާނާގައި ރަނގަޅަށް ހަރުލާ، އިތުރަށް މުރަނަވެ ކާނާގެ ވަށައިގެން މީރު ކްރަންޗީ ކްރަސްޓެއް އުފެދެއެވެ.
ކެއްކުމުގައި ޑްރެޖިންގ މި ލަފުޒުގެ މާނައަކީ ކާއެއްޗެހި ކައްކާލުމުގެ ކުރިން ފުށް ނުވަތަ ފާރޮށިކުނޑި ބޭރުގަ ލާ ފޮރުވާލުމެވެ.
ގިނަ ފަހަރަށް ފުށުން ޑްރެޖް ކުރުމަކީ ސްޓޭންޑަޑް ބްރެޑިންގ ޕްރޮސީޖަރގައި އަޅާ އެއް ފިޔަވަޅެވެ، މިއީ ތެލުގައި ހަނާކުރުމަށް ނޫނީ ޝެލޯ ފްރައިކުރުމަށް ނޫނީ ޑީޕް ފްރައި ކުރުމުގެ ފުރަތަމަ ފިޔަވަޅެވެ.
މިސާލަކަށް ކުކުޅު ޕިކާޓާ (އެފަދައިން ވީލް ޕިކާޓާ) ތައްޔާރުކުރާއިރު ކުކުޅު ފުރަތަމަ ފުށަށް ލުމުން އޭގެ ބޭރުގައި ހުންނަ މޮއިސްޗަރ ނުވަތަ ތެތްކަން ކުޑަކޮށްދޭނެއެވެ. ބޮޑަށް މުރަނަވުމުގެ ސިއްރަކީ އެއީއެވެ. ކަޓްލެޓްސްފަދަ ދިވެހިން އާންމުކޮށް ތައްޔާރުކުރާ މި ބާވަތުގެ ހެދިކާވެސް ފުރަތަމަ ފުށަށް ލާފަ ދެން ބިސް އަދި ފާރޮށިކުނޑި ލެވިދާނެއެވެ.
ދުނިޔޭގެ ހުރިހާ ތަޖުރިބާކާރު ޝެފުން އެއްބަސް ވާގޮތުގަ ސްޓޭންޑަޑް ބްރެޑިން ޓެކްނީކްގައި ފުރަތަމަ ފުށުން ޑްރެޖްކޮށް، ދެން ބިހަށް ލުމަށްފަހު، އެންމެ ފަހުން ބްރޭޑްކްރަމްބްސް ލާނީއެވެ. މިކަން ކުރެވެނީ ފުށް ކާނާގައި ތަތްވެ، ބިސް ފުށުގައި ތަތްވެ، ފާރޮށިކުނޑި ބިހުގައި ތަތްވާތީ އެވެ.
ޑްރެޖިންގައި ޝެފުން އާންމުކޮށް ފުށާއި ފާރޮށިކުނޑިއަށް ރަހަ މީރުކުރުމަށް ކޮންމެވެސް ވަރަކަށް ސީޒަނިންގ އަޅައެވެ. ލޮނު، އަސޭމިރުސް، ޕަޕްރީކާ އަދި ގާލިކް ޕައުދަރ އާއި އަނިއަން ޕައުޑަރ އަކީ މިގޮތަށް އެންމެ ގިނައިން ބޭނުންކުރެވޭ ސީޒަނިންގތަކެވެ. މީގެ އިތުރުން ޕޮޓޭތޯ ސްޓާރޗް އަދި ތަފާތު ވައްތަރުގެ ޑްރައި ހަރބްސްވެސް ބޭޏުންކުރެވެއެވެ.
ޑްރެޖް ކުރާއިރު ފަސް ކޮންޓެއިނަރެއް ތައްޔާރު ކުރަން ވާނެއެވެ.
ކޮންޓެއިނަރު 1 ގައި ތެލުލަން ބޭނުންވާ ކާނާ (މިސާލަކަށް ކުކުޅު)، ކޮންޓެއިނަރު 2 ގައި ސީޒަންޑް ފުށް، ކޮންޓެއިނަރު 3 ގައި ގިރާފައި ހުންނަ ބިސް، އަދި ކޮންޓެއިނަރު 4 ގައި ފާރޮށި ކުނޑި އަޅާފައި ބަހައްޓާށެވެ. ކޮންޓެއިނަރު 5 އެއީ ޑްރެޖްކުރުމަށްފަހު ލާން ބަހައްޓާ ހުސް ކޮންޓެއިނަރެވެ. މިތަކެތި މި ތަރުތީބުން އަތުރާލައިގެން މަސައްކަތް ފެށީމާ މިއީ މާ އުނދަގޫކަމަކަށް ނުވާނެއެވެ.
