ގޭސްޓްރޯއެސޯފޭޖިއަލް ރިފްލަކްސް ޑިޒީޒް (ގާރޑް) އަކީ އެސިޑް ރިފްލަކްސް ގެ ދިގުދެމިގެންދާ އަދި މާ ސީރިއަސް ވައްތަރެކެވެ.ދިވެހިން ކިޔައި އުޅެނީ މޭއެންދުން ނުވަތަ މެއަށް ހޫނުއެރުވުމެވެ. މިކަން ދިމާވާ ބައެއް ސަބަބުތަކާއި ކަންތައްތަކުގެ ތެރޭގައި މާގިނައިން ކެއުމާއި ބަލިވެ އިނުން ހިމެނެއެވެ. ގިނަ މީހުންނަށް އެމީހުންގެ އަލާމާތްތައް ހަމަމަގަށް އެޅުވެނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމުން ނުވަތަ ބޭސްތަކުންނެވެ.

އެސިޑް ރިފްލަކްސް އުފައްދަނީ ބަނޑުގައި ހުންނަ ތަކެތި އަނބުރާ މައްޗަށް ގޮސް ކާތަކެތި ހިގާ ހޮޅީގެ ތެރެއަށް ވަދެގެން ދިއުމުންނެވެ. މި ޢަމަލަށް އެސިޑް ރިގަރޖިޓޭޝަން ނުވަތަ ގޭސްޓްރޯއެސޯފޭޖިއަލް ރިފްލަކްސް ވެސް ކިޔައެވެ.

ހަފްތާއަކު ދެފަހަރަށް ވުރެ ގިނައިން އެސިޑް ރިފްލަކްސްގެ އަލާމާތްތައް ފެނިއްޖެނަމަ ގޭސްޓްރޯއެސޯފޭޖިއަލް ރިފްލަކްސް ޑިޒީޒް (ގާރޑް) ގެ ނަމުން މަޝްހޫރު ހާލަތެއް ކުރިމަތިވެދާނެ އެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑައިބެޓީސް އެންޑް ޑައިޖެސްޓިވް އެންޑް ކިޑްނީ ޑިޒީޒް (އެންއައިޑީޑީކޭ)އިން ބުނާ ގޮތުގައި އެމެރިކާގެ ގާތްގަނޑަކަށް 20 ޕަސެންޓް މީހުންނަށް ޖީއީއާރުޑީ ޖެހެ އެވެ. މިބައްޔަށް ފަރުވާ ނުދީ ދޫކޮށްލައިފިނަމަ ބައެއް ފަހަރު ބޮޑެތި އުދަނގޫތައް ކުރިމަތިވެދާނެ އެވެ.

ގާރޑްގެ މައިގަނޑު އަލާމާތަކީ އެސިޑް ރިފްލަކްސް ނުވަތަ މޭއެންދުމެވެ. އެސިޑް ރިފްލަކްސް ގެ ސަބަބުން މޭއަންދާ އިހުސާސް ގެނުވާ، ކަރާއި ކަރުތެރެއަށް މައްޗަށް ހޫނުއަރާހެން ހީވާނެއެވެ. މި އިޙްސާސް ގިނަ ފަހަރަށް ކިޔަނީ މެޔަށް ހޫނުއެރުވުމުގެ ނަމުންނެވެ.

އެސިޑް ރިފްލަކްސް ޖެހިފައިވާނަމަ އަނގައިގެ ފަހަތުގައި ފޮނި ނުވަތަ ހިތި ރަހައެއް އުފެދިދާނެ އެވެ. އަދި ބަނޑުން ކާނާ ނުވަތަ ދިޔާ ތަކެތި އަނގައިގެ ތެރެއަށް މައްޗަށް ފޮނުވާހެން ހީވެއެވެ.

މޭއެންދުމުގެ އެހެން ބައެއް އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ؛

ބޯއެނބުރުން

މޭގައި ރިއްސުން

ދިރުވާއިރު ތަދުވުން

ދިރުވަން އުނދަގޫވުން

ދިގުދެމިގެންދާ ކެއްސުން

އަޑަށް ބަދަލު އައުން

ނުބައިވަސް އަނގައިގެ ތެރޭ އުފެދުން

ގަރޑްގެ އަލާމާތްތަކަށް ލުއި ދިނުމަށްޓަކައި، ޑޮކްޓަރު ތިބާގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ވަކި ބަދަލުތަކެއް ގެނައުމަށް ހިތްވަރު ދީފާނެއެވެ.އޭގެތެރޭގައި

މެދުމިނުގެ ބަރުދަނެއް ބެހެއްޓުން، 

 ދުންފަތުގެ އިސްތިއުމާލުކުރާނަމަ އެކަން ހުއްޓަލުން 

ރޭގަނޑު ބަރު ކެއުންތަކުން ދުރުހެލިވުން 

ކެއުމަށްފަހު ދެތިން ގަޑިއިރު މަޑުކުރުމަށްފަހު އޮށޯތުން

ނިދާއިރު ބޯ މަތިކުރުން (އެނދުގެ ބޯ 6-8 އިންޗި މައްޗަށް އުފުލާލައިގެން)

އަދި މިބައްޔަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބައެއް ބޭސްތައް ކެއުމަށް ވެސް ޑޮކްޓަރު ލަފާދެއްވާފާނެ އެވެ. އަމިއްްލައަށް ބޭސްފިހާރައިން ގަންނަ ބޭހެއްގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކޮށްފާނެތީ، ތިމާއަށް އެންމެ ރަނގަޅީ ކޮން ބޭހެއްތޯ ބެެލުމަށް ޑޮކްޓަރާ ވާހަކަ ދައްކާށެވެ.

ބައެއް ފަރުދުން މިކަމަށް ފަރުވާ ދިނުމަށް ގޭގައި އަމިއްލައަށްވެސް ކުދިކުދި ބޭސްބޭނުންކުރެއެވެ. ދޭތެރެ ދޭތެރެއިން އެސިޑް ރިފްލަކްސް ޖެހުމުން ގޭގައި ބޭނުންކުރާ ވަކި ފަރުވާތަކުން ކުޑަކޮށް އެހީތެރިވެދިން ނަމަވެސް، ގާރޑް ޖެހިފައިވާކަން ފާހަގަކުރެވިފައިވާނަމަ، ގިނަ ފަހަރަށް ކުރިމަތިލާން ޖެހެނީ ދިގުދެމިގެންދާ މައްސަލައަކާ އެވެ.

މިގޮތަށް އަމިއްލަ އަށް ކުރާ ފަރުވާއިން ފައިދާއަށްވުރެ ގެއްލުން ބޮޑުވެދާނެ އެވެ. އެފަދަ ފަރުވާގެ ތެރޭގައިބޭކިންގ ސޯޑާ އާއި ފެން އެކޮށް ސޮލިއުޝަން ހަދައިގެން ބުއިން ހިމެނެއެވެ. ބެކިން ސޯޑާ އަކީ އެލްކަލައިން އެއްޗަކަށް ވާތީ، އެސިޑިޓީ ނިއުޓްރަލައިޒް ކުރުމަށް އެހީތެރިވުމުގެ ގާބިލްކަން ހުންނައިރު، ގިނައިން ކުދި ޑޯޒްތަކުގައި ބޭނުންކުރުމަކީ ރައްކާތެރި އެއްޗެކެވެ. އެކަމަކު ބެކިން ސޯޑާގައި ސޯޑިއަމް ގިނައިން ހުންނައިރު، މާގިނައިން ބޭނުންކޮށްފިނަމަ އޭގެ ނޭދެވޭ އަސަރުތައް ވެސް ކުރިމަތިވެދާނެ އެވެ. 

ޗުއިންގަމް ވެސް ބައެއްމީހުން ގޭގެ ފަރުވާ ގޮތުގައި ބޭނުން ކުރެއެވެ. އިންސާނާގެ ކުޅަކީ ކުޑަކޮށް އެލްކަލައިން އެއްޗަކަށް ވާތީ، ކެއުމަށްފަހު ޗުއިންގަމް ހެފުމުން ކުޅު އުފެދި އަނގައާއި ކަރުތެރޭގައި ހުންނަ އެސިޑިޓީ ނިއުޓްރަލައިޒް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. 2005 ވަނަ އަހަރުގެ ވަރަށް ކުޑަ ދިރާސާއަކުން މި އުސޫލުގެ ކޮންމެވެސް ވަރެއްގެ ކުރިއެއް ހޯދި ނަމަވެސް، މި ދިރާސާ ފުޅާ ދިރާސާއަކަށް ވުމުގެ ސަބަބުން ހަގީގީ ނިންމުމެއް ނިންމުމަށް ދަތިވެއެވެ.

އިނގުރަކީ މޭނުބައިކުރުމާއި ބަނޑުގެ މައްސަލަތަކަށް އާންމުކޮށް ގޭގައި ފަރުވާއަށް ބޭނުންކުރާ އެއްޗެއް ނަމަވެސް މޭއެންދުމުގެ އަލާމާތްތަކަށް ހަގީގަތުގައި އެހީތެރިވެދޭނެ އެއްޗެއް ކަމެއް އަދި ސާފެއް ނުވެ އެވެ. ހަގީގަތުގައި ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި މޭއެންދުމަކީ މާގިނައިން އިނގުރު ކެއުމުގެ އަލާމާތެކެވެ

ގުދުރަތީ އެލްކަލައިނިޓީގެ ސަބަބުން ކިރަކީ މޭއެންދުމުގެ އަލާމާތްތައް ލުއިކޮށްދޭނެ ގޮތެއްގެ ގޮތުގައި ގިނައިން ބޭނުންކުރާ އަނެއް ގޭތެރޭގެ ފަރުވާ އެވެ. ހިތާމައަކީ ފުރަތަމަ ފަހަރަށް ލުއި ކަމެއް އިހުސާސް ކުރެވުނު ނަމަވެސް، އޭގައި ހިމެނޭ ސަރުބީ އާއި ޕްރޮޓީންގެ ސަބަބުން ކިރު ހަޖަމުވުމުން އާޚިރުގައި މޭއެންދުމުގެ އަލާމާތްތައް ގޯސްވެދާނެ އެވެ. ސަރުބީ މަދު ކިރަކީ ބައެއް މީހުންނަށް ތަހައްމަލު ކުރަން ފަސޭހަ އެއްޗަކަށް ވެދާނެ އެވެ.

މިބަލީގެ އަލާމާތްތަށް ހުންނަނަމަ ލަފާ ހޯދަން ޖެހޭނީ ގޭސްޓްރޯއެންޓްރޯލޮޖިސްޓެއްގެ ކައިރިންނެވެ. މިބަލި ދިރާސާކުރުމަށް ޑޮކްޓާރ ބަލިމީހާގެ އެންޑަސްކޯޕީ , އީސޯފޮގްރާމް ,އީސޯފެޖިއަލް ޕީއެޗް މޮނީޓާރިންގ ފަދަ ޓެސްޓުވެސްހަދާނެއެވެ.

ޑައިގްނޯސިސްއަކަށް ވާސިލްވުމަށްފަހު، ތިބާއަށް އެންމެ ރަނގަޅަށް މަސައްކަތްކުރާނީ ކޮންޓެސްޓުތަކަކާއި ފަރުވާ ތަކެއްތޯ ނިންމާނީ ޑޮކްޓަރެވެ.

ގިނަ ހާލަތްތަކުގައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމާއި ބޭސްތައް ދިނުމަކީ މިބަލީގެ އަލާމާތްތައް ހުއްޓުވައި ފިލުވައިދިނުމަށް ފުދޭ ކަމެކެވެ. އެކަމަކު ބައެއް ފަހަރު، ސާޖަރީ ވެސް ކުރަން ޖެހެ އެވެ.އޭގެތެރޭގައި ބޭރިއޭޓިކް ސަރޖަރީ ހިމެނެއެވެ.

މިސާލަކަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު އައުމާއި ހަމައެކަނި ބޭސްތަކުގެ ސަބަބުން އަލާމާތްތައް ހުއްޓިފައި ނުވާނަމަ ޑޮކްޓަރަށް އޮޕަރޭޝަން ކުރުމަށް ލަފާދެވިދާނެއެވެ. އަދި ގާރޑްގެ ކޮމްޕްލިކޭޝަންތައް އުފެދިފައިވާނަމަ ސާޖަރީ ހެދުމަށް ވެސް ލަފާ ދީފާނެ އެވެ.

ފާހަގަކޮށްލަންޖެހޭ މުހިންމު ކަމަކީ ދޭތެރެ ދޭތެރެއިން މޭއެންދުން، އަދި ޖީއީއާރުޑީ އާއި ދެމެދު ވަރަށް ބޮޑު ތަފާތެއް އެބައޮތްކަމެވެ.

ގިނަ މީހުންނަށް ދޭތެރެ ދޭތެރެއިން މޭއެންދުން ކުރިމަތިވަނީނަމަ އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫނެވެ.

އެކަމަކު ހަފްތާއަކު ދެފަހަރަށް ވުރެ ގިނައިން މޭއެންދުން ކުރިމަތިވެފައިވާނަމަ، އަދި ހާއްސަކޮށް ދިގުދެމިގެންދާ ކެއްސުމާއި މޭގައި ރިއްސުން ވެސް ކުރިމަތިވެފައިވާނަމަ، ގާރޑް އަށްކުރިމަތިލާން ޖެހިދާނެ އެވެ.

ލޯއަރ އެސޯފަޖިއަލް ސްފިންކްޓަރ (LES) އަކީ ތިބާގެ ކާތަކެތި ހިގާ ހޮޅީގެ ނިމޭހިސާބުގައި ހުންނަ މަސްތަކުގެ ވަށައިގެންވާ ބޭންޑެކެވެ. އެއީ ރަނގަޅަށް މަސައްކަތް ކުރާއިރު، ރިލެކްސްވެ ހުޅުވިގެންދާ އެއްޗެކެވެ. ދެން ބާރުވެ އަނެއްކާވެސް ބަންދުވެގެން ދާނީ އޭގެ ފަހުންނެވެ.

އެސިޑް ރިފްލަކްސް ޖެހެނީ ތިބާގެ މިނިޒާމް ރަނގަޅަށް ތަތް ނުވުމުން ނުވަތަ ބަންދު ނުވުމުންނެވެ. މިއީ ހަޖަމުކުރާ ނިޒާމުގެ ފެންތަކާއި އެހެނިހެން ތަކެތި ކާތަކެތި އުފުލާ ހޮޅި ތެރެއަށް މައްޗަށް އުފުލިގެންދާ ކަމެކެވެ.އެކަމުގެ ސަބަބުން މޭއެންދުން މެދުވެރިކުރުވައެވެ.

މިބައްޔަށް ރަނގަޅަށް ފަރުވާ ނުދެވޭނަމަ އީސޯފެޖިއަލް ކެންސަރ ފަދަ ބަލިތަކަށް ހުށައެޅުމުގެ ފުރުސަތުވެސް ބޮޑެވެ.

ދިގުދެމިގެންދާ މޭއެންދުމުގެ މައްސަލަ ތިބާގެ ދިރިއުޅުން އުޅުމުގެ މަގަށް ހުރަސް އެޅިޔަ ނުދޭށެވެ. ގާރޑްގެ އަލާމާތްތައް ފެންނަ ކަމަށް ގަބޫލުކުރެވޭނަމަ ޑޮކްޓަރާ ވާހަކަ ދައްކާށެވެ.