ބޮލީވުޑް ކިންގ ޝާހްރުކް ޚާން ދެން އެންމެ އަވަހަށް ފެނިގެންދާނެ ފިލްމު "ޕަޓާން" ޖުމްލަ 100އަށްވުރެ ގިނަ ޤައުމުތަކުގައި އަޅުވާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
"ޕަޓާން"އަކީ މިހާތަނަށް އިންޑިއާގެ ޔާޝް ރާޖް ފިލްމްސް (ވައި.އާރު.އެފް)އިން ގެނެސްދޭ އެންމެ ބޮޑު އެއް ފިލްމެވެ. 146 މިނެޓުގެ މި ފިލްމުގެ ޓްރެއިލަރއާއި ބައެއް ލަވަތައް މިހާރު ވަނީ ބެލުންތެރިންނަށް ދައްކާލައިފައެވެ. ފިލްމުގެ ޓްރެއިލަރއަށް ވެސް އަދި ލަވަތަކަށް ވެސް ގިނަބައެއްގެ ތަރުޙީބު ވަނީ ލިބިގެން ގޮސްފައެވެ. ސިދާތު އާނަންދު ލިޔެ ޑައިރެކްޓްކޮށްފައިވާ "ޕަޓާން"އަށް ވަރަށް އުންމީދު އެބައޮތް ކަމަށާއި މިއީ ކާމިޔާބު ފިލްމަކަށް ވެގެންދާނެކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ދަނީ ބުނަމުންނެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުގައި ފިލްމު އެޅުވުމަކީ ވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް ޤަބޫލުކުރެވޭކަމަށް ވަނީ ބުނެފައެވެ.

މިހާރު އިންޑިއާގެ އެންމެ ގިނަ ބަޔަކު އެންމެ އިންތިޒާރުކުރަމުންދާ ފިލްމު "ޕަޓާން" މާދަމާ ރިލީޒްކުރަން ހަމަޖެހިފައިވާއިރު ފިލްމުގައި ޝާހްރުކްގެ އިތުރުން އަންހެން ލީޑުން ފެނިގެންދާނީ ދީޕިކާ ޕަދުކޯނެވެ. އަދި މައިގަނޑު ބައެއް ރޯލުތަކުން ޖޯން އަބްރަހަމާއި އަޝުތޯޝް ރާނާ ވެސް ފެނިގެންދާނެއެވެ. އަދި ހަމައެހެންމެ ސަލްމާން ޚާންގެ ޚާއްޞަ ފެނިލުމެއް ވެސް ފިލްމުގައި އިންނާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
