22 ވަނަ އިންޓަ ސްކޫލް ކެރަމް ޗެމްޕިއަންޝިޕް ހުޅުމާލޭގައި އިއްޔެ ފަށައިފިއެވެ.

މިފަހަރުގެ މުބާރާތުގައި ހަތަރު އުމުރުފުރާ ހިމެނޭގޮތަށް، ޖުމްލަ 13 ސްކޫލަކުން ވަރަށް ގިނަ އަދަދަކަށް ކުދިން ބައިވެރިވެފައިވެއެވެ. އެއީ، 13 އަހަރުން ދަށާއި، 15 އަހަރުން ދަށާއި، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ކެރަމް ހޯލްގައި އިއްޔެ އެންމެ ފުރަތަމަ ކުރިއަށްދިޔައީ 17 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޑަބަލްސް މެޗުތަކުގެ އިތުރުން 13 އަހަރުން ދަށުގެ އަންހެން ކުދިންގެ ޑަބަލްސް މެޗުތަކެވެ.

އިއްޔެ ކުޅެވުނު މެޗުތަކަށް ބަލާއިރު، ދެ އުމުރު ފުރާގެ ކުދިން ހިމެނޭ ގޮތަށް ގިނަ މެޗުތަކުން މޮޅުވީ ތާޖުއްދީން އާއި ޖަމާލުއްދީން ސްކޫލުންނެވެ. އެގޮތުން، މި ދެ ސްކޫލަށް ނިސްބަތްވާ ޑަބަލްސްގެ ޕެއާ އިން ވަނީ ހަތް މެޗުން މޮޅުވެފައެވެ. 

ދެން އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ، ބ. އަތޮޅު ގޮއިދޫ ސްކޫލާއި އިސްކަންދަރު ސްކޫލަށް ނިސްބަތްވާ ޑަބަލްސްގެ ޕެއާ ތަކެވެ. މި ދެ ސްކޫލުން ވަނީ ޖުމްލަ ފަސް މެޗު ކާމިޔާބުކޮށްފައެވެ. އޭގެތެރެއިން، ގޮއިދޫ ސްކޫލަކީ މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ސްކޫލްތަކުގެ ތެރެއިން މާލޭން ބޭރަށް ނިސްބަތްވާ ހަމައެކަނި ސްކޫލެވެ. ހުރިހާ އުމުރު ފުރައެއް ހިމެނޭ ގޮތަށް އެ ސްކޫލުގެ 24 ކުދިން މި މުބާރާތުގައި ވާދަކުރެއެވެ.

މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި 13 އަހަރުން ދަށާއި، 15 އަހަރުން ދަށް އަދި 17 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޑަބަލްސްގެ ތިންވަނަ ހޮވާ މެޗާއި، ފައިނަލް މެޗު ހިމެނެއެވެ. 

މިއަހަރުގެ މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ތިންވަނަ ހޮވާ މެޗާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.