ކުރިއަރަމުން އަންނަ އޭއައި އާއި ކޮމްޕިއުޓަރ-ވިޝަން ޓެކްނޮލޮޖީގެ ސަބަބުން ސަގާފީ ސުޕަރމާކެޓް އަދި ކަންމަތީ ފިހާރައަށް ބަދަލު އައުމާއެކު، ބާޒާރުކުރާ މީހުންނަށް ވިޔަފާރި ކުރުމުގެ ތަޖުރިބާ އަށް ބޮޑު އިންގިލާބެއް އެސްޓީއޯއިން މިވަނީ ގެނެސްދޭން ނިންމާފައެވެ. މި ތަޖުރިބާގައި އިންސާނީ މުއާމަލާތްތައް ޓެކްނޮލޮޖީއަށް އެކީގައި ދޫކޮށްލެވޭނެއެވެ.

އެސްޓީއޯ އިން މިވަނީ، ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރާ އެންމެ ފުރަތަމަ ސެލްފް ސަރވިސް ފިހާރަ ހުޅުވުމަށް ތައްޔާރުވެފައެވެ. ކާރޫ ބާރޫ ބޮޑު މި ރާއްޖެއަށް އާޓިފިޝަލް އިންޓެލިޖެންސް ވިޝަން ބޭނުންކުރެވޭ ކޭޞިއަރ އަދި މުވައްޒަފުން ނެތް މިފިހާރައިގެ ސަބަބުން ރައްޔިތުންނަށް ވިޔަފާރިކުރުމަށް އެތައް ވަގުތެއް ސަލާމަތްވެ އެތައްގޮތަކުން ފަސޭހަވެގެން ދާނެއެވެ.

މި ފިހާރައިގެ ސަބަބުން ވިޔަފާރި ކުރާމީހުންގެ މެދުގައި ޓެކްނޮލޮޖީއަށް އަހުލުވެރިވާ މިންވަރު ހަމަގައިމުވެސް އިތުރުވެގެން ދާނެއެވެ.  

އެސްޓީއޯގެ ޗީފް އިންފޮމޭޝަން އޮފިސަރު، އިސްމާއިލް މިފްރާހު މައުލޫމާތު ދީފައިވާގޮތުގައި ޗެކްއައުޓް ކުރުމެއްނެތި ވިޔަފާރިކުރާ ފަރާތް ފިހާރައަށްވަދެ ހަމަ ބޭނުން އެއްޗެއް ފަސޭހަކަމާއިއެކު ގަނެލައިގެން ދާންވީއެވެ. 

ފޯނަށް އަޅާ މޮބައިލް އެޕްލިކޭޝާނެއްގެ އެހީގައި އެއެޕުގައި ލޮގިންއެއް ހެދުމަށްފަހު ބޭންކް ކާޑް ރަޖިސްޓަރ ކުރުމުން ވިޔަފާރިކުރުމަށް ތައްޔާރުވެވުނީއެވެ. ފިހާރައަށް ވަންނަ ދޮރުގެ ބޭރުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްލުމާއިއެކު ފިހާރަ ދޮރު ހުޅުވޭނެއެވެ. އަދި ވިޔަފާރިކުރާ ފަރާތް ބޭނުންވާ ސާމާނު ނަގައިގެން ނުކުންނަތާ ސިކުންތު ކޮޅެއްގެ ތެރޭގައި ފޯނުގައި ރެޖިސްޓަރ ކުރެވުން ކާޑުން ފައިސާ ދެއްކޭނެއެވެ.މިފިހާރައިގެ ފައިސާގެ މުއާމަލާތްތަކަށް ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގައި ހުންނަ  "ޓޯކަނައިޒޭޝަން" ފީޗާއިން ޕާސްކޯޑަކާ ނުަލާ ރައްކާތެރިކަމާއިއެކު ފައިސާ ގެ މުއާމަލާތް ކުރެވޭނެއެވެ.މިފީޗާ ރާއްޖޭގައި އަދި ލިބެނީ ހަމައެކަނި ބީއެމްއެލް ކާޑުތަކަށެވެ.މިފިހާރައިގެ ސްޓޮކް ބަލަހައްޓާމުންދާނީ ފިހާރައިގަ ހުންނަ އޭއައި ކެމެރާ ތަކުގެ އެހީގައެވެ.

2016 ވަނަ އަހަރު ދުނިޔެއަށް ތައާރަފް ކުރި މިޓެކްނޮލޮޖީއަކީ ރައްކާތެރި އެހާމެ ސްމާރޓް ޓެކްނޮލޮޖީއެކެވެ. ފިހާރައިގަ ހަރުކުރެވިފައިވާ ކެމެރާތަކުގެ އެހީގައި ފިހާރައާއި ފިހާރައިގެ މުދާ މެދުކެނޑުމެއްނެތި މޮނީޓަރ ކުރެވެމުން ދާނެއެވެ. އެހެންކަމިން މީހަކު މުދަލެއް ބޭނުންކޮށްފައި ހަރުގަ ބެހެއްޓިޔަސް ކެމެރާތަކުން އެކަން ދެނެގަނެއެވެ.އަދި ވިޔަފާރިކުރާމީހާ ނަގާ ސާމާނުވެސް މޮނީޓަރކޮށް ވިޔަފާރި ކޮށްނިމޭއިރު ބިލްތައްޔާރުވެއެވެ.

އެސްޓިއޯ އިން ރާއްޖޭގެ ރައްޔިތުންނަށް ވިޔަފާރިކުރުމަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ގެނެސްދޭ މިބޮޑު ބަދަލަކީ ހަމަގައިމުވެސް ޓެކްނޮލޮޖީއާއި ރައްޓެހި ޒުވާނުންނަށް މަޤްބޫލް ހެޔޮ ބަދަލަކަށް ވާނެކަން ޔަގީނެވެ. އަދި މިއިންގިލާބީ ބަދަލުގެ ސަބަބުން ރާއްޖޭގެ ވިޔަފާރީގެ ދާއިރާ އިތުރަށް ފުޅާވެގެން ދާނެކަމަށް ބެލެވެއެވެ.