މިހާރު ކުރިއަށްދާ 22 ވަނަ އިންޓަ ސްކޫލް ކެރަމް ޗެމްޕިއަންޝިޕްގައި އިއްޔެ ކުޅުނު މެޗުތަކަށްފަހު މި ފަހަރުގެ މުބާރާތުގައި އަލަށް ވާދަކުރި ބ. އަތޮޅު ގޮއިދޫ ސްކޫލުން ރަން މެޑަލް ކަށަވަރުކޮށްފިއެވެ.

މިއީ ބ. ގޮއިދޫ ސްކޫލުން ކެރަމްގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ކެރަމް ހޯލްގައި އިއްޔެ ކުޅެވުނު 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިގެ ޑަބަލްސް ފައިނަލްގައި ގޮއިދޫ ސްކޫލްގެ މިޝްއާލް ރަޒާން މުޙައްމަދު އާއި އަހުމަދު ރާއިލް ބިން ޢަބްދުﷲ ޝަރީފްގެ ޕެއާ ވަނީ އިމާދުއްދީން ސްކޫލްގެ ޝާބިލް އަބްދުލް ވައްހާބް އާއި އީނަލް ހުސެއިން ޢަބްދުއްރަޝީދުގެ ޕެއާ ބަލިކޮށްފައެވެ.

މި މެޗު ފެށިގެން އިމާދުއްދީންގެ ޕެއާ ކަމަށްވާ ޝާބިލް އާއި އީނަލް ފުރަތަމަ ދެ ބޯޑަށްފަހު 4-0 އިން ލީޑް ކުރަމުންދަނިކޮށް ގޮއިދޫގެ މިޝްއާލް އާއި ރާއިލްގެ ޕެއާ ވަނީ ދެން ޖެހިގެންއައި ތިން ބޯޑު ކާމިޔާބުކޮށް، 19-4 ގެ ތަފާތަކުން މެޗު ކާމިޔާބުކޮށްފައެވެ.

ގޮއިދޫ ސްކޫލަކީ މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ސްކޫލްތަކުގެ ތެރެއިން މާލޭން ބޭރަށް ނިސްބަތްވާ ހަމައެކަނި ސްކޫލެވެ. އެ ސްކޫލުން، ހުރިހާ އުމުރު ފުރައެއް ހިމެނޭ ގޮތަށް 24 ކުދިން މި މުބާރާތުގައި ވާދަކުރެއެވެ.

15 އަހަރުން ދަށުގެ އުމުރު ފުރައިގެ ލޯ މެޑަލް ކަށަވަރުކުރީ ޤާޒީ ސްކޫލުންނެވެ. އެ ސްކޫލުގެ އަހުމަދު ޝައިމަން އާމިރު އާއި އަލީ ޒައްޔާން އިބްރާހިމްގެ ޕެއާ ވަނީ ފަސޭހަކަމާއެކު 25-0 އިން ކަލާފާނު ސްކޫލުގެ ޖައިޝް އަހުމަދު އާއި މުހައްމަދު ހައިޒަމް ހަމްޒާގެ ޕެއާ ބަލިކޮށްފައެވެ.