އިންޑިއަން އެކްޓްރެސް ކަންގާނާ ރަނޯޓް 2 އަހަރު ދުވަހުގެ ސަސްޕެންޝަނަކަށްފަހު އަލުން ޓްވިޓާ ބޭނުންކުރަން ފަށައިފިއެވެ.

ކަންގާނާގެ ޓްވިޓާ އެކައުންޓް ސަސްޕެންޑްކުރީ ޓްވިޓާގެ އަޚްލާޤީ މިންގަނޑާ ޚިލާފު ޓްވީޓްތަކެއް ނުވަތަ ޕޯސްޓްތަކެއް ކުރުމުގެ ސަބަބުން 2021ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެގޮތުން މުޖުތަމަޢުގެ ތެރޭގައި ފަސާދަ އުފެދޭނެ ފަދަ، އަދި އެތައް ބައެއްގެ ހިތްހަމަނުޖެހުމާއި ނުރުހުން ލިބުނު އެތައް ވާހަކަތަކެއް ޓްވިޓާ މެދުވެރިކޮށް އޭނާ ވަނީ މީގެ ކުރިން ޙިއްޞާކޮށްފައެވެ. 

ނަމަވެސް އިއްޔެ ހަވީރުގެ ވަޤުތެއްގައި އޭނާ ވަނީ އޭނާ ޓްވިޓާއަށް އެނބުރި އައި ކަން ހާމަކޮށްފައެވެ. 

އަދި ހަމަމިއާއެކު އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނޭ ފިލްމު "އިމަޖެންސީ"ގެ ޝޫޓިންގ ނިމިއްޖެ ކަމަށާއި، ފިލްމު ރިލީޒްކުރާނެ ތާރީޚް ވެސް ވަނީ އިޢުލާންކޮށްފައެވެ. ފިލްމުގެ ޝޫޓިންގތަކުގެ ތެރޭގައި އުޅޭ މަންޒަރުތަކެއް ފެންނަ ކުޑަ ވީޑިއޯކޮޅެއް ޝެއަރކުރަމުން ކަންގާނާ ބުނެފައިވަނީ ފިލްމު ރިލީޒްކުރާނީ މިހިނގާ 2023ވަނަ އަހަރުގެ އޮކްޓޫބަރު 20ގައި ކަމަށެވެ.

2006ވަނަ އަހަރު "ގޭންގްސްޓަރ"އިން ބޮލީވުޑަން ތަޢާރަފުވި ކަންގާނާ ޑައިރެކްޓް ވެސް ކުރާ "އިމަޖެންސީ"އަކީ ހަޤީޤީ ޙާދިޘާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ކަންގާނާގެ އިތުރުން ބައެއް ކާސްޓުންގެ ތެރޭގައި މަހީމާ ޗޯދަރީއާއި ބޫމީކާ ޗާވްލާގެ އިތުރުން ވިޝާކް ނައިރް ފެނިގެންދާނެއެވެ. 

ކަންގާނާގެ ކުރިއަށްހުރި ބައެއް ފިލްމުތަކުގެ ތެރޭގައި "ޗަންދްރަމޫކީ 2" އަދި "މަނިކަރްނީކާ ރިޓަރންސް" ހިމެނެއެވެ.