22 ވަނަ އިންޓަ ސްކޫލް ކެރަމް ޗެމްޕިއަންޝިޕްގައި އިއްޔެ ކުޅުނު މެޗުތަކަށްފަހު ޑަބަލްސް އިވެންޓްގައި ޖަމާލުއްދީނާއި ތާޖުއްދީނަށް ދެ ރަން މެޑަލް، މަޖީދިއްޔާ ސްކޫލުން އެއް ރަން މެޑަލް ކަށަވަރުކޮށްފިއެވެ.
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ކެރަމް ހޯލްގައި އިއްޔެ އެންމެ ފުރަތަމަ ކުޅެވުނު ޑަބަލްސް އިވެންޓްގެ ފައިނަލްގައި 13 އަހަރުން ދަށުގެ އުމުރު ފުރައިގެ އަންހެން ކުދިންގެ ބައިގެ ފައިނަލްގައި ތާޖުއްދީންގެ ހާޖަރު އާއި އިލްމާގެ ޕެއާ އިން ވަނީ ބ. ގޮއިދޫ ސްކޫލުގެ ޒޯޔާ އާއި ޒާރާގެ ޕެއާ އަތުން 9-3 އިން މޮޅުވެފައެވެ.
މި އުމުރު ފުރައިގެ ލޯ މެޑަލް ކަށަވަރުކުރީ ވެސް ތާޖުއްދީން ސްކޫލުންނެވެ. ތާޖުއްދީންގެ ކައިސާ އާއި މިންހާގެ ޕެއާ އިން ވަނީ ކަލާފާނު ސްކޫލްގެ ޒަހަބު އާއި އީލާފްގެ ޕެއާ އަތުން 24-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.
އިއްޔެ ކުޅެވުނު 13 އަހަރުން ދަށުގެ އުމުރު ފުރައިގެ ފިރިހެން ޑަބަލްސް އިވެންޓްގެ ފައިނަލްގައި ތާޖުއްދީން ސްކޫލްގެ ނަޒާލް އާއި މަން އިސްމާއިލްގެ ޕެއާ އިން ވަނީ އިމާދުއްދީންގެ އަބްދުލްމަލިކު އާއި ޒާންގެ ޕެއާ އަތުން 6-3 އިން މޮޅުވެފައެވެ. މި އުމުރު ފުރައިގެ ލޯ މެޑަލް ކަށަވަރުކުރީ ތާޖުއްދީން ސްކޫލްގެ ޔޫމިން އާއި ޒުކާންގެ ޕެއާ އިންނެވެ. މި ދެ ކުޅުންތެރިންގެ ޕެއާ އިން ވަނީ ކަލާފާނު ސްކޫލްގެ އިޒްކާން އާއި އަޝްރަފްގެ ޕެއާ 11-6 އިން ބަލިކޮށްފައެވެ.

ދެން ކުޅެވުނު 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ޑަބަލްސް ފައިނަލްގައި އިސްކަންދަރު ސްކޫލްގެ ޝައުރާ އާއި ފައިހާގެ ޕެއާ ފަހަތަށް ޖައްސާލުމަށްފަހު ރަން މެޑަލް ކަށަވަރުކުރީ ޖަމާލުއްދީން ސްކޫލްގެ ޒުލައިޚާ އާއި ގީނާގެ ޕެއާ އެވެ. މި މެޗުން ޒުލައިޚާ އާއި ގީނާގެ ޕެއާ މޮޅުވީ 25-7 އިންނެވެ.
މި އުމުރު ފުރައިގެ ލޯ މެޑަލް ކަށަވަރުކުރީ ތާޖުއްދީން ސްކޫލުގެ ޒުލައިޚާ އާއި މާއީގެ ޕެއާ އިންނެވެ. މި ދެ ކުޅުންތެރިން ވަނީ މަޖީދިއްޔާގެ އީޝަލް އާއި ޝައުރާގެ ޕެއާ އަތުން 23-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.
މި މުބާރާތުގެ 17 އަހަރުން ދަށުގެ އުމުރު ފުރައިގެ ފިރިހެން ކުދިންގެ ޑަބަލްސް އިވެންޓްގައި ރަން މެޑަލްގެ އިތުރުން ލޯ މެޑަލް ކަށަވަރުކުރީ ވެސް ޖަމާލުއްދީން ސްކޫލުންނެވެ. ފައިނަލްގައި އިސްކަންދަރު ސްކޫލްގެ ނައިސަމް އާއި ރިފުއާންގެ ޕެއާގެ މައްޗަށް 19-14 އިން ކުރިހޯދައި ރަން މެޑަލް ކަށަވަރުކުރީ ޖަމާލުއްދީންގެ މީކާއިލް އާއި ނައުފަލްގެ ޕެއާ އިންނެވެ.

މި އުމުރު ފުރައިގެ ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި ތާޖުއްދީންގެ ފައުޒާން އާއި ޔައިޝްގެ ޕެއާ އަތުން 19-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ހޯދީ މޮޅާއެކު ޖަމާލުއްދީންގެ އާމިން އާއި އަލޫފްގެ ޕެއާ އިން ވަނީ ލޯ މެޑަލް ކަށަވަރުކޮށްފައެވެ.
17 އަހަރުން ދަށުގެ އަންހެން ކުދިންގެ ޑަބަލްސް އިވެންޓްގައި ރަން މެޑަލް ކަށަވަރުކުރީ މަޖީދިއްޔާގެ ހައުޒާ އާއި ޝައިހާގެ ޕެއާ އެވެ. މި ދެ ކުޅުންތެރިންގެ ޕެއާ އިން ވަނީ އިމާދުއްދީންގެ ޝަމްހާ އާއި ސަމްހާގެ ޕެއާ އަތުން 10-5 އިން މޮޅުވެފައެވެ.
މި އިވެންޓްގެ ތިންވަނަ ހޮވާ މެޗުގައި ތާޖުއްދީންގެ އާއިނާ އާއި ޒޯޔާގެ ޕެއާ އިން ވަނީ ޤާޒީ ސްކޫލުގެ ސަޖާ އާއި ނައިޝާމްގެ ޕެއާ އަތުން 6-5 އިން ބަލިކޮށް، ލޯ މެޑަލް ކަށަވަރުކޮށްފައެވެ.
މި މުބާރާތުގައި މިއަދު ކުރިއަށްދާނީ 19 އަހަރުން ދަށުގެ އުމުރު ފުރައިގެ މެޗުތަކުގެ އިތުރުން ސިންގަލްސް އިވެންޓް މެޗުތަކެވެ.
