ކޮފީ މޭޒުތަކުންނާއި ގިނަމީހުން އެއްވާ ތަންތަނުން ނުވަތަ ދެމީހަކު އެއްތަން ވެއްޖެނަމަ އަބަދުވެސް ކޮންމެވެސް ވިޔަފާރިއެއްގެ ވާހަކަ ދެއްކުމަކީ މިހާރަކަށް އައިސް ވަރަށް އާންމު ކަމެކެވެ. ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން އަމިއްލަ މީހެއްގެ ނުވަތަ ސަރުކާރުގެ ވަޒީފާއަށް ދިއުމަކީ ދިރިއުޅުމަށްޓަކައި ކޮންމެހެން މަޖުބޫރުވެގެން ކުރަމުން އަންނަ ކަމެކެވެ. އޭގެ ބަދަލުގައި ކޮންމެ މީހަކުވެސް ބަލަނީ އަމިއްލަ މިނިވަންކަމުގައި ބޮޑު ލާރި ހޯދައިގެން ހިތްހަމަޖެހިލެވޭ ކަހަލަ ވިޔަފާރިއެއް ފެށޭތޯއެވެ. ނަމަވެސް ގިނަމީހުންގެ ދިރިއުޅުމުގެ ޙަރަދުބަރަދު ހުންނަ ގޮތުން އެކަނި ވިޔަފާރިއެއް ކުރެވޭހާ އަތްމަތި ތަނަވަހެއް ނޫނެވެ. އެހެންކަމުން އެމީހެއްގެ ގާތްމީހަކު ނުވަތަ އާއިލާގެ މީހަކާއި ބައިވެގެން ވިޔަފާރިއެއް ފަށަން ބޭނުންވެއެވެ. މިގޮތަށް ޕާރޓްނާޝިޕް ވިޔަފާރިއެއް ކާމިޔާބުކަމާއެކު ކުރެވުމަކީ އަޑުއަހާލަން ފަސޭހަ ކުރަން އުނދަގޫ ކަމެކެވެ. ވިޔަފާރިއެއް ފެށުމުގެ ކުރިން ތިމާ އިޙްތިޔާރުކުރާ ބައިވެރިޔާއަކީ މިސިފަތައް ހުންނަ ފަރާތެއްނަމަ ކާމިޔާބު ވިޔަފާރިއެއް ކުރިޔަށް ގެންދެވިދާނެއެވެ.
- ތެދުވެރި އިތުބާރުކުރެވޭ މީހަކަށްވުން:
ކާމިޔާބު ޕާރޓްނާޝިޕް ވިޔަފާރިއެއްގައި އެކަކުއަނެކަކަށް އިތުބާރުކޮށް ތެދުވެރިވުމަކީ އެންމެ މުހިއްމު ބިންގަލެވެ. މިގޮތަށް ފަށާ ވިޔަފާރިތަކުގައި އާންމުކޮށް ދެމީހުން ދެމެދުގައި ވާދަވެރިކަން ނުބޭއްވުމަށް އެއްބަސްވެއެވެ. ސަބަބަކީ މިކަހަލަ ވިޔަފާރީގައި ލިބޭ ހުރިހާ ގެއްލުމަކާއި ފައިދާއެއްގައިވެސް ދެމީހުން އެއްވަރަކަށް ޙިއްސާވާތީއެވެ. އެހެންކަމުން ވިޔަފާރި ފެށުމުގެ ކުރިން ދެމީހުންނަކީ އެކަކު އަނެކަކަށް ކިހާ ތެދުވެރި އިތުބާރުކުރެވޭ ދެމީހުންތޯ ބަލަންޖެހޭނެއެވެ. ސަބަބަކީ ވިޔަފާރި ފެށުމަށްފަހު ދެމީހުންނަށް އެކަކު އަނެކަކުގެ ފަރާތުން އިތުބާރުކެނޑޭ ފަދަ ކަންކަން ކުރިމަތިވާނަމަ އަލުން އެކަންކަން އިސްލާހުކުރުމަކީ ނުވާނެކަމަކަށްވާތީއެވެ.
- ތަނަވަސް މީހަކަށްވުން:
ޕާރޓްނާޝިޕް ވިޔަފާރިއެއް ފަށަން ތިމާ ގަސްތުކުރީ އެކަނި އެވަރުގެ ކަމެއް ކުރެވޭނެ ޤާބިލުކަން ނެތީމައެވެ. އެހެންކަމުން ތިމާ އިޙްތިޔާރުކުރާ ބައިވެރިޔާއަކީ ފައިސާގެ ގޮތުން ކޮންމެވެސް ވަރަކަށް ތަނަވަސް މީހަކަށްވުމަކީ މުހިންމު ކަމެކެވެ. ފައިސާއަކީ ވިޔަފާރިގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އެންމެ ބޮޑު ރޯލެއް އަދާކުރާ އެއްޗެވެ. ކިތަންމެ ރަނގަޅު ބައިވެރިއަކު ހުއްޓަސް ފައިސާ ނެތްނަމަ އެވިޔަފާރިއެއް ކޮޅަކަށްނުނެގޭނެއެވެ. އެހެންކަމުން ވިޔަފާރި ފެށުމުގެ ކުރިން ކޮންމެމީހަކުވެސް ވަކިއަދަދަކަށް ފައިސާ ޙަރަދުކުރުމަށް އެއްބަސްވާންވާނެއެވެ. އަދި ބައިވެރިޔާގެ މާލީޙާލަތު އެނގޭނެފަދަ އިންތިޒާމުތައް ބަލަންވާނެއެވެ.
- ރަނގަޅު ގޮތްނިންމާ މިހަކަށްވުން:
ކާމިޔާބު ވިޔަފާރިއެއްގެ މައިގަޑު އަސްލަކީ ފައިދާހުރި ގޮތްތައް ނިންމުމުގެ ނަތީޖާއެކެވެ. އެގޮތުން ހަރުދަނާ ގޮތްތައް ނިންމާ މުސްތަގުބަލުގައި ވިޔަފާރިއަށް އެންމެ ފައިދާހުރިކަންކަން ބަލާ ދިރާސާކުރެވޭ ފަދަ ބައިވަރިއަކު ހުރެއްޖެނަމަ ވިޔަފާރި ކާމިޔާބުކަމާއެކު ކުރިޔަށް ގެންދެވޭނެއެވެ. މިސާލަކަށް ވިޔަފާރި ދަށްދުވަސްތަކުގައި އިތުރަށް ވިޔަފާރިކުރިއަށް ޖައްސާލަން ކުރިޔަށް ގެންދެވޭނީ ކޮންކޮން ކަމެއްތޯ ވިސްނާ އެގޮތަކަށް ޢަމަލުކުރުން ހިމެނެއެވެ. ތިމާއަމިއްލަ އަށް ވެސް އެންމެ އެދެވޭ ގޮތަކަށް ނޫންގޮތަކަށް ކަންކަންކުރެވޭނަމަ އެކަންކަމަކީ އަދި އެންމެ ރަނގަޅު ގޮތް ނޫންކަން ވިސްނުވާދެވޭ ވަރުގެ ބައިވެރިޔަކީ މިކަހަލަ ވިޔަފާރިއަކަށް ހަމަ ރަންގަނޑެކެވެ.
- އުފެއްދުންތެރި މީހަކަށްވުން:
އުފެއްދުންތެރި ޙިޔާލުތަކަކީ ވިޔަފާރިއަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. އެހެންމީހުންނާއި ތަފާތުގޮތަކަށް ވިޔަފާރި ކުރިޔަށް ގެންދިއުމަކީ ކާމިޔާބުވުމަށް ވަރަށްބޮޑު ބާރަކަށް ވެގެންދާނެ ކަމެކެވެ. އެގޮތުން އެކިކަންކަމާއި ބެހޭގޮތުން ތަފާތު ތާޒާ ޙިޔާލުތަށްދޭ ބައިވެރިއަކީ ވިޔަފާރީގެ އެންމެ އަގުބޮޑު މުދަލެވެ. ވިޔަފާރީގައި ބޭނުންކުރާ ތަފާތު އުކުޅުތަކާއި އުފެއްދުންތެރި ޙިޔާލުތަކުގެ ސަބަބުން ކަސްޓަމަރުންގެ މެދުގައި ވިޔަފާރިއާއިމެދު ތަފާތު ނަޒަރަކުންދެކި މަގުބޫލުކަން އިތުރުވާނެއެވެ. މިކަމުގެ ސަބަބުން ވިޔަފާރި ދުވަހެއްދުވަހަކަށް ފުޅާވެ ކުރިއަރައިގެން ދިޔުމުގެ ފުރުސަތު ފަހިވާނެއެވެ.
- ވިޔަފާރިތަކާއި ގުޅުންއޮންނަ މީހަކަށްވުން:
ވިޔަފާރިއެއް ފެށުމުގެ ކުރިން ތިމާ ފަށަންބޭނުންވާ ވިޔަފާރިއާއި ގުޅުންހުރި މީހަކު ނުވަތަ އެފަދަ ވިޔަފާރިތަކުގެ މީހުންނާއި ގާތްކަމެއް އޮންނަ ބައިވެރިއަކު ހޯދުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ މިކަމުގެ ސަބަބުން ވިޔަފާރިއަށް ބޭނުންވާ ސާމާނު ހެޔޮއަގުގައި ހޯދާނެ ތަންތަން އެގުމާއި ތަފާތުއެކިއެކި އުކުޅުތައް އެގިގެންދާނެއެވެ. މިކަމުގެ ނަތިޖާއަކަށް ވެގެންދާނީ އަލަށް ވިޔަފާރި ފަށާ މީހުންނަށް ދިމާވާ އެތައްކަމަކުން ރެކިގަނެވުމެވެ.
- ތަޖުރިބާހުރި މީހަކަށްވުން:
ވިޔަފާރީގައި ކާމިޔާބު ވެވޭނީ ވަރަށްގިނަ ތަޖުރިބާތަކަކަށްފަހުގައެވެ. އެގޮތުން ޕާރޓްނާޝިޕް ވިޔަފާރިއެއް ފަށާނަމަ ބައިވެރިޔާއަކީ ހުރިހާގޮތަކުންވެސް ތަޖުރިބާހުރި މީހަކަށް ވެއްޖެނަމަ ވިޔަފާރި ކާމިޔާބުކުރުމުގައި މާބޮޑު ގޮންޖެހުންތަކަކާއި ކުރިމަތިލާކަށް ނުޖެހޭނެއެވެ. ސަބަބަކީ މިފަދަ މީހުންނަކީ ވިޔަފާރިގައި ރިސްކު ނަގަންކެރޭ، ސީސަންސްތަކާއި ގުޅިގެން އަންނަ ބަދަލުތައް ދިރާސާކުރަން ދަންނަ އަދި ޙަރަދުކުޑަކުރުމުގެ ސިޔާސަތު އަށަގެންފައިވާ ބަޔަކަށް ވާތީއެވެ. އަދި ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ހިތްވަރުދީ އެކަމަކުން އަރައިގަނެވޭނެފަދަ ހިތްވަރު މިފަދަ މީހުންގެ ހުންނާނެއެވެ. ވީމާ ބައިވެރިއެއް އިޙްތިޔާރުކުރުމުގައި ކަމުގެ ތަޖުރިބާހުރި މީހަކު އިޙްތިޔާރުކުރުމަކީ ވަރަށް މުޙިންމު ކަމެކެވެ.
