އަހަރަކުން އަހަރަކަށް ތަރިތަކުގެ އަލި ދަނީ ފަނޑުވަމުންކަން އިނގޭހެއްޔެވެ؟ ދިރާސާތައް ދައްކައިދޭ ގޮތުގައި "އާޓިފިޝަލް ލައިޓިންގް" ގެ ސަބަބުން ކޮންމެ އަހަރަކުވެސް ރޭނގަޑު އުޑުމަތި 10 ޕަސެންޓު އިތުރަށް އަލިވެއެވެ. އެއީ ސެޓަލައިޓް ޑޭޓާއަށް ބަލާއިރު ދިރާސާވެރިން ކުރިން ލަފާކުރި ވަރަށްވުރެ މާ އަވަސް ބަދަލެކެވެ. 2011 އިން 2022 ވަނަ އަހަރަށް އެއްކުރެވުނު ޑޭޓާ ހިމަނައިގެން ކުރިއަށް ގެންދިޔަ މި ދިރާސާ ނިމުނު ގޮތުގެ ރިޕޯޓް ފާއިތުވީ ހަފްތާގެ ބުރާސްފަތި ދުވަހު "ސައިންސް ޖާނަލް" ގައި ވަނީ ޕްބްލިޝްކޮށްފައެވެ.

 

އަހަރުމެންނަށް ރޭގަނޑު އުޑުމަތިން ތަރިތައް ފެންނަ މިންވަރު މަދުވަމުން ދާކަމުގައި، "ޔުނިވާސިޓީ އޮފް ސަޓިއާގޯ ޑި ކޮމްޕޮސްޓެލާ" ގެ ފިޒިސިސްޓެއް ކަމަށްވާ ފަބިއޯ ފަލްޗީ ކުރިންވެސް ބުނެފައިވެއެވެ. އަދި އުޑުމަތިން ތަރިތައް ފަނޑުކޮށް ފެންނަ ނަމަ، އެ ހުރެވެނީ ވަރަށް ލައިޓް ޕޮލިއުޝަން އަދި ގިނަފަހަރަށް އެއަރ ޕޮލިއުޝަންވެސް ހައި ނުވަތަ މަތި ތަނެއްގައި ކަމުގައާއި، އުޖާލާކޮށް އަލިކޮށް ތަރިތައް ފެންނަކަމުގައި ވާނަމަ އެ ހުރެވެނީ ޕޮލިއުޝަން ދަށް އަދި ވައި ސާފު ތަނެއްގައި ކަމަށް އޭނާ ބުނެފައިވެއެވެ.

 

ނައިޓް ސްކައިގެ ނުވަތަ ރޭގަނޑު ގަޑީގެ އުޑުމަތީގެ ސެޓެލައިޓް ފޮޓޯތައް ބޭނުންކޮށްގެން 'އާޓިފިޝަލް ލައިޓިންގ' މިހާ އާއްމުވުމުގެ ކުރިން ކުރެވުނު ދިރާސާތަކުން ލަފާކޮށްފައިވަނީ އަހަރަކު އުޑުމަތީގެ އަލިކަން 'ސްކައި ގްލޯ' އިތުރުވާނީ 2 ޕަސެންޓަށް ކަމަށެވެ. އުމްރާނީ ތަރައްޤީއާއިއެކު، ބޮކިތައް އިތުރުވާ ވަރަކަށް، "ސްކައި ގްލޯ" ނުވަތަ "އާޓިފިޝަލް ޓްވައިލައިޓް" ދާނީ ގަދަވަމުން ދެއެވެ. އަހަރަކު 10 ޕަސެންޓަށް މިބުނި ސްކައި ގްލޯ އިތުރުވަމުން އައުމަކީ ހީކުރި ވަރަށް ވުރެ ބޮޑު ބަދަލެއްކަމުގައާއި އެހެންކަމުން މި ބަދަލު ފެންނަލެއް އަވަސްވާނެކަމަށް 'ޖަރމަން ރިސަރޗް ސެންޓަރ ފޯ ޖިއޯސައިންސަސް އިން ޕޮޓްސްޑޭ' ގެ ފިޒިސިސްޓް ކްރިސްޓޮފަރ ކައިބާ ބުނެފައިވެއެވެ. ކައިބާ އާއި އޭނާއާއިއެކު މަސައްކަތްކުރާ ދިރާސާވެރިން ދައްކަނީ އަންނަނިވި މިސާލެވެ. ކުޑަކުއްޖަކު އުފަންވަނީ 250 ތަރި ފެންނަ ސާފު ރެއަކަށެވެ. އެ ކުއްޖާއަށް 18 އަހަރު ފުރޭއިރު ފެންނާނީ އެންމެ 100 ތަރިއެވެ. މިއީ "ޕޮލިއުޝަން"ގެ ސަބަބުން ދިމާވާ ކަމެކެވެ.

 

މިހާރުވެސް އަޅުގަނޑުމެން ދިވެހީންނަށްވެސް މިކަން ފާހަގަވާނެއެވެ. ރަށްރަށުގަވެސް އަލިގަދަ ހިސާބުތަކުން އުޑުމަތިން ފެންނަ ތަރިއަށްވުރެ އަނދިރި އަތިރިއެއްމައްޗަށް ދިޔައިމަ ފެންނަ ތަރިތައް ގިނަވެފައި އެ ތަރިތަކުގެ އަލިވެސް ގަދަވާނެއެވެ. އެހެންނަމަވެސް ޒަމާނީ ތަރައްޤީއާއެކު ބައެއް ރަށްރަށުގައި އަތިރިމަތީގައިވެސް ބޮޑެތި ލައިޓްތައް ހަރުކޮށްފަ ހުންނާތީވެ ކުރިން ފެންނަހާ ހިތްގައިމުކޮށް ތަރިތަކެއް ނުފެނެއެވެ. މިއީ ވިސްނާލުން މުހިއްމުކަމެކެވެ.

މިހާރު ބޭނުންކުރާ ސެޓެލައިޓްތަކުން ލައިޓް ސްޕެކްޓްރަމްގެ 'ބްލޫ އެންޑް' ދިމާލަށް 'ވޭވްލެންތް' ހުންނަ އަލި ދެނެގަނެވޭނެ ގޮތެއް ނުވެއެވެ. އޭގެ ތެރޭގައި ހަކަތަ ރައްކާތެރިކުރާ 'އެލް.އީ.ޑީ ބަލްބު' ތަކުން ދޫކުރާ އަލިވެސް ހިމެނެއެވެ. އެމެރިކާގައި ވޭތުވެދިޔަ ދިހަ އަހަރު ތެރޭގައި އާ "އައުޓްޑޯ ލައިޓް" ތަކުގެ ދެބައިކުޅަ އެއް ބަޔަށްވުރެ ގިނައީ  "އެލް.އީ.ޑީ ލައިޓް" ކަމަށް ދިރާސާވެރިން ބުނެއެވެ. ބިލްބޯޑުފަދަ އަރިހުރަހަށް އަލި ފަތުރާ ތަކެތީގެ އައްޔަށްވުރެ ސެޓެލައިތްތަކަށް ބޮޑަށް ނަގައިގަނެވެނީ މައްޗަށް އަލި ފެތުރޭ ލައިޓްތަކުގެ އައްޔެވެ. 

 

ދިރާސާގައި ބައިވެރިނުވާ ފަރާތެއް ކަމުގައިވާ ޖޯޖްޓައުންގެ ބަޔޮލޮޖިސްޓް އެމިލީ ވިލިއަމްސް ބުނެފައިވަނީ ސްކައިގްލޯ އިން އިންސާނާގެ 'ސާރކޭޑިއަން ރިދަމް' ގެ އިތުރުން ދިރިއުޅުމުގެ އެހެން ކަންކަމަށްވެސް ބުރޫއަރާ ކަމަށެވެ. ހިޖުރަކުރާ 'ސޯންގް ބަރޑް' އާންމުކޮށް ރޭގަނޑު އުދުހޭއިރު ރާސްތާ ހޯދަނީ ތަރިތަކުގެ އަލި ގައިޑެއްގެ ގޮތުގައި ބޭނުންކޮށްގެންނެވެ. އަދި، ޅަ ވެލާ ބުހުން ނިކުންނަ ގޮތަށް، ކަނޑާ ދިމާއަށް ދާން މަގު ހޯދުމަށްވެސް މި އަލި ބޭނުން ކުރެއެވެ. ވީމާ، "ލައިޓް ޕޮލިއުޝަނަކީ" މިފަދަ ދިރުންތަކަށްވެސް ހުރި ނުރައްކަލެކެވެ.

 

ލައިތް ޕޮލޮއުޝަންއާއެކު އުޑުމަތިން ތަރިތައް ގެއްލިގެންދާ ދިއުމަކީ އިންސާނީ އާންމު އަދި އުފާވެރި ތަޖުރިބާއެއް ގެއްލިދިއުން ކަމަށް ޔުނިވާސިޓީ އޮފް ސަންޓިއާގޯ ޑި ކޮމްޕޮސްޓެލާގެ ފިޒިސިސްޓް ފަލްޗީ ބުނެފައިވެއެވެ. ރޭގަނޑުގަޑީގައި އުޑުމަތިން ވިދާ ބަބުޅާ ތަރިތަކުގެ ހިތްގައިމު މަންޒަރަކީ، ކުރީގެ ހުރިހާ ޖީލުތަކަކަށް، އާޓް، ސައިންސް، އަދި އަދަބިއްޔާތުގެ ދާއިރާއިންވެސް ބޮޑު އިންސްޕިރޭޝަނެކެވެ. އެހެންނަމަވެސް ހިތާމައަކީ އުމްރާނީ ތަރައްޤީއާއެކު މަގިބައްތިތަކާ ބިލްޑިން ލައިތްތަކާ ދުއްވާ އުޅަނދުތަކުގެ ލައިތްތަކާހެދި ލައިޓް ޕޮލިއުޝަން އިތުރުވެ، އަންނާން އޮތް ޖީލަށް މި މަންޒަރު ހަމަ ލޮލުން ފެނުމުގެ ފުރަސަތު މި ދަނީ ގެއްލެމުންކަމެވެ.