ގާތްގަނޑަކަށް އެންމެންނަށްވެސް މި ކަމާއި ކުރިމަތިލާން ޖެހެއެވެ. ބިހެއް ހޯދުމަށް ފްރިޖަށް އަތް ދިއްކޮށްލާއިރު ބިސްތައް ފްރިޖުގައި ބެހެއްޓިފައިވާތާ ކިހާ ދުވަހެއް ވެއްޖެކަން ހަނދާނެއް ނުހުރެއެވެ. ވަގުތު ފާއިތުވަމުންދާ ވަރަކަށް ބިހެއްގެ ކޮލިޓީ ދަށްވާން ފަށަނީ އެތެރޭގައި ހުންނަ އެއަރ ޕޮކެޓްތައް ބޮޑުވެ ހުދުކުލައިގެ ބައި ތުނިވަމުންދާ ވަރަކަށެވެ. ނަމަވެސް ބިހެއް “ކުނިވެގެން” ދަނީ ބެކްޓީރިއާ ނުވަތަ މޯލްޑްގެ ސަބަބުން ބިސް ގިރިގެން ދާން ފެށުމުންނެވެ.
ހަގީގަތުގައި ބިސް އިތުރު އެތައް ހަފްތާއެއް ވަންދެން ކެއުމަށް ފުރިހަމައަށް ރަނގަޅު ވެސްވެއެވެ. ޝައްކު އުފެދޭ ވަގުތުތަކުގައި ބިސް ކެއުމަށް ރައްކާތެރިތޯ ބެލުމަށް ބޭނުން ކުރެވިދާނެ ބައެއް އުކުޅުތައް އެބަހުއްޓެވެ. މިއީ ބިސް ރަނގަޅުތޯ ނުވަތަ ނުރަނގަޅުތޯ ދެނެގަންނާނެ އެންމެ ރަނގަޅު 4 ގޮތެވެ.
ބިސް ރަނގަޅުތޯ ދެނެގަތުމަށް އެންމެ ފަސޭހަ އެއް ގޮތަކީ ކޭހުގައި ހުންނަ މުއްދަތު ހަމަވާތާރީޚު ބެލުމެވެ. ނަމަވެސް މި ތާރީޚު އައުމާއެކު ފްރިޖުގައި ހުންނަ ބިސް އުކާލައިފިނަމަ ފުރިހަމަ ރަނގަޅު ބިސް ވެސް ބައެއްފަހަރު ބޭކާރުވެ އެއްލާލެވިދާނެ އެވެ. ދުނިޔޭގެ ގިނަ ޤައުމު ތަކުގައި ބިސް ވިއްކަނީ ކޮންމެ ބިހެއްގެ ބޭރުގައި މުއްދަތު ހަމަވާ ތާރީޚް ޖަހައިގެންނެވެ. ރާއްޖޭގައި އެހެންނަމަވެސް މިކަން އޮންނަނީ ގިނަފަހަރަށް މިހެންނަކުން ނޫނެވެ. އަދި ދިވެހިންގެ ތެރޭގައި އާއްމު ގޭބީސީތަކަށް ކޭހުް ބިސް ގަންނަނީ ރޯދަމަސްފަދަ ޚާއްސަ ދުވަސްވަރަކާ ދިމާކޮށް އެކަނި ކަމުން މިއީ ރާއްޖޭގައި ޕްރެކްޓިކަލް ކަމަކަށް ނުވާނެއެވެ.
ސްނިފް ޓެސްޓް ނުވަތަ ވަސްބެލުމުގެ ޓެސްޓަކީ ބިހެއް ގޯސްވެއްޖެތޯ ބެލުމަށް އެންމެ ދުވަސްވީ، އެންމެ ސާދާ، އަދި އެންމެ އިތުބާރު ކުރެވޭ ގޮތެވެ. ބިހުގެ މުއްދަތު ހަމަވާ ތާރީޚު ފާއިތުވެފައިވާކަން އެނގިއްޖެނަމަ، ނުވަތަ ބިސް ގަނެފަ މާދުވަސް ވެފައިވާނަމަ ބިސް ރަނގަޅުތޯ ބެލުމަށް ވަސްބެލިދާނެއެވެ. ގޯސްވެފައިވާ ބިސްތަކެއް ކައްކާފައި ހުރި ކަމުގައި ވިޔަސް ބިސް ނުބައިވެފަ ހުރިކަމުގައި ވާނަމަ ނުބައި ވަހެއް ދުވާނެއެވެ. ބިސް ތަޅާލާފަ ތައްޓަކަށް އެޅުމަށް ފަހު ވަސްބަލާލުމުންވެސް ގޯސް ބިހުގައި ނުބައި ވަހެއް އެކުލެވޭނެއެވެ. ނުބައި ވަހެއް ދުވާނަމަ ބިސް އުކާލުމަށްފަހު އަލުން ބޭނުން ކުރުމުގެ ކުރިން ތަށި ހޫނު ސައިބޯނި ފެނުން ދޮވެލާށެވެ. އޭރުން ތަށިން ވަސް ކެނޑޭނެއެވެ. ބިހުގައި އާދައިގެ ވަހެއް ދުވާނަމަ، މާނައަކީ އާއްމުކޮށް ބިހުގައި ހުންނަ ވަސް ފިޔަވާ ނުބައި ވަހެއް ނެތްނަމަ، އެއީ ބިސް އަދިވެސް ބޭނުންކުރަން ރައްކާތެރި ކަމުގެ ރަނގަޅު ނިޝާނެކެވެ.
ނޭފަތުގެ އިތުރުން ލޮލަކީ ބިހެއް ރަނގަޅުތޯ ނުވަތަ ނުރަނގަޅުތޯ ދެނެގަތުމަށް ބޭނުންކުރެވޭ އަގުހުރި ވަސީލަތެކެވެ. ބިސް އޭގެ ތޮށިގަނޑުގައި ހުންނައިރު، ތޮށީގައި ރެނދުލާފައި، ލޮނދި ލާފަ ނުވަތަ ފުށްކަމެއް ހުރިތޯ ބަލާށެވެ. ލޮނދިކަމުން ނުވަތަ ރެނދުލުން ބެކްޓީރިއާ ހުރިކަން އަންގައިދޭއިރު، ބިހުގެ ބޭރުގައި ޕައުޑަރެއް ނުވަތަ ފުށްކަމެއް ފަދަ ގޮތަކަށް ފެނުމަކީ މޯލްޑް ނުވަތަ ފޫ ކަމަށް ވެދާނެ އެވެ. ބިސް ހިކިފައި އަދި ގެއްލުމެއް ނުލިބޭހެން ހީވާނަމަ ބޭނުން ކުރުމުގެ ކުރިން ބިސް ސާފު ހުދު ތައްޓަކަށް ތަޅާލާށެވެ. ބިހުގެ ގޮބޮޅި ނުވަތަ ހުދު ބައިގަ މަޑު ފިޔާތޮށިކުލައިގެ ނުވަތަ ފާހަގަ ކުރެވޭ ކަހަލަ އެހެން ކުލައަކަށް ބަދަލުވެފައި ހުރިތޯ ބަލާށެވެ. މިއީ ބެކްޓީރިއާ އުފެދުމުގެ ނިޝާނެއް ކަމުގައި ވެދާނެތީއެވެ. ކުލަ ބަދަލުވުމުގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ބިސް އުކާލުމަށްފަހު އާ ބިހެއް ޓެސްޓް ކުރުމުގެ ކުރިން ހޫނު ސައިބޯނި ފެނުން ތަށި ދޮވެލާށެވެ. އަދި ބިހުގެ ހުދުބައި ނުވަތަ ބިހުގެ ގޮބޮޅި ފެންވެފައިވޭތޯ ވެސް ޗެކް ކުރެވިދާނެ އެވެ. މިއީ ބިސް ދުވަސްވެފައިވާ ކަމާއި ކޮލިޓީ ދަށްވެފައިވާ ކަމުގެ ނިޝާނެކެވެ. އެކަމަކު މިހެން ހުއްޓަސް އަދި ބިސް ބޭނުން ކުރަން އެންމެ ރަނގަޅުވެދާނެއެވެ.
ބިހެއް ރަނގަޅުތޯ ނުވަތަ ނުރަނގަޅުތޯ ބެލުމަށް އެންމެ މަގުބޫލު އެއް ގޮތަކީ ފްލޯޓް ޓެސްޓެވެ. މިއީ ވެސް ދުވަސްވަމުން އަންނަ ބިހެއްގެ އުމުރު ކަނޑައެޅުމަށް އާންމުކޮށް ބޭނުންކުރާ ގޮތެކެވެ. ބިހަކީ ތާޒާ ބިހެއްތޯ ނުވަތަ ނޫންތޯ ނިންމުމަށް މިއީ ވަރަށް ރަނގަޅު ގޮތެކެވެ. ފްލޯޓް ޓެސްޓް ހެދުމަށްޓަކައި ބިސް މަޑުމަޑުން ފެން ތައްޓަކަށް ނުވަތަ ބާލިދީއެއްގެ ތެރެއަށް ލާށެވެ. ބިސް އަޑިއަށް ގޮސްފިނަމަ އެއީ ތާޒާ އެއްޗެކެވެ. މައްޗަށް ޖެހިލިޔަސް ނުވަތަ އެއްތަނެއްގައި ހަރުލައި ނޯންނަނަމަ އެއީ ދުވސްވެފައިވާ އެއްޗެކެވެ. އެއީ ބިހެއް ދުވަސްވަމުންދާ ވަރަކަށް އޭގެ ތެރޭގައިވާ އެއަރ ޕޮކެޓް ބޮޑުވަމުން އަންނަނީ ފެން ދޫވެ، އޭގެ ބަދަލުގައި ވައި ވަދެގެން ދިއުމުންނެވެ. އެއަރ ޕޮކެޓް ފުދޭވަރަކަށް ބޮޑުވެއްޖެނަމަ ބިސް ފެނުން މައްޗަށް އަރައެވެ.
ބިހެއް ނުބައިވެއްޖެކަން އެނގޭނެ ގޮތުގެ މައުލޫމާތު ނެތުމުން ބައެއް މީހުން ބޭނުން ހިފޭ ރަނގަޅު ބިސް އުކާލައެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަންވީ ކާނާގެ ސަބަބުން ޖެހޭ ބަލިތައް ޖެހޭ ބެކްޓީރިއާ ސަލްމޮނެއްލާ ހިމެނޭ ބިހުގެ ސިފައާއި ވަސް މުޅިން އާދައިގެ ގޮތަކަށް ހުރެދާނެކަމެވެ. ބިސް އެއްފަހަރާ ގިނައިން ގަތުމުގެ ބަދަލުގައި ގިނަވެގެން ހަފްތާއަކަށް ބޭނުންވާވަރަށް ގަނެފަ ބެހެއްޓުމަކީ އެންމެ ބުއްދިވެރި ގޮތެވެ. ފިހާރައިން ބިސް ގަންނައިރު ރަނގަޅަށް ބަލާފަ ބިހުގެ ބރުން ބިސް ފީވެ ހަލާކުވެފައިވާ ކަމުގެ ނިޝާނެއް ފެނޭތޯ ބަލާ ޗެކްކޮށްފަ ނޫނީ ނުގަންނާށެވެ. އޭރުން އަބަދުވެސް ގޭގައި ހުންނާނީ މާ ގިނަ ދުވަސް ނުވާ ތާޒާ ބިހެވެ.
