"ގްރޯ ވިތް އުރީދޫ" މި ޝިއާރުގެ ދަށުން ރާއްޖޭގައި އާންމުކޮށް ހެދޭ ގަސްގަހުގައި އަޅާ ރީތި މާތައް ދައްކުވައިދޭ އުރީދޫ މޯލްޑިވްސް ގެ 2023 ވަނަ އަހަރުގެ ޑެސްކް ކަލަންޑަރުން އިފްތިތާހުކޮށްފިއެވެ.

ގްރޯ ވިތް އުރީދޫ ޝިއާރު މި އަހަރުގެ ކެލެންޑަރ އަށް ހަމަ ޖައްސާފައިވަނީ 2023 އަކީ އުރީދޫ އަށް 18 އަހަރު ފުރޭ އަހަރުކަމުންނާއެކުގައި ކަމަށްވެސް އެކުންފުނިން ހާމަކޮށްފައި ވެއެވެ.

މި ކަލަންޑަރުގައި ރާއްޖެއިން އާންމުކޮށް ފެންނަ މާމެލާމެލި އީޖާދީ އޮގްމެންޓެޑް ރިއަލިޓީ ޚިދުމަތް މެދުވެރިކޮށް ތަޖުރިބާ ކޮށްލުމުގެ އިތުރުން ކޮންމެ މަހަކަށް ހާއްސަ ކުރެވިފައިވާ މާ ގަހުގެ އޮށާއި ގަސް އިންދުމަށް 12 ގަސް ޕޮޓުވެސް ކަލަންޑަރާއެކު ލިބެއެވެ.

ކަލަންޑަރު އިފްތިތާހު ކުރުމަށް ބޭއްވި ހާއްސަ ހަފްލާއެއްގައި ކަލަންޑަރ އިފްތިތާހުކުރެވިގެން ދިޔައީ ވަޑައިގެންތިއްބެވި ބޭފުޅުން ކަލަންޑަރު ލާފައިވާ ފޮށިގަނޑު ހުޅުވާލުމުން އުދުހިގެން ދިޔަ ކޮކާތަކަކުންނެވެ.

ކަލަންޑަރުގައި ކޮންމެ މަހެއްގައި ކުރު ތައާރަފަކާއެކު ރާއްޖޭގައި އާއްމުކޮށް ފެންނަ ތަފާތު މަލެއް ދައްކުވައިދެ އެވެ. ކަލަންޑަރު ބޭނުންކުރާ ފަރާތްތަކަށް އެ މަހަކަށް ހާއްސަކޮށްފައިވާ ސޮފްހާގައި ފެނިވަޑައިގަންނަވާ ސްނެޕްޗެޓް ކޯޑް ސްކޭންކޮށް އެ މަހަކަށް ހާއްސްކޮށްފައިވާ މާ އޮގްމެންޓެޑް ރިއަލިޓީ ތަޖުރިބާ އެއްވެސް ލިއްބައި ދެއެވެ. އޭއާރް ފީޗާގެ އިތުރުން ހުރިހާ އުމުރުފުރައަކާ ގުޅުވާލާ، ކޮންމެ މަހަކަށް ޙާއްސް ކުރެވިފައިވާ މާ ގަހުގެ އޮށާ ގަސް އިންދުމަށް 12 ޕޮޓް ކަލަންޑަރުގައި އެކުލަވައިލައިފައެވެ.

ކަލަންޑަރާއެކު ލިބޭ 12 ގަހުގެ އޮށް ހިމަނައިގެން ހަދާފައިވާ ކަރުދާހެއް ވަނީ އެ މަހަކަށް ހާއްސަ ކަލަންޑަރު ސޮފްހާގައި ހިމަނާފަ އެވެ. މި ކަރުދާހުގައިވާ އޮށް އިންދާނެ ގޮތުގެ ގްރޯ ގައިޑެއްވެސް އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ފެންނަން ހުންނާނެ އެވެ. ކަލަންޑަރު ޕޭޖްގައި ވާ ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން ގްރޯ ގައިޑް ހުޅުވިގެންދާނެ އެވެ.

ކަލަންޑަރު ލޯންޗުކުރުމުގެ އިތުރުން މި ހަފްލާގައި އުރީދޫ މޯލްޑިވްސް އިން ވަނީ ގްރޯ ވިތް އުރީދޫ ކެމްޕެއިން އެމްބެސެޑަރަކަށް ރަމްޒީ ހުސައިން - ޒުވާން ދަނޑުވެރިޔާ ވެސް އިއުލާނުކޮށްފައެވެ. ގްރޯ ވިތު އުރީދޫ ކެމްޕެއިންގެ ދަށުން ޒުވާން ދަންދުވެރިޔާ އާއި އެކު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވައިފާވާކަންވެސް އެ ކުންފުނިން ހާމަކުރެއެވެ. 

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް ކޮމަރޝަލް އޮފިސަރ، ހުސެއިން  ނިޔާޒް ވިދާޅުވީ އުރީދޫ ކަލަންޑަރު 2023 އަކީ އޮގްމެންޓަޑް ރިއަލިޓީ އާއި އެކު ރާއްޖޭގައި ހެދޭ ރީތި މާތައް ދައްކުވައިދޭ އީޖާދީ ކަލެންޑަރެއް ކަމަށެވެ. މި ކަލަންޑަރުން އޮގްމެންޓަޑް ރިއަލިޓީގެ އެހީގައި ރާއްޖޭގައި އާންމުކޮށް ފެންނަ މާތައް ކޮންމެ ތަނެއްގައި ހުރެގެންވެސް ތަސައްވުރު ކޮށްލެވޭނެ ކަމަށެވެ.

މީގެ އިތުރުން ގަސް އިންދުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކޮންމެ މަހަކަށް ހާއްސަ ކޮށްފައިވާ މާ ގަހުގެ އޮށާއި ގަސް އިންދާނެ ޕޮޓުވެސް ވާނީ ހިމަނާފައި ކަމަށް ވެސް ވިދާޅުވި އެވެ.

" މި ކަލަންޑަރުގެ ސަބަބުން އަޅުގަނޑުމެންގެ އުއްމީދަކީ ވީހާވެސް ގިނަ މީހުން އަމިއްލަ އަށް ގަސްގަހާގެހި ހައްދައި، ގުދުރަތުގެ އަގު ވަޒަންކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް. އުރީދޫއާ އެކު މިއަހަރުގެ ކަލަންޑަރުގެ ޝިއާރުގެ ދަށުން - އަޅުގަނޑުމެންގެ ކެމްޕެއިން އެމްބެސެޑަރެއްގެ ގޮތުގައި ޒުވާން ދަނޑުވެރިޔާ އާއި އެކު މި މެސެޖް އިތުރަށް ކުރިއަށް ގެންދިއުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެ." ނިޔާޒު ވިދާޅުވި އެވެ.