ރާއްޖޭގައި އެއްތަނުން އަނެއްތަނަށް އަވަހަށް ދާން ބޭނުންވެއްޖެނަމަ މިޖެހެނީ ޓެކްސީ އެއް ހޯދާށެވެ. ސެންޓަރަށް ގުޅާލާއިރު ގިނައީ ޓެކްސީ ނުލިބޭ ފަހަރެވެ. ދެން ޖެހެނީ މަގުމަތިން ޓެކްސީއެއް ނަގާށެވެ. ނަމަވެސް މިހާރު ޓެކްސީތަކަށް އަރަން ބިރުގަންނަ ހާލަތަށް މިވަނީ ގޮއްސައެވެ.ބައެއް ޓެކްސީ ޑްރައިވަރުންގެ އަމަލުތަކާއި އަހުލާގީ ފެންވަރު ދަށް ވުމުގެ ސަބަބުން ޓެކްސީއެއްގައި ދަތުރު ކުރުމުގެ ރައްކާ ތެރިކަމާއި މެދު މިވަނީ ސުވާލު އުފެދިފައެވެ.
މބިރުވެރިކަން ބޮޑަށް އޮތީ އެކަނި ޓެކްސީ އަށް އަރަންޖެހޭ އަންހެނުންނަށެވެ. ބައެއް ޓެކްސީ ޑްރައިވަރުން އަންހެނަކު އެކަނި ޓެކްސީ އަކަށް އަރައިފިނަމަ ފުރައްސާރަކުރަން އެއްވެސް ޖެހިލުމެއް ނުވެއެވެ.ގިނަ ފަހަރަށް ޓެކްސީ ދަތުރެއްގެ ތެރޭގައި އަންހެނުންނަށް ކުރިމަތިވަނީ ފާޙިޝް ސަމާސާތަކާއި، ކޮމެންޓްތަކާއި، އެކަކު އަނެކަކު ގާތުން ދެނެގަތުމަށް ހުށަހެޅުންތަކުގެ އިތުރުން ޑްރައިވަރުންގެ ފަރާތުން ނޭދެވޭ ޖިންސީ ފުރައްސާރައެވެ.
އެކަނި ޓެކްސީ އަކަށް އަރާނަމަ ޓެކްސީގެ ނަންބަރް ޕްލޭޓްގެ ފޮޓޯއެއް ނެގުމަށްފަހު ޓެކްސީ އަށް އަރާށެވެ. ނުވަތަ ގާތްމީހަކަށް ގުޅުމަށްފަހު ޓެކްސީ ނަންބަރު ޑްރައިވަރަށް އަޑުއިވޭ ގޮތަށް ފޯނުން ބުނެދޭށެވެ. ނޫންނަމަ ޓެކްސީގެ ނަންބަރު ނޯޓް ކޮށްލުމަށްފަހު ގާތްމީހަކަށް ދަތުރު ފެށުމުގެ ކުރިން ފޮނުވާލާށެވެ. މިފަދަ ޑްރައިވަރެއްގެ ފަރާތުން ފުރައްސާރަ ކުރިމަތި ވެއްޖެނަމަ ، ދަތުރުގައި ލިބެން ހުރި ހުރިހާ ހެކިތަކެއް ރެކޯޑްކުރުން މުހިންމެވެ: ހުރިހާ ކަމެއް ފިލްމުކުރުން، ނުވަތަ އޯޑިއޯއެއް ރެކޯޑްކުރަން ސަމާލްކަން ދިނުން މުހިއްމެވެ.
ޑްރައިވަރާއި ވާހަކަ ނުދައްކާށެވެ. އޭނާ ތިބާއާ ވާހަކައެއް ފަށަން ނުވަތަ ސަމާސާ ކުރަން އުޅޭނަމަ، މި ވާހަކަ ކުރިއަށް ގެންދަން ބޭނުން ނުވާކަން ދައްކާށެވެ. އަދި އެކަނި ދަތުރުކުރާނަމަ އަބަދުވެސް ފަހަތު ސީޓް އިޙްތިޔާރްކުރާށެވެ.
ޓެކްސީ ޑްރައިވަރުންނަކީ ޒިންމާދާރު އެހާމެ މުހިންމު ހިދުމަތެއް މުޖްތަމައުއަށް ފޯރިކޮށްދޭ ފަރާތެއް ކަމުގައި ވާއިރު ހިދުމަތްހޯދާ އަންހެނުންނާއި ކުޑަކުދިންނަށް އަދި މިނޫން ފަރާތްތަކަށްވެސް ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭނޫންތޯއެވެ.
އަދި ކަމާ ބެހޭ ފަރާތްތަކުން ޓެކްސީ ގެ ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް މިފަދަ ކުއްތަކަށް އަރައިގަންނަ ފަރާތްތަކަށް ހަރުކަށި އަދަބު ކަންޑައެޅުން މުހިއްމެވެ.
މިގެ އިތުރުން ޓެކްސީ ސެންޓަރު ތަކުންވެސް ޑްރައިވަރުން މިފަދަ އަމަލު ކުރުންހުއްޓުވޭނެ ގޮތްތައް ހޯދާ ޑްރައިވަރުން ޕްރޮފެޝަނަލް ކުރުމަށް ހޭލުންތެރިކޮށް ތަމްރީން ކުރަންޖެހެއެވެ. އަދި ޑްރައިވަރުގެ މައުލޫމާތު އެނގޭގޮތަށް ކާރުގައި ފެންނަން ހުރުން މުހިއްމެވެ. ބައެއް ޤައުމު ތަކުގައި ޕަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރު ކުރަން ކާރް ފަހަތު ސީޓުގައި އެސްއޯއެސް ބަޓަން ވެސް ހަރުކޮށްފައި ހުރެއެވެ. ހަމަގައިމުވެސް މިއީ މިފަދަ ބޭއަދަބީ ކަންކަން ކުރުމަށް ޑްރައިވަރުން ޖެހިލުންވާނެ އެއްސަބަބެވެ.
މިފަދަ ހާދިސާތަކަށް ބަލަން ޖެހޭނީ އަންހެނުންނަށް ކުރާ އަނިޔާގެ ބޮޑު މައްސަލައިގެ ތެރެއިން ކަމަށާއި، މިފަދަ މައްސަލައާ ކުރިމަތިލާން ޖެހެނީ ޒީރޯ ޓޮލަރެންސް އާއި އެކު ކަން ފާހަގަކޮށްލަން ޖެހެއެވެ.
މިފަދަ ކަމެއް ދިމާވުމުން، ޕޯސްޓް ހެރެސްމަންޓް ޓްރޮމާއަކުން ޕޯސްޓްޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑަރ (ޕީޓީއެސްޑީ) އުފެދުމަށް މަގުފަހިވާތީ، ސްޕެޝަލިސްޓުންގެ އެހީތެރިކަމަށް އަޅާނުލާ ތިބެގެން ނުވާނެއެވެ. އެހެންކަމުން ކުށްހީ، ބިރުވެރިކަން، ލަދުވެތިކަން، އެކަނިވެރިކަން، ނުވަތަ އެނޫންވެސް ހިތްހަމަ ނުޖެހޭ ޖަޒުބާތުތަކާއި ހަނދާންތަކެއް ކުރިމަތިވެއްޖެނަމަ ނަފްސާނީ އެހީތެރިކަން ހޯދުމަކީ މުހިއްމު ކަމެކެވެ.
ޓެކްސީ ޑްރައިވަރުންގެ ތެރޭގައި އަޚްލާގަ ރަނގަޅު ސުލޫކީ މިންގަޑު ރަނގަޅު ގިނަ ޑްރައިވަރުން ތިބިއިރު މަދު ބައެއްގެ މިފަދައަމަލުތަކުގެ ސަބަބުން ހުރިހާ ޑްރައިވަރުނަނަށް އޮންނަ އިތުބާރަށް އަދި އިޚްތިރާމަށް އަސަރުފޯރައެވެ.
