ބޮލީވުޑްގެ މަޝްހޫރު އެތައް ތަރިންނެއްގެ އެތައް ފިލްމުތަކަކަށް ނައްސި ކޮމެންޓްކޮށް ބޮއިކޮޓްކުރަން ގޮވާލާ ސޯޝަލް މީޑިއާގައި މަޝްހޫރުކަން ހޯދައިފައިވާ ކަމާލް ރަޝީދް ޚާންގެ އަނގަ ސަލްމާން ބަންދުކޮށްލައިފިއެވެ.
ކަމާލް ޚާން އެންމެ ފަހުން މިފަދަ ޓްވީޓް ކޮށްފައިވަނީ މިމަހުގެ 25ވަނަ ދުވަހު ސިނަމާތަކުގައި އަޅުވަންފެށި ޝާހްރުކްގެ "ޕަޓާން"އާ ގުޅޭ ގޮތުންނެވެ. އެގޮތުން ފިލްމު ރިލީޒްކުރުމުގެ ކުރިން، "ޕަޓާން" ވެގެންދާނީ ބޮޑު ފްލޮޕަކަށް ކަމަށް ކަމާލް ވަނީ ބުނެފައެވެ. އެހެންނަމަވެސް ފިލްމުގެ ރިލީޒަށްފަހު އޭނާ ވަނީ އެއީ އެންމެ 'ހިޓް' ފިލްމު ކަމަށް ބުނެ ވެސް ޓްވީޓްކޮށްފައެވެ. އަދި މިގޮތަށް މީގެ ކުރިން ވެސް އެތައް ފިލްމުތަކަކަށް ވަނީ ނުރުހުން ފާޅުކޮށް ބޮއިކޮޓް ކުރުމަށް ގޮވާލެވޭ ފަދަ ރިވިއުކޮށްފައެވެ. އޭގެ ތެރެއިން ބައެއް ފިލްމުތަކުގެ ތެރޭގައި ރިތިކްގެ "ވިކްރަމް ވޭދާ"އާއި "ބްރަމަސްތުރާ" ހިމެނެއެވެ. އަދި މިހާރު ކަމާލް ކަޅިއަޅަމުންދަނީ ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "ކިސީ ކީ ބާއީ ކިސީ ކީ ޖާން"އަށެވެ.
ކަން މިހެން އޮތް ނަމަވެސް ސަލްމާން ޚާން ވަނީ އޭނާގެ "ކިސީ ކީ ބާއީ ކިސީ ކީ ޖާން"އަށް ކަމާލަށް ރިވިއު ނުކުރެވޭނެ ކަމަށް ބުނާ ކޯޓު އަމުރެއް ހޯދައިފައެވެ. ސަލްމާން މިގޮތަށް ނިންމާ ކަމާލްގެ އަނގަ ބަންދުކޮށްލައިފައިވާ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ 2021ގައި ރިލީޒްކުރި އޭނާގެ "ރާދޭ: ޔުއަރ މޯސްޓް ވޯންޓެޑް ބާއީ"އާ ގުޅޭ ގޮތުން ވެސް އެތައް ނައްސި ރިވިއުތަކެއް ދީ އޯޑިއަންސްގެ ނުރުހުން ލިބޭނޭ ފަދަ އެތައް ވާހަކަތަކެއް ދައްކައިފައިވުމެވެ.
ކަމާލް ޚާން މިކަމާ މެދު ހިތާމަކުރާ ކަމަށް ބުނެ، އަދި ރިވިއުކުރުމުގެ ހުއްދައަށް އެދި ސަލްމާނަށް ދަނީ ޓްވިޓާ މެދުވެރިކޮށް އާދޭސްކުރަމުންނެވެ.
Dear super star @BeingSalmanKhan Sahab, Can you please give me permission to review teaser of your film #KisiKaBhaiKisiKiJaan? Me and public will be thankful for your generosity.
— KRK (@kamaalrkhan) January 28, 2023
People pls RT to convince Salman Bhai.
"އަހަރެންނަކީ ޤާނޫނާ ޤަވާޢިދަށް އިޙްތިރާމްކުރާ މީހެއް، އެހެންވީމަ ސަލްމާން އަތުގައި ކޯޓު އަމުރު އޮއްވައި އަހަރެންނަކަށް 'ކިސީ ކީ ބާއީ ކިސީ ކީ ޖާން'އަކަށް ރިވިއުއެއް ނުކުރެވޭނެ!" ކަމާލް އިތުރަށް ބުނެފައިވެއެވެ.
ސަލްމާން ޚާން އެންމެ ފަހުން ފެނިގެންދިޔައީ މަހޭޝް މަންޖްރޭކަރުގެ "އަންތިމް: ދަ ފައިނަލް ތްރުތު"އިންނެވެ. އަދި މިމަހު 25ގައި ރިލީޒްކުރި ޝާހްރުކްގެ "ޕަޓާން"ގައި ވެސް ސަލްމާންގެ ޚާއްޞަ ފެނިލުމެއް އޮތްއިރު ދެން ކުރިއަށް ހުރި ބައެއް ފިލްމުތަކުގެ ތެރޭގައި "ޓައިގަރ 3"އާއި "ކިސީ ކީ ބާއީ ކިސީ ކީ ޖާން" ހިމެނެއެވެ.
