ބައެއް ފިލްމީ ފަންނާނުންނަކީ އެމީހުންގެ ފިލްމުތަކުގައި ދައްކާ އެކްޓިންގ ގެ އިތުރުން އެމީހުންގެ ޒާތީ ދިރިއުޅުމުގައި ވެސް ވަރަށް މުހިންމު ރޯލެއް އަދާކުރާ ބައެކެވެ. ބައެއް ފަންނާނުންނަކީ މުޖްތަމަޢުއަށް ފައިދާ ހުރި އެތައް މަސައްކަތެއް ކުރާ ބައެކެވެ. އަނެއް ބަޔަކީ އާމްދަނީގެ ބޮޑުބައެއް ޔަތީމުންނާއި ފަގީރުންނަށް ހޭދަ ކުރާ ބައެކެވެ. އަދި ބަލި ހާލުޖެހިފައިވާ ނަމަވެސް އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ނެތް މީހުނަށް ވެސް ގިނަ ފަންނާނުންގެ ފަރާތުން އެހީތެރިކަން ލިބެއެވެ. މިފަހަރު މިބަލާލަނީ އެހެން މީހެއްގެ ދަރިއަކުން ނުވަތަ ދަރިން އަމިއްލަ ދަރިންގެ ގޮތުގައި ބަލައިގަނެ އެކުދިންނަށް އުފާ ފާގަތި ދިރިއުޅުމެއް ހޯދައިދޭން މަސައްކަތްކުރާ އަދި އެކަން ކަމިޔާބުކޮށްފައިވާ ބައެއް ފަންނާނުންނަށެވެ.
1. ސުޝްމިތާ ސެން

ކުދިން އެޑޮޕްޓް ކުރާ ވާހަކަ އަންނަ ނަމަ ބޮލީވުޑްގައި އެންމެ ފުރަތަމަ ނަންގަނެވޭ ފަރާތަކީ މިސް އިންޑިޔާ އަދި މިސް ވޯރލްޑް ގެ ތާޖު ހޯދާފައިވާ ރީތީގެ ރާނީ ސުޝްމިތާ ސެން އެވެ. ދެ އަންހެނުން ކުދިންކަމަށްވާ ރީނީ އަދި އަލީސާގެ ގާނޫނީ ބެލެނިވެރިކަން ސުޝްމިތާ އަށް ލިބުނީ ވަރަށް ގިނަ އިޖުތިމާޢީ އަދި ގާނޫނީ ހުރަސްތަކެއް ކުރިމަތިވެ އެކަންކަން ގިރާ ކުރުމަށް ފަހުއެވެ. އިންޑިޔާގެ އާންމު ގާނޫނުގައި ހުސްހަށިބައި އަންހެނުންނަށް ކުދިން އެޑޮޕްޓް ކުރުމުގެ ހުއްދައެއް ނުދެއެވެ. މިކަމަށް ވަރަށް ދިގު މަރުޙަލާތަކެއް ކަޑައްތުކުރަން ސުޝްމިތާއަށް ޖެހުނެވެ.
2. ރަވީނާ ޓަންޑަން

އުމުރުން 8 އަހަރުގެ ޗާޔާ އަދި 11 އަހަރުގެ ޕޫޖާ ނަމަކަށް ކިޔާ ދެ އަންހެން ކުދިން 1995 ވަނަ އަހަރު އެޑޮޕްޓް ކުރި އިރު ރަވީނާގެ އުމުރުން އެންމެ 21 އަހަރެވެ. މިއީ އޭނާގެ ދެބެންގެ ދެދަރި މީހެއްގެ ދެކުދިންނެވެ. ކުދިންގެ މަންމަ މަރުވުމަށްފަހު އެކުދިން ބެލުމަށް ހަވާލުވި ފަރާތުން އެކުދިންނާއި މެދު ކަންތައް ކުރާ ގޮތާއި މެދު ހިތް ހަމަ ނުޖެހި ރަވީނާ ވަނީ އެ ދެކުދިން ގާނޫނީ ގޮތުން އެޑޮޕްޓް ކޮށްފައެވެ. ހުސްހަށިބަޔަށްހުރެ މިދެކުދިން ބޮޑުކޮށް އެމީހުނަށް އުޖާލާ މުސްތަގްބަލެއް ދެއްކުމަށް ފަހު ރަވީނާ ވަނީ ކައިވެނިކޮށްފައެވެ. މި ދެކުދިންގެ ކައިވެނި ކޮށްދިނީ ވެސް ރަވީނާއެވެ. މިހާރު އޭގެ ތެރެއިން އެއް ކުއްޖަކަށް ކުދިން ލިބި ރަވީނާ ވަނީ "މާމާ" އަކަށް ވެފައެވެ.
3. ސަލީމް ޚާން

މަޝްހޫރު ފިލްމު ލިޔުންތެރިޔާ އަދި ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެއް އާއިލާގެ ބައްޕަ ކަމަށްވާ ސަލީމް ޚާންވަނީ އޭރުގެ މަޝްހޫރު ކެބަރޭ ނެށުންތެރިޔާ ހެލެން އާއި ކައިވެނިކޮށް، އެދެމީހުން ވެގެން އަރްޕިތާ ކިޔާ ކުއްޖަކު އެޑޮޕްޓް ކޮށްފައެވެ. އޭރުވެސް ސަލީމް ޚާންގެ އާއިލާގައި ސަލްމާން ޚާން، އަރްބާޒް ޚާން، ސޮހެއިލް ޚާން އަދި އަލްވިރާ ޚާން ތިއްބެވެ. ސަލީމް ޚާން އަށް އަރްޕިތާ ފެނުނީ ޕޭމަންޓް މަތީގައި މަރުވެފައި އޮތް އޭނާގެ މަންމަގެ މަސްގަނޑުކައިރީގައި ރޯން އިންދައެވެ. ހެލެން އަކީވެސް ބަރްމާއިން އިންޑިޔާއަށް ހިޖުރަ ކުރި ރެފިއުޖީއެއް ކަމުން މަގުމަތީގައި މިހެން އުޅެން ޖެހުމުން ކުރެވޭ އިޙްސާސް ވަރަށް ރަގަޅަށް އެނގެއެވެ. އެހެންކަމުން ސަލީމް ޚާންއަށް މިކަމުގައި ފުރިހަމަ އެއްބާރުލުން ދިނެވެ. އެންމެ ފުރަތަމަ އަރްޕިތާ އެޑޮޕްޓް ކުރުމަށް އާއިލާގެ ތެރެއިން ވަރަށް ބޮޑަށް ދެކޮޅު ހެދިއެވެ. ނަމަވެސް ފަހުން އަރްޕިތާއަކީ ޚާން އާއިލާގެ ދެލޮލުގެ ނޫރެވެ. އަރްޕިތާގެ ކައިވެނީގެ ހުރިހާ ކަމެއް އިސްވެ ކޮށްދިނީ ސަލްމާން ޚާނެވެ. ރަސްދަރިކަނބަލަކާ އެއް ފެންވަރުގައެވެ. މިހާރު އަރްޕިތާއަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ވަނީ ލިބިފައެވެ.
4. މިތުން ޗަކްރަބަރްތީ

ފިލްމުތަކުގައި ހުށައަޅައިދިން ނެށުމާއި ތަޅާ މަންޒަރުތަކުގެ ސަބަބުން ބެލުންތެރިންގެ މަޤްބޫލުކަން ހޯދި މިތުންއަކީ އޯގާތެރިކަމުން ފުރފައިވާ ހިތެއްގެ ވެރިއެކެވެ. މިތުންގެ 3 ފިރިހެން ކުދިން ކަމަށްވާ ނަމަޝީ، މަހާކްޝޭ އަދި އުޝްމޭ ޗަކްރަބަރްތީ ލިބުނު ފަހުން މިތުންވަނީ މަގުމަތީގައި ބަހައްޓަފައިވާ ޑަސްޕިނެއްގެ ތެރެއިން ހޮވި ތުއްތު ކުއްޖަކު އެޑޮޕްޓް ކޮށްފައެވެ. ދިޝާނީ ކިޔާ މި ކުއްޖާ އަކީ މިހާރު ބޮލީވުޑްގެ ކުރު ފިލްމުތަކުން ފެންނަ މޫނެކެވެ. ބޮލީވުޑަށް ދިޝާނީ ނެރުމަށް ވެސް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ މިތުންގެ ފިރިހެން ދަރިންގެ ފަރާތުންނެވެ. އާއިލާގެ ތެރޭގައި އެންމެ ބޮޑަށް ލޯބިލިބޭ މެމްބަރަކީ ދިޝާނީ އެވެ.
5. ސަމީރު ސޯނީ އަދި ނީލަމް ކޮތާރީ

ކުރީގެ އެކްޓްރެސް ނީލަމް އަދި އެކްޓަރ ސަމީރު ސޯނީ ކައިވެނި ކުރިތާ ދެ އަހަރުގެ ތެރޭގައި އެމީހުން ވަނީ އަންހެން ކުއްޖަކު އެޑޮޕްޓް ކޮށްފައެވެ. އެ ދެމީހުން އެ ކުއްޖާއަށް ދީފައިވާ ނަމަކީ އާހަނާއެވެ. ސަމީރު އަދި ނީލަން ހާމަ ކުރިގޮތުގައި އަންހެންކުއްޖަކު އާއިލާއަށް ގެނައުމަކީ އަބަދުވެސް އެމީހުން ދެކޭ ހުވަފެނެކެވެ. އަދި ހައެއް ނޫނީ ހަތް މަހުގެ ތުއްތުކުއްޖަކު އެޑޮޕްޓް ކުރުމުގެ ވިސްނުން ފެށުނީއްސުރެ ވެސް އެމީހުން ގެންގުޅުނެވެ. ސަމީރުގެ އާއިލާ ގައި ތިބީ ހުސް ފިރިހެން ކުދިން ކަމުން އަންހެން ކޮއްކޮއެއް ނުވަތަ ދައްތައެއް ސަމީރުއަކަށް ނުލިބެއެވެ. އެހެންކަމުން ކުއްޖަކު ހޯދާނަމަ ނުވަތަ އެޑޮޕްޓް ކުރާނަމަވެސް އެކުއްޖަކީ އަންހެން ކުއްޖަކަށް ވުން އެއީ ދެމީހުންގެ ވެސް ޝަރުތެކެވެ.
