ކައިފަ ބާކީ ހުންނަ އެއްޗެހި ފްރިޖްގައި ބެހެއްޓުމަށްފަހު ނުވަތަ ކާން ވެގެން ހޫނުކޮށްލަން ޕްލާސްޓިކް ތަށީގައި މައިކްރޯވޭވް ކުރުމަކީ ރައްކާތެރި ކަމެއްބާއެވެ.

ނަސީބަކުން މައިކްރޯވޭވްއަށް ރައްކާތެރި ޕްލާސްޓިކްގެ ބާވަތްތަކަކީ ކޮބައިކަން ހޯދަން ފަސޭހައެވެ. ފުރަތަމަ ކަމަކީ ތަށީގެ ބޭރުގައި މައިކްރޯވޭވް ސޭފް ލޭބަލެއް ހުރިތޯ ބެލުމެވެ. އެގޮތަށް ލޭބަލް ނެތްނަމަ ތަށީގެ ބޭރުގައި ނަންބަރެއް ޖަހާފައިވޭތޯ ޗެކް ކުރާށެވެ. ޕްލާސްޓިކްގެ ހުރިހާ އުފެއްދުމެއްގައި ވެސް ރީސައިކަލް ކުރުމުގެ ބޭނުމުގައި 1 އިން 7 އަށް ނަންބަރެއް ޖަހާފައި ހުރެއެވެ.

5 ނަންބަރު ޖަހާފައިވާ ޕްލާސްޓިކަކީ މައިކްރޯވޭވް އަށް އެންމެ ރައްކާތެރި ޕްލާސްޓިކެވެ. މިއީ ގަދަ ހޫނުމިނަށް ދިފާޢުވާ އަދި ނުވިރޭ ޕްލާސްޓިކެކެވެ. މީގެ އިތުރުން މައިކްރޯވޭވް ސޭފް ޕްލާސްޓިކަކީ އަހަރެމެންގެ ސިއްހަތަށް ގެއްލުން ލިބިދާ ކެމިކަލެއް ކަމަށްވާ ބީޕީއޭ އިން އެއްކިބާވެފައިވާ ޕްލާސްޓިކެކެވެ.

3، 6 ނުވަތަ 7 ގެ ލޭބަލް ޖަހާފައިވާ ޕްލާސްޓިކް ކޮންޓެއިނަރުތައް މައިކްރޯ ވޭވް ގައި ބޭނުންކުރުމުން ދުރުހެލިވާށެވެ- މިއީ އެއްގޮތަކަށްވެސް މައިކްރޯވޭވް އަށް ރައްކާތެރި އެއްޗެއް ނޫނެވެ. 

އެއްފަހަރު ބޭނުންކުރެވޭ ގޮތަށް ހުންނަ ޕްލާސްޓިކް ތައްޓަކީ އާންމުކޮށް މައިކްރޯވޭވް އަށް ރައްކާތެރި އެއްޗެއް ނޫންކަމަށާއި، ގިނަ ޓޭކްއައުޓް ކޮންޓެއިނަރުތައް ހިމެނެނީ މި ކެޓަގަރީގައެވެ. އަދި ޕްލާސްޓިކްގައި ލޭބަލް ނުޖަހާނަމަ ނުވަތަ ކޮންޓެއިނަރުގައި ފެންނަން ހުރި ގެއްލުންތަކެއް ހުރިނަމަ، މި ހާލަތްތަކުގައި މައިކްރޯވޭވް ކުރުން ރައްކާތެރިއެއް ނޫނެވެ.

ކޮންމެ ޕްލާސްޓިކް ކޮންޓެއިނަރެއް މައިކްރޯވޭވް ނުކުރެވެނީ ކީއްވެގެން ކަން އެނގޭ ތޯއެވެ؟ ކުރިންވެސް ބުނިހެން ޕްލާސްޓިކްގައި އެކުލެވޭ ބީޕީއޭ އާއި ފްތަލެޓްސް ގެ ސަބަބުން، ތަށި ފްލެކްސިބަލް އަދި ލުއި އެއްޗަކަށް ހެދުމަށް އެހީތެރިވެދިން ނަމަވެސް އިންސާނާގެ ސިއްހަތަށް އޭގެން ގެއްލުން ލިބިދާނެ އެވެ. ޕްލާސްޓިކް ހޫނުވުމުން، އެ ކެމިކަލްތައް ކާނާގެ ތެރެއަށް ލީކް ވެގެން ދެއެވެ.

އަލުން ހޫނުކުރާއިރު ކާނާ ނިވާކޮށް މަތިއަޅަން އެއްޗެއް ހޯދަން ޖެހޭއިރު ޕްލާސްޓިކް މަތި އިޚްތިޔާރު ނުކުރާށެވެ. އޭގެ ބަދަލުގައި ޕާޗްމަންޓް ޕޭޕަރެއް، ޓިޝޫ ނުވަތަ ކަރުދާސް ޕްލޭޓެއް ޖަހައިގެން ނިވާކޮށްލާށެވެ.

ކޮންެމެ ގޮތެއް ވިޔަސް އެންމެ ރަނގަޅު ގޮތަކީ އެއްގޮތަކަށްވެސް ޕްލާސްޓިކް ބޭނުންނުކުރުމެވެ.ސަބަބަކީ އެންމެ ރައްކާތެރި ޕްލާސްޓިކްތަކުގައި ވެސް ފުދޭވަރަކަށް ހޫނު ގަދަވުމުން ކެމިކަލްތައް ލީކް ވެދާނެތީއެވެ. ހާއްސަކޮށް އެތައް ފަހަރަކު ހޫނުކޮށްފިނަމަ އެވެ. އެންމެ ރަނގަޅު ގޮތަކީ ބިއްލޫރި ކޮންޓެއިނަރަކަށް ނުވަތަ ތައްޓއްގައި ކާއެއްޗެހި ބަހައްޓައިގެން މައިކްރޯވޭވް ކުރުމެވެ.