މުޅި ބޮލީވުޑްގައި މިދުވަސްކޮޅު އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކައަކީ "ޕަޓާން"ގެ ވާހަކައެވެ. ލީޑް ރޯލުން މަޝްހޫރު ތަރި ޝާހްރުކް ޚާން ފެނިގެންދާ މި ފިލްމު މުޅި ބޮކްސް އޮފީސް ގުގުމާލައި، ދަނީ އެތައް ރެކޯޑެއް މުގުރަމުންނެވެ. 

މިމަހުގެ 25ވަނަ ދުވަހު ސިނަމާތަކުގައި އަޅުވަން ފެށި "ޕަޓާން"އަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނީ ސުޕަރސްޓަރ ސަލްމާން ޚާން އޭނާގެ "ޓައިގަރ" ކެރެކްޓަރގައި ޝާހްރުކް ސަލާމަތްކުރަން އަންނަ މަންޒަރެވެ. މިކަމުގެ ސަބަބުން ވެސް ފިލްމު ބަލަމުންދާ މީހުން އިތުރުވާ ކަމަށް ބޭރުގެ ބައެއް ރިޕޯޓުތަކުން ދަނީ މަޢުލޫމާތު ލިބެމުންނެވެ. 

ފިލްމަށް ލިބެމުންދާ ކާމިޔާބީއާ ގުޅިގެން ޝާހްރުކް ޚާއްޞަ ހޭޝްޓެގެއް މެދުވެރިކޮށް ވަނީ ފޭނުންނަށް، އޭނާއަށް ސުވާލުކުރުމުގެ ފުރުޞަޠު ހުޅުވައިލައިފައެވެ. އެގޮތުން އޭނާގެ ފޭނަކު އޭނާއަށް ކުރި ޓްވީޓަކަށް ޖަވާބު ދެމުން އޭނާ ބުނެފައިވަނީ ސަލްމާނަކީ "ގޯޓް" ކަމަށެވެ.

ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބީއެއް ހޯދަމުންދާ "ޕަޓާން"ގައި މައިގަނޑު ރޯލުތަކުން ދީޕިކާ ޕަދުކޯންއާއި ޖޯން އަބްރަހަމް ފެނިގެންދެއެވެ. ސިދާތު އާނަންދު ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް އެތައް ބައެއްގެ ތަރުޙީބު ލިބެމުންދާއިރު ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިން ވެސް ވަނީ ފިލްމު ކަމުދިޔަ ކަމަށް ބުނެ، އަދި ބޮލީވުޑަށް ބޭނުންވަނީ މިފަދަ ފިލްމުތައް ކަމަށްބުނެ ސޯޝަލް މީޑިއާގައި ޝުޢޫރު ފައުޅުކޮށްފައެވެ. އޭގެ ތެރޭގައި ކަރަން ޖޯހަރާއި ކަންގާނާ ރާނޯޓް އަދި ރިތިކް ރޯޝަން ފަދަ ތަރިން ހިމެނެއެވެ. 

ޝާހްރުކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޑުންކީ"އާއި "ޖަވާން" ހިމެނެއެވެ.