ރާއްޖޭގައި ގިނަ އަދަދެއްގެ މީހުން ދަތުރުފަތުރުކުރުމަށް ބޭނުންކުރަނީ ސައިކަލެވެ. ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖޭގައި 2021 ވަނަ އަހަރު 1564 ، 2022 ވަނަ އަހަރު 1611 ، އަދި މިއަހަރު މިހާތަނަށް 123 ޓްރެފިކް ހާދިސާ ރިޕޯޓްކޮށްފައިވެއެވެ. އަދި މި ދެންނެވުނު އަހަރުތަކުގައި ރިޕޯޓްކޮށްފައިވާ ހާދިސާތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓްތަކެވެ. ޤަބޫލުކުރަންޖެހޭ ހަގީގަތަކީ ކާރެއް ދުއްވުމަށްވުރެ ސައިކަލު ދުއްވުމަކީ އަބަދުވެސް ނުރައްކާތެރި ކަމެއްކަމެވެ. ކާރު އެކްސިޑެންޓްވާއިރު މީހާ ހުންނަނީ ކާރު ތެރޭގައި ފުދޭވަރެއްގެ ރައްކާތެރިކަމަކާއެކުއެވެ. ވަރަށް ބޮޑު އެކްސިޑެންޓެއްގައި ނޫނީ ގިނަފަހަރަށް ކާރުގައި ތިބޭ ބަޔަކަށް މާބޮޑެތި ޖިސްމާނީ އަނިޔާތަކެއް ނުލިބެއެވެ. އެއާ ޚިލާފަށް ސައިކަލް ދުއްވާ މީހުންނަށް ކުޑަ އެކްސިޑެންޓެއްގައިވެސް ބޮޑެތި އަނިޔާތަކެއް ލިބުމުގެ ފުރުސަތު ބޮޑެވެ. މިފަދަ އަނިޔާތައް ކުޑަކުރެވޭނެ ނުވަތަ އެކްސިޑެންޓެއް ވުމުން ރައްކާތެރިވެވޭނެ ސަލާމަތީ ފިޔަވަޅުތައް ހުރެއެވެ.
މޮޓޯސައިކަލް އެކްސިޑެންޓްތަކުން ދުރުހެލިވެވޭނެ ގޮތްތައް:
އެކްސިޑެންޓުތަކަކީ ކޮންމެހެން ދިމާވާ ކަމެއް ނޫންކަމުގައި ވީ ނަމަވެސް، ގިނަ ފަހަރަށް އެކްސިޑެންޓްތައް ދިމާވަނީ ސައިކަލު ދުއްވާ މީހާގެ ކޮންޓްރޯލުން ބޭރުގެ ކަންތައްތަކުގެ ސަބަބުންނެވެ. އެކަމަކު ސައިކަލު އެކްސިޑެންޓްތަކުގެ ފުރުސަތު ކުޑަކުރުމަށާއި ސައިކަލް އެކްސިޑެންޓްތަކުގެ ގެއްލުންތައް ކުޑަކުރުމަށް ސައިކަލު ދުއްވާ މީހުންނަށް ކުރެވިދާނެ ކަންތަތައް އެބަހުއްޓެވެ. މިއީ ރައްކާތެރިވުމަށް އެހީތެރިވެދޭނެ ބައެއް ކަންތައްތަކެވެ. އަބަދުވެސް ފުރަތަމަ ބަލަންވާނީ ރައްކާތެރިކަމާއެކު ދުއްވޭތޯއެވެ. ޚާއްސަކޮށް ސްޕީޑް ލިމިޓުގެ ތެރޭގައި ދުއްވަން ކޮންމެހެންވެސް އާދަކުރަން ޖެހެއެވެ.
މަގުތަކަށް ސަމާލުކަން ދިނުން
މަގުމަތީގައި ހުންނަ ވަޅުގަނޑުތަކާއި، ހިލަތަކާއި އަދި އެހެނިހެން ކުނިތަކަކީ ސީރިއަސް އެކްސިޑެންޓްތަކުގެ ސަބަބަކަށް ވެދާނެއެވެ. ދުއްވާއިރު ދުވަހަކުވެސް މަގުތަކަށް ސަމާލުކަން ދިނުން ހުއްޓާލައިގެން ނުވާނެއެވެ. ދުއްވާއިރު ސަމާލުކަން ދިނުން އިތުރުކުރުމަށް ފަރުވާކުޑަކޮށް އަދި ހިތަށްއެރި ގޮތަކަށް ޤަވާއިދުތަކަށް ބެލުމެއްނެތި ހޫރެމުން ހޫރެމުން ދުއްވާ މީހުންނާއި މާ ކައިރިން ނުދުއްވާ ވޭތޯ ބަލާށެވެ. އަދި އަބަދުވެސް އެހެން އުޅަނދުތައް، ޚާއްސަކޮށް ބޮޑެތި އުޅަނދުތައް ކައިރިން ދާއިރު ރައްކާތެރިކަމާއެކު ދުއްވާށެވެ.
ބައެއް މޮޓޯސައިކަލް މާހިރުން ލަފާދޭ ގޮތުގައި ނަފްސަށް "ކިހިނެއް ވާނީ؟" ސުވާލު ކުރުމަށެވެ. "އެ ޕާކުކޮށްފައި އޮތް ކާރުގެ ޑްރައިވަރުގެ ދޮރު ކުއްލިއަކަށް ހުޅުވާފިނަމަ ކިހިނެއް ވާނީ؟" "އިންޓަސެކްޝަންގައި ހުއްޓިފައި ހުރި މީހަކު އަހަރެން އަންނަތަން ނުފެނި މަގު ހުރަސްކުރަން ފަށައިފިނަމަ ކިހިނެއް ވާނީ؟" "އަހަރެންނާ ދިމާލަށް މިސްރާބު ޖަހާފައި ލޮރީއެއް ސީދާ އަހަރެންގެ ކުރިމައްޗަށް އެނބުރޭނަމަ ކިހިނެއް ވާނީ؟" މި ހާލަތްތައް އަމިއްލަ ނަފްސަށް ސުވާލުކުރުމުން ހަގީގަތުގައި އެކަންކަން ދިމާވެއްޖެނަމަ، އަވަހަށް އެކަމަށް "ރިއެކްޓް" ކުރުމަށް އެހީތެރިވެދޭނެއެވެ. އަދި "ރިއެކްޝަން" ވަގުތުގައި އެންމެ ސިކުންތެއްވެސް ސަލާމަތްކުރުމަކީ ވަރަށް މުހިންމުކަމެކެވެ.
މޮޓޯސައިކަލް ރަނގަޅު ހާލަތެއްގައި ބެހެއްޓުން
މޮޓޯސައިކަލް ރަނގަޅު ހާލަތެއްގައި ފެންނަކަމުގައި ވީނަމަވެސް، ރޫޓިން ޗެކަޕްތަކަށް ގެންދަންވާނެއެވެ. މެކޭނިކަލީ ސައިކަލުގައި ހުރި މައްސަލަތައް ސީރިއަސް މައްސަލަތަކަށް ވުމުގެ ކުރިން ދެނެގަނެވޭނެއެވެ. ސައިކަލުގައި އާދަޔާ ހިލާފު ކަމެއް ފާހަގަ ކުރެވިއްޖެނަމަ ވީހާވެސް އަވަހަކަށް ގަރާޖަކަށް ގެންދާށެވެ.
މޮޓޯސައިކަލް އެކްސިޑެންޓަކުން ސަލާމަތްވާނެ ގޮތް:
މަގުމަތީގެ ހުރަހެއްގެ ސަބަބުން ސައިކަލުގެ ކޮންޓްރޯލް ގެއްލިދާނެއެވެ. ފަހަރެއްގައި އެހެން އުޅަނދެއްގެ "ޓްރެޖެކްޓަރީ" (މިސްރާބު) ތިބާގެ "ޓްރެޖެކްޓަރީއާ" ދިމާވެދާނެއެވެ. މޮޓޯސައިކަލް އެކްސިޑެންޓްތަކުގެ ސަބަބުން ގިނަ އަދެއްގެ މީހުން މަރުވުމާއި ސީރިއަސް ހާލަތްތަކަށް ދާއިރު، ބާރުމިނެއްގައި އައިސް އެހެން އުޅަނދެއް ތިބާގެ އުޅަނދުގައި ޖެހުމުން ނުވަތަ "ސްކިޑް ސިނާރިއޯ" އެއްގައި، ސަލަމާތްވުމުގެ ފުރުސަތު އިތުރު ކުރުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް އެބަހުއްޓެވެ.
ބުރަކި ޖެއްސުން
ރަނގަޅަށް ބުރަކި ޖައްސަން ދަސްކުރުމަކީ ސައިކަލު ދުއްވާ މީހުންނަށް ކޮންމެހެން ބޭނުންވާ ހުނަރެކެވެ. ބުރަކި ރަނގަޅަށް ޖައްސަން ދަސްކުރުމުން ބޮޑެތި ކާރިސާތައް ވުމުން ސަލާމަތްވެވިދާނެއެވެ. ހުރަހެއް ދިމާވެއްޖެނަމަ އަވަހަށް "ރިއެކްޓް" ކުރަން ޖެހޭނީ ދެ ބުރަކިވެސް ޖައްސައިގެންނެވެ. ހާސްވެގެން ކުއްލިއަކަށް ސައިކަލް ހުއްޓުވާލުމުގެ ސަބަބުން ސައިކަލުގެ ބަރުދަން ކުރިމަތީ ފުރޮޅަށް ދާނެއެވެ. އަދި، ސައިކަލުގެ ކުރިމަތީ ފުރޮޅުގެ ބުރަތްކަކީ އެންމެ ބާރުގަދަ ބުރަކި ކަމުން އިމަޖަންސީ ވަގުތެއްގައި އަބަދުވެސް ފުރަތަމަ ކުރީ ބުރަކި ޖައްސަން އިސްކަންދޭންވާނެއެވެ. އަދި ސައިކަލުގެ ފަހަތަށް ބަރުދަން ބަހައްޓާ ފަހަތު ބުރަކި ބޭނުންކޮށްގެން "ބްރޭކިން ފޯސް" ހަމަހަމަ ކުރާށެވެ. ކުރިމަތީ ބުރަކި އެއްފަހަރާ ޖެއްސުމުގެ ބަދަލުގައި މަޑުމަޑުން "ސްޕީޑް" ދަށްކުރާށެވެ. އޭރުން ކުރިމަތީގެ ބުރަކި ލޮކްވުމަށް ހުއްޓުވައިދޭނެއެވެ.
"ކްރޭޝް" ވާނެ ތަން ހޯދުން
އެކްސިޑެންޓަކާއި ކުރިމަތިވާ ހާލު ސައިކަލު "ކްރޭޝް" ވުމަށް ތިމާގެ އެއްވެސް އިޙްތިޔާރެއް ނޯންނާނެއެވެ. ނަމަވެސް "ކްރޭޝް" ވާން އުޅޭކަން އެނގޭނަމަ، "ކްރޭޝް" ވުމަށް އެންމެ ރަނގަޅު ތަނެއް ވިސްނުމަށްފަހު، އެތަނަކަށް އަމާޒުކުރުމަކީ ރަނގަޅުކަމެކެވެ. މިގޮތަށް "ކްރޭޝް" ވުމަށް އެންމެ އެކަށީގެންވަނީ ބުރަކި ނުޖައްސައެވެ. މިގޮތުން އުޅަނދުތައް ބާރަށް ދުއްވާފައި އަންނަ ދިމާއަކަށް މިސްރާބު ނުޖެހުން އަދި އެއްވެސް އެހެން އުޅަނދެއްގަ ނުވަތަ މީހެއް ގައިގަ ޖެހެން ދާނަމަ އެ އެއުޅަނދާއި ނުވަތަ މީހާއާއި ދުރަށް ވަގުތުން ހުންގާނު އަނބުރާލަން ނުވަތަ "ސްޓިއަރ" ކުރަން މަސައްކަތްކުރާށެވެ.
ސައިކަލުން ފުންމާނުލުން
"ކްރޭޝް ސިނާރިއޯއެއްގައި" ސައިކަލު ދޫކޮށްލާ ފުންމާލަން ބޭނުންވެދާނެއެވެ. ނަމަވެސް ދުއްވާ އުޅަނދުތަކުގެ ކުރިމައްޗަށް ވެއްޓޭފަދަ ހާލަތެއްގައި ސަލާމަތްވުމުގެ ފުރުސަތު ބޮޑީ ސައިކަލުގައި ހުރުމުންނެވެ. ސައިކަލުން ފުއްމާލާފިނަމަ، ކުރިމަތިން އަންނަ އުޅަނދުތަކުގެ ދިމާލަށް ވެއްޓި ޖެހުމުގެ ފުރުސަތު ބޮޑެވެ. އަދި، އެގޮތަށް ސައިކަލު ދޫކޮށްލައިފިނަމަ މަގުމަތީގައި ހިނގާފައި ދާ މީހަކާ ދިމާއަށް ސައިކަލު ގޮސް ބޮޑު އަނިޔާއެއް ވެސް ލިބިދާނެ އެވެ.
ހަށިގަނޑު "ރޯލް" ކުރުމަށް ތައްޔާރުވުން
"އިމްޕެކްޓް" އަކުން ސަލާމަތް ނުވެވޭނަމަ، ބޮޑެތި އަނިޔާތަކުން ރައްކާތެރިވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން ޖެހޭނެއެވެ. އެކްސިޑެންޓުގެ މެދުތެރޭގައި ސައިކަލް ދޫކޮށްލަން ޖެހޭ ހާލަތްތަކުގައި "ޓަކް އެންޑް ރޯލް" ނުވަތަ "ކޮންޓްރޯލްޑް ރޯލް" ޓެކްނީކެއް ބޭނުންކުރުމަކީ ލިބޭނެ އަނިޔާތަކުގެ މިންވަރު ކޮންމެވެސް ވަރަކަށް ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ސައިކަލު މަތީގައި ހުންނަ ވަގުތު "ކްރޭޝް" އެއް އަންނަތަން ފެނިއްޖެނަމަ "ޓަކް އެންޑް ރޯލް" ކުރެވިދާނެއެވެ. "ޓަކްޑް" ޕޮޒިޝަނަކަށް ދިއުމަސްޓަކައި ކަކޫ މޭމައްޗަށް ގެނެސް، މޭމަތީގައި އަތް ހުރަސްކޮށް، ބޯ ތިރިކޮށް މޭމައްޗާ ދިމާލަށް ޖައްސާލާށެވެ. ދެން، "ކްރޭޝް" ކުރާވަރަކަށް "ރިލެކްސް" ކޮށް ރޯލްވާން މަސައްކަތް ކުރާށެވެ. ”ކޮންޓްރޯލްޑް ރޯލް" އެންމެ ރަނގަޅީ "ސްލައިޑަކަށް" ފަހު ނުވަތަ ބިމާ ކައިރިން ސައިކަލުން ފައިބައިގެން އަންނަ ނަމައެވެ. "ކޮންޓްރޯލް ރޯލް" ކުރުމަށްޓަކައި އަތްތިލަ ބޯ މަތީގައި ބަހައްޓައި ފައި ސީދާކޮށް ބެހެއްޓާށެވެ. ދެން، ހަށިގަނޑު އަމިއްލައަށް ހުއްޓޭހާ ހިނދަކަށް ރޯލްވާން ދޫކޮށްލާށެވެ.
އެހެން ގޮތެއް ނެތިއްޔާ ނޫނީ "ޓަކް އެންޑް ރޯލް" ނުވަތަ "ކޮންޓްރޯލްޑް ރޯލް" ބޭނުން ނުކުރެވޭނެކަން ހަނދާނުގައި ބަހައްޓަން ޖެހެއެވެ. "ކްރެޝް" ވުން ނޫން އެހެން ގޮތެއް ނެތްނަމަ، މި "ޕޮޒިޝަނަށް" ދިއުމަކީ އުނދަގޫ ކަމަކަށް ވެގެން ނުވާނެއެވެ.
