އިންސާނާގެ ހަށިގަނޑުގައިވާ ހަޖަމުގެ ނިޒާމުގައި އެތައް ގުނަވަނެއް ވެއެވެ. މި ގުނަވަންތަކުގެ ފަރުމާގެ ފުރިހަމަ ކަމަކީ އަޖައިބެއްކަހަލަ ކަމެކެވެ. މިއީ މާތް ﷲ ގެ ކުޅަދުންވަންތަ ކަމުގެ ފުރިހަމަ ހެކިތަކެވެ. އިންސާނާގެ ހަށިގަނޑުގެ ހަޖަމުގެ ނިޒާމުގައި މުހިއްމު ދައުރެއް އަދާކުރާ އެއް ގުނަވަނަކީ ފިތެވެ. އިނގިރޭސިބަހުން ބުނާނަމަ ގޯލްބްލެޑާރ އެވެ.
ފިތަކީ ފުރަމެއިން އުފެދިގެން އަންނަ ދިޔަވަރެއް ޖަމާކޮށްފައި ހުންނަ ކުޑަ ކޮތަޅެއް ޒާތު ގުނަވަނެކެވެ. ގަދަ ރީނދޫ ކުލައެއްގައި ހުންނަ މި ދިޔަވަރަށް ބައިލް އޭ ކިޔައެވެ. ފިތުގެ މަސައްކަތަކީ، އޭގައި ޖަމާކޮށްފައި އެ ހުންނަ ދިޔަވަރުތައް، ހަޖަމު ކުރަމުންދާ ވަގުތު ކުޑަގޮހޮރު ފެށޭ ހިސާބަށް ފޮނުވައިދިނުމެވެ. މި ދިޔަވަރުން، ހަޖަމުކޮށްދޭ މައިގަނޑު މާއްދާތަކަކީ ސަރުބީގެ މާއްދާތަކެވެ.
ފިތަށް ދިމައިވާ އެކިއެކި މައްސަލަ ތަކުގައި ހަޖަމުގެ ނިޒާމަށް ބުރޫ އަރަނީ ކީއްވެ ހެއްޔެވެ؟ މި ލިޔުމުގައި މި ބަލާލަނީ ފިތުގައި ހިލަ ހުރުމުން، ހަޖަމުގެ ނިޒާމަށް ކޮށްފާނެ އަސަރަކަށެވެ. އިސްވެ ދެންނެވިފަދައިން ފިތަކީ ކޮތަޅެއް ޒާތު ގުނަވަނެކެވެ. އޭގެ ތެރޭގައި ހިލައެއް އުފެދިއްޖެނަމަ، އެގުނަވަނުގެ މަސައްކަތް އޭގެ އެއްމެ އެދެވޭ ގޮތުގައި ނުކުރެވެއެވެ. އެހެނީ އެ ގުނަވަން ހަރުވެ ކުރުގެޅޭ ކޮންމެ ފަހަރަކު، އެތެރޭގައި އެ އިންނަ ހިލަކޮޅުގެ ސަބަބުން ހަރުވެ ކުރުގެޅެން އުނދަގޫވެއެވެ. ހަރުވެ ގުރުޅެނީ އޭގައި ހުންނަ ދިޔަވަރުތައް ކުޑަގޮހޮރުގެ ފެށޭބަޔަށް ފޮނުވައި ދިނުމަށެވެ.
ކަންމިހެން ވުމުން، އެ ދިޔަވަރުތައް، ކުޑަގޮހޮރަށް ދާން ޖެހޭ މިންވަރަކަށް ނުދެއެވެ. ނަތީޖާއަކަށް ވަނީ ބަނޑުގައި ވައި އުފެދި، ބަނޑު ފުއްޕުން ކަމުގައި ސިއްހީ މާހިރުން ވިދާޅުވެއެވެ. އަނެއް ކަމަކީ ހަޖަމުގެ ތަރުތީބު ގެއްލުމެވެ. މި ހުރިހާ ކަމެއް މެދުވެރި ވަނީ ބަނޑާ ގޮހޮރުގައި ހުންނ ޖަރާސީމު ތަކެެއްގެ ސަބަބުންނެވެ. އިންސާނާގެ ހަށިގަނޑުގެ ހަޖަމު ކުރުމުގެ ނިޒާމުގެ ތެރޭގައި، ހަށިގަނޑަށް ފައިދާކުރިވަނިވި ޖަރާސީމުތަކެއް އުޅެއެވެ. ބަނޑާ ގޮހޮރުގެ "ތާސީރު" ހުންނަ ގޮތަކުން، އެ ޖަރާސީމުތައް އެއް މިނެއްގައި ހިފެހެއްޓިފައިގުރެއެވެ.
ެިއިސްވެދެންނެވިފަދައިން ފިތުން ފޮނުވައިދޭ ދިޔަވަރުތައް، އެކަށީގެންވާ މިންވަރަށް ފޮނުވައި ނުދެނީނަމަ، ބަނޑާ ގޮހޮރުގެ "ތާސީރަށް" ބަދަލު އަންނާނެއެވެ. އެއާއި އެކު އެއް މިންގަނޑެއްގައި ހިފެހެއްޓިފައި ހުރި އެއްކަލަ ޖަރާސީމުތަކުގެ އަދަދު އިތުރުވާން ފަށައެވެ. މިއީ ވަރަށްވެސް ކުޑަ ވަގުތުކޮޅެއްގައި ހިނގާ ކަންކަމެވެ.
މި ޖަރާސީމުތައް އިތުރުވަމުން ދަނީ ހަޖަމުގެ ނިޒާމުގައި ވައި އުފައްދަމުންނެވެ. އެއާއި އެކު ބަނޑު ބޮޑުވެ ފުއްޕާފައި ހުންނަ ގޮތަކަށް ހުރެއެވެ. އަދި އުފެދޭ ވައިގައި ހުންނަ ޕުރެސަރެއްގެ ސަބަބުން ހަޖަމުގެ މަރުހަލާގައި ގިނަ ވަގުތު ހޭދަވެއެވެ. މިއާއި އެކު ބޮޑުކަމުގެ ދިއުމުގެ އާދައަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ.
ފިތުގައި އުފެދޭ ހިލަ ނުވަތަ ގޯލްސްޓޯން އޭ މި ކިޔާ ހާލަތުގައި ޖަހަމުގެ ނިޒާމަށް ދިމައިވާ މި ކަންކަމަކީ އަހަރެމެންނަށް އެނގިފާ ހުރުން މުހިއްމު ކަމެކެވެ. އެހެނީ އެފަދަ ކަންކަމަށް ފަރުވާތެރި ވުމާއި، އެފަދަ ކަމެއް ދިމައިވާނަމަ ލަސްނުކޮށް ޑަކްޓަރަށް ދެއްކުމުގެ ހޭލުންތެރިކަން އިތުރުވުމެވެ. އަދި އެފަދަ ކަންކަމުގައި ކަންބޮޑުވުމާއި ހާސްވުން ކުޑަކުރުމެވެ.
