މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ރޭ ބްރެޒިލްގެ ފްލަމެންގޯ 3-2 އިން ބަލިކޮށް، ސައުދީ އަރަބިއްޔާގެ އަލް ހިލާލް އިން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މެޗުން އަލް ހިލާލް މޮޅުކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ސައުދީ ގައުމީ ޓީމުގެ ފޯވާޑް ސާލެމް އަލް ދައުސާރީ އެވެ. އޭނާ ވަނީ މި މެޗުގައި އަލް-ހިލާލް އިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދީފައެވެ.

މޮރޮކޯގެ ވެރިރަށް، ރަބާތުގައި ރޭ ކުޅުނު މި މެޗު ފެށިގެން ކުރީކޮޅު ލީޑްނެގީ ވެސް އަލް ހިލާލް އިންނެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި ހިލާލް އަށް ލިބުނު ޕެނަލްޓީއަކުން މި ލަނޑުޖަހައިދިނީ އަލް ދައުސާރީ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ހިލާލްގެ ލުސިއާނޯ ވިއޭޓޯ އަށް ފްލަމެންގޯގެ މަތެއުޒީނިއޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

އޭގެފަހުން، މެޗުގެ 20 ވަނަ މިނެޓުގައި ފްލަމެންގޯގެ ބްރެޒިލް ފޯވާޑް، ޕެޑްރޯ ލަނޑެއްޖަހައި އެއްވަރުކޮށްދީފައިވަނިކޮށް، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ހިލާލަށް ލިބުނު ޕެނަލްޓީއަކުން ދެވަނަ ފަހަރަށް ލީޑްނަގައިދިނީ ވެސް އަލް ދައުސާރީ އެވެ. މި ޕެނަލްޓީ ހޯދައިދިނީ ވެސް ވިއޭޓޯ އެވެ. ޕެނަލްޓީއޭރިޔާ ތެރެއިން ވިއޭޓޯ އަށް ފައުލްކުރި ފްލަމެންގޯގެ ޖެރްސަން އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދައްކާ ދަނޑުން ފޮނުވާލުމުން އެ ޓީމުން މެޗުގެ ބާކީބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މެޗުގެ 70 ވަނަ މިނެޓުގައި ހިލާލްގެ ފުރަތަމަ ދެ ލަނޑުޖަހައިދިން އަލް ދައުސާރީ ތަނަވަސްކުރި ފުރުޞަތަކުން އެ ޓީމުގެ ތިންވަނަ ލަނޑުޖަހައިދިނީ ވިއޭޓޯ އެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ފްލަމެންގޯގެ ޕެޑްރޯ އިތުރު ލަނޑެއްޖަހައި، ފަރަގު ކުޑަކޮށްދިނެވެ.

"ފްލެމެންގޯ ހައިރާންވީ އަހަރެމެން ދެއްކި ކުޅުމާއި ތައްޔާރުވެފައި ތިބި މިންވަރުން، ނަފްސާނީ ގޮތުންނާއި ސްޓްރެޓެޖިކް ގޮތުން،" ނޫސްވެރިންގެ ބައްދަލުވުމުގައި އަލް ހިލާލްގެ ކޯޗު ރަމޮން ޑިއާޒް ބުންޏެވެ.

ހޮނިހިރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފައިނަލްގައި އަލް ހިލާލް ކުޅެން ޖެހެނީ މިރޭ ކުޅެވޭ ސެމީގެ ދެވަނަ މެޗުގައި ސްޕެއިނުގެ ރެއާލް މެޑްރިޑާ ދެކޮޅަށް މިސްރުގެ އަލް އަހްލީ ކުރެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.